މިޔަންމާގެ އުތުރުގައި ޒަބަރުޖުދު ހިލަ (ޖޭޑް) ނެގުމުގެ މަސައްކަތް ކުރަމުން ދިޔަ މައިނެއްގައި ހިނގި ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާގައި މަރުވި މީހުންގެ އަދަދު 113 އަށް އަރައިފިއެވެ.

މި ހާދިސާގައި މަރުވި މީހުންގެ އަދަދު، މިއަށްވުރެވެސް މައްޗަށް އެރުން އެކަށީގެންވާ ކަމަށް މިޔަންމާގެ އޮފިޝަލުން ވަނީ އިންޒާރު ކުރައްވާފައެވެ.

މިޔަންމާގެ ފަޔާ އެންޑް ރެސްކިއު ސާވިސަސްއާ ހަވާލާދީ ބައިނަލްއަގުވާމީ މީޑިއާއިން ރިޕޯޓް ކުރި ގޮތުގައި، މިއަދު ހެނދުނު ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާ ހިނގާފައިވަނީ ބޯކޮށް ވާރޭ ވެހުމަށް ފަހުގައެވެ.

ހާދިސާ ހިނގި ސަރަހައްދުގައި ހުރި މައުންގް ހައިންގް ކިޔައިދީފައިވާ ގޮތުގައި، މަތި މައްޗަށް އަޅަމުން ގޮސް އެއް އަތަކަށް ވެއްޓެން ދާން ތައްޔާރަށް ހުރި ކުނި ފުންޏެއް ފެނުނު ކަމަށާ، އެ ކުނި ފުނީގެ ފޮޓޯއެއް ނަގަން ތައްޔާރުވެލީ ވަގުތު، ސަލާމަތްވާން ދުވުމަށް އެދި މީހުން ހަޅޭއްލަވަން ފެށި އަޑު އިވުނެވެ. މިނެޓެއް ހާއިރުވެސް ނުވެ، ތިރީ ސަރަހައްދުތަކުގައި ތިބި މީހުން އެކީ އެކައްޗަކށް ގެއްލުނު ކަމަށް އޭނާ ވަނީ ކިޔައިދީފައެވެ. އަދިވެސް ގައިން ހީބިހި ނުފިލާ ކަމަށާ، ކިސަޑުގަނޑު ތެރޭގައި ތާށިވެފައި ތިބި މީހުން އެހީއަށް އެދި ހަޅޭއްލަވަމުން ދިޔައިރުވެސް އެހީވެދެވޭނެ އެއްވެސް މީހަކު އެ ސަރަހައްދުގައި ނެތް ކަމަށް މައުންގް ވަނީ ކިޔައިދީފައެވެ.

މިޔަންމާގައި ޒަބަރުޖުދު ނެގުމަށް މައިން ކުރުމުގެ މަސައްކަތުގައި އާންމުކޮށް ޝާމިލުވެ އުޅެނީ އިންތިހާއަށް ފަގީރު އާބާދީތަކުގެ މީހުންނެވެ. ޒަބަރުޖުދު ނެގުމަށް މައިން ކުރުމުގެ މަސައްކަތް ކުރިއަށްދަނީ އެކަށީގެންވާ ގޮތެއްގައި ރެގިއުލޭޓް ނުކުރެވިއެވެ.

2016 ވަނަ އަހަރު މިޔަންމާގެ ވެރިކަމާ އާންގް ސަންގް ސޫޗީ ހަވާލުވީ، މިކަމަށް އިސްލާހު ގެންނާނެ ކަމަށް ބުނަމުންނެވެ. ނަމަވެސް މިކަމަށް އަދިވެސް މާ ބޮޑު ބަދަލެއް އައިސްފައި ވާތީ ނުފެނެއެވެ. 2016-2017 ވަނަ އަހަރާ ދެމެދު މިޔަންމާއިން ރަސްމީ ސިފައެއްގައި ޒަބަރުޖުދު ވިއްކައިގެން 750.4 މިލިއަން ޑޮލަރު ހޯދި ކަމަށް ރެކޯޑްތަކުން ދައްކައެވެ.