ހަތަރުމަހުގެ ކަރަންޓް ބިލު ބަހާލައިގެން ދެއްކުމަށް އެދުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ސްޓެލްކޯއިން ބުނީ މާޗު މަހުން ފެށިގެން ޖޫން މަހާއި ހަމައަށް ކަރަންޓު ބިލު ދެއްކުމުގައި ދަތިވެފައިވާ ފަރާތްތަކުގެ ކަރަންޓް ބިލު ބަހާލައިގެން ދެއްކުމަށް އެދުމުގެ ފުރުސަތު ހުޅުވާލައިފައިވާއިރު، ބަހާލައިގެން ބިލްތައް ދެއްކެވުމަށް އެދި ފޯމް ހުށަހެޅުމުގެ ފުރުސަތު އޮންލައިންކޮށްވެސް ވަނީ ހުޅުވާލައިފައި ކަމަށެވެ.

އެގޮތުން ސްޓެލްކޯގެ ލިންކް އާއި ސްޓެލްކޯގެ ކައުންޓަރުންވެސް އެކަމަށް އެދޭ ފޯމު ލިބޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

މިއަދުން ފެށިގެން ދެ ހަފްތާއަށް ހުޅުވާލާ އެ ފުރުސަތުގައި އެކަމަށް އެދޭ ފަރާތްތަކާއެކު ސްޓެލްކޯއިން އެގްރިމެންޓެއް ހަދައި އިންސްޓޯލްމެންޓަށް ބިލު ދެއްކޭނެ އިންތިޒާމުތައް ހަމަޖައްސައިދޭނެ ކަމަށް އެ ކުންފުނިން ބުނެފައިވާއިރު، މިދިޔަ ބުރާސްފަތި ދުވަހު، ސްޓެލްކޯ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީ ވަނީ ކޮންމެ ކަސްޓަމަރަކަށްވެސް އެމީހެއްގެ ހާލަތު ވަކިން ބެލުމަށްފަހު ހާއްސަ އިންތިޒާމުތައް ހަމަޖައްސައިދޭނެ ކަމަށް ވިދާޅުވެފައެވެ.

އެގޮތުން ޖޫން މަހުގެ ކަރަންޓު ބިލު ބޮޑުވެފައިވާކަމުގެ ޝަކުވާކުރަމުން ދަނިކޮށް އެ މަހުގެ ބިލުވެސް ސަބްސިޑައިޒްކޮށް، ބިލުން 40 ޕަސަންޓު ކަނޑާލަން ސަރުކާރުން ނިންމައިފައިވާއިރު، ސްޓެލްކޯއިން ބުނެފައި ވަނީ ސަބްސިޑީ ލިބޭނީ ހަމައެނަކި ޑޮމެސްޓިކް ކަސްޓަމަރުންނަށް ކަމަށެވެ.