އާމްދަނީއަށް އަސަރުކުރި 2500 ފަރާތަކަށް 10 މިލިއަން ރުފިޔާ ދީފައިވާ ކަމަށް ސަރުކާރުން ބުނެފިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، "އިންކަމް ސްޕޯޓް" ގެ ގޮތުގައި ޖުލައި މަހުގެ 3 ވަނަ ދުވަހާ ހަމައަށް 2,507 މީހަކަށް އިންކަމް ސަޕޯޓް އެލަވަންސްގެ ގޮތުގައި ސަރުކާރުން 10.1 މިލިއަން ރުފިޔާ ދޫކޮށްފައި ވާކަމަށެވެ.

އެ އެހީ ދެނީ ކޮވިޑް-19 އާ ގުޅިގެން އިގްތިސޯދަށް އެހީވާން ސަރުކާރުން އިއުލާނު ކުރި 2.5 ބިލިއަން ރުފިޔާގެ ރިލީފް ޕެކޭޖުގެ ތެރެއިންނެވެ. ސަރުކާރުން ދޭ އިންކަމް ސަޕޯޓަށް އެހީވާން ވޯލްޑް ބޭންކުން ދާދި ފަހުން ވަނީ 12.8 މިލިއަން ޑޮލަރުވެސް ދޭން ނިންމާފައެވެ.

ސަރުކާރުން 10.1 މިލިއަން ރުފިޔާ ދޫކޮށްފައި ވާކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާއިރު، ފާއިތުވި ހަފްތާގައި އެކަނިވެސް 4.3 މިލިއަން ރުފިޔާ ވަނީ އެލަވަންސް ގެ ގޮތުގައި ދޫކޮށްފައެވެ.

ކޮވިޑް-19 އާ ގުޅިގެން އާމްދަނީއަށް އަސަރު ކޮށްފައިވާ ފަރާތްތަކަށް ސަރުކާރުން ދޫކުރާ އެ އެލަވަންސް ފިނޭންސް މިނިސްޓްރީ މެދުވެރިކޮށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީން ދޫކުރަން ފަށާފައި ވަނީ މޭ މަހުގެ 20 ވަނަ ދުވަހެވެ. އިންކަމް ސްޕޯޓް އެލަވެންސްގެ ގޮތުގައި ކޮންމެ މީހަކަށް ވެސް ލިބޭނީ 5،000 ރުފިޔާ އާ ހަމައަށް ކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ.

ވަޒީފާއިން ވަކިކޮށްފައިވާ ނުވަތަ ސަސްޕެންޑް ކޮށްފައިވާ ފަރާތެއްނަމަ، މަހަކު 5000 ރުފިޔާ އަދި ނޯޕޭ ލީވް އަށް ފޮނުވައިފައިވާ ފަރާތެއް ނަމަ ވެސް އެވަރު އެލަވަންސްގެ ގޮތުގައި ލިބެއެވެ. މުސާރައިގެ ގޮތުގައި ލިބޭ އަދަދު އުނިކޮށްފައިވާ ފަރާތެއްނަމަ، އެފަދައިން އުނިކުރާ އަދަދު އުނިކުރުމަށްފަހު މުސާރައިގެ ގޮތުގައި ލިބޭ އަދަދަކީ 5000 ރުފިޔާއަށްވުރެ ދަށް އަދަދެއްނަމަ، 5000 ރުފިޔާއިން މިހާރު ލިބޭ މުސާރައިގެ އަދަދު އުނިކުރުމުން ޖެހޭ އަދަދު ލިބޭނެއެވެ.

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ އިގްތިސޯދަށް ގެއްލުންލުން ވުމާއެކު ގިނަ އަދަދައްގެ ބައެއްގެ ވަޒީފާ އަށް އަސަރުކޮށްފައި ވަނީ ޓޫރިޒަމް ސިނާއަތުގަ މަސައްކަތް ކުރާ ފަރާތްތަކަށެވެ.