ކޮވިޑާ ގުޅިގެން ހަތަރު މަސް ދުވަހުގެ މުސާރަ ނުދެވި ވާ ކަމަށް އެތަނުގައި މަސައްކަތް ކުރަމުންދާ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރު، މިލަންދޫ ދާއިރާގެ މެމްބަރު އަލީ ރިޒާ ވިދާޅުވެއްޖެއެވެ.

"ރާއްޖެ ޓީވީގެ" ޕްރޮގްރާމަކަށް ދިން އިންޓަވިއުއެއްގައި ވާހަކަ ދައްކަވަމުން މެންބަރު އަލީ ރިޒާ ބ. ބޮޑުފިނޮޅުގައި މަސައްކަތްކުރާ މީހުންނަށް ދޭން ޖެހޭ މުސާރަ ނުދެވި ވާ ކަމަށާއި މުސާރަ ނުދެވިފައިވަނީ އޭނާގެ ކުންފުންޏާ މަސައްކަތް ހަވާލުކުރި ސީލް މޯލްޑިވްސްއިން ދޭން ޖެހޭ ފައިސާ ނުދީގެން ކަމަށެވެ.

ނަމަވެސް އެމީހުންނަށްވެސް ފައިސާ ނުދެވި ވަނީ ދިމާވެފައިވާ ކޮވިޑްގެ ހާލަތާ ގުޅިގެން ދަތިތަކެއް ކުރިމަތި ވެގެން ކަމަށްވެސް ރިޒާ ވިދާޅުވިއެވެ. އަދި ހަމަ ނުޖެހުން ހިންގަނީ މުސާރަ ނުދީގެން ކަމަށްވެސް އޭނާވެސް ވިދާޅުވި އެވެ.

ބޮޑުފިނޮޅުގައި މަސައްކަތް ކުރާ ބިދޭސީންގެ ތެރެއިން 200 އެއްހާ ބިދޭސީއިން 15 ވަރަކަށް ދިވެހިން ރަހީނުކޮށް ހަމަނުޖެހުން ހިންގަމުން ދާތީ އެތަނަށް ދިޔަ ފުލުހުންގެ ތެރެއިން އެއް ފުލުހަކަށް ވަނީ އަނިޔާވެ ބ. ތުޅާދޫ ހޮސްޕިޓަލަށް ގެންގޮސްފައެވެ. މީގެ އިތުރުން މާލެއިން ފުލުހުނާއި ސިފައިން ވަނީ އެ ރަށަށް ދިއުމަށް ފުރާފައެވެ.