ރޭޕް އެވިޑެންސް ކިޓް ބޭނުންކުރުން ލާޒިމްކުރަން ގާނޫނަށް އިސްލާހެއް ހުށަހަޅައިފިއެވެ.

ތުޅާދޫ ދާއިރާގެ މެމްބަރު އަދި ޖޭއެސްސީގެ ރައީސް ހިސާން ހުސެއިން ވިދާޅުވީ ޖިންސީގޯނާގެ މައްސަލަތަކުގެ ޝިކާރައަކަށް ގިނަ ފަހަރު އަންހެނުންވެ މުޅި އުމުރަށް ނަފްސާނީ ގޮތުން އެކަމުގެ އަސަރު ތަހައްމަލްކުރަން ޖެހޭއިރު، އިންސާފު ނުލިބުމަކީ ކަންބޮޑުވުމެއް ކަމަށާއި އެފަދަ މައްސަލަތަކުގައި އޮންނަ ހަމައެކަނި އުއްމީދަކީ އިންސާފު ލިބުން ކަން އޭނާ ފާހަގަކުރެއްވިއެވެ.

ނަމަވެސް އެކަށީގެންވާ ހެކި ނެތިގެން މައްސަލަ ޝަރީއަތަށް ސާބިތުނުވެ، އަނިޔާ ލިބޭ މީހާ އަށް ގާނޫނީ ނިޒާމްގެ ތެރެއިން ގިނަ ފަހަރަށް ލިބެނީ އިތުރު ހިތްދަތި ކަމެއް ކަމަށް ހިސާން ވިދާޅުވިއެވެ.

އެ އިސްލާހު ހުށަހެޅުއްވީ ރޭޕާއި ޖިންސީ ގޯނާގެ މައްސަލަތަކުގެ ޝިކާރައަކަށްވާ މީހުންނަށް އިންސާފު ހޯދަން ޝަރީއަތަށް ހުށަހަޅާ މައްސަލަތައް އެކަށީގެންވާ ހެކި ނެތިގެން ސާބިތުނުކުރެވި އިންސާފަށް ހުރަސްއެޅިފައިވާ މައްސަލަ އަށް ހައްލެއް ހޯދުމުގެ ގޮތުންނެވެ.

ހިސާންގެ އެ އިސްލާހުގައި ފާހަގަ ކޮށްފައިވާ ބިލުގައި ސިއްހީ ހިދުމަތްދޭ ތަނަތަނުން ކަނޑައަޅަން ޖެހޭނެ ވަކި އުސޫލަކާއި ފުލުހުން އަމަލު ކުރަން ޖެހޭނެ ވަކި އުސޫލެއް ހިމަނާފައި ވެއެވެ. އެ އިސްލާހު ހުށަހެޅުއްވީ ޖިންސީ ކުށުގެ ގާނޫނުގެ 50 ވަނަ މާއްދާގެ ފަހަތަށް ފަސް ވަނަ ބާބަށް މާއްދާއެއް އިތުރުކުރާށެވެ.

ހިސާން މިފަދަ އިސްލާހެއް ގެނައުމަށް ހުށަހަޅާފައި ވަނީ ހުޅުމާލެ ފަޅު ތެރޭގައި އޮތް ސަފާރީއެއްގައި މިިދިޔަ ހަފުތާގައި ހިންގި ޖިންސީ ގޯނާގެ މައްސަލައިގައި ފުލުހުން އެކަށީގެންވާ ތަހުގީގެއް ނުކުރާ ކަމުގެ ކަންބޮޑުވުން އުފެދި މައްސަލަ ހޫނުވެފައި ވަނިކޮށެވެ. އަނިޔާ ލިބުނު ބިދޭސީ އަންހެން މީހާ ހޮސްޕިޓަލަށް ގެންގޮސް ޓެސްޓް ކުރުން ލަސްވި މައްސަލައިގައި ފުލުހުންގެ ތަހުގީގާ މެދު ސުވާލު އުފައްދައި، ފާޑުކިއުންވެސް އަމާޒު ވެފައި ވަނިކޮށެވެ.