މާލޭ ގެގޭގެ ކަރަންޓު ބިލު މިދިޔަ މަހު ބޮޑުވެފައިވާ މައްސަލަ މަޖިލީހަށް ހުށަހަޅައިފިއެވެ.

މިކަމް މަޖިލީހަށް ހުށަހެޅީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އެޑްރެސްކޮށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހްމަދު ނަސީމެވެ. މީކާއިލް ހުށަހަޅާފައި ވަނީ ބިލް ބޮޑުވި މައްސަލާގައި ސްޓެލްކޯ ޖަވާބުދާރީ ކުރުވުމަށެވެ.

އެ ސިޓީގައި ބުނީ މާލޭގެ ގޭގެއަށް މިދިޔަ މަހުގެ ކަރަންޓު ބިލު އައިއިރު އެ ބިލުތައް އާދަޔާ ހިލާފަށް ބޮޑުވެފައިވާ ކަމުގެ ޝަކުވާ ގިނަ ރައްޔިތުންގެ ފަރާތުން ލިބެމުންދާ ކަމަށެވެ. އެ ބިލުތައް ބޮޑުވެފައިވާ ކަމަށް ފެންނަނީ މާލެ ފުރަބަންދު ކުރުމާއި ގުޅިގެން ސަރުކަރުން ދިން ސަބްސިޑީ ކަނޑާލުމާ ގުޅިގެން ކަމަށް ސްޓެލްކޯއިން ވަނީ ބުނެފައެވެ.

ނަމަވެސް ފުރަބަންދު އައުމުގެ ކުރީ މަސްތަކުގައި ކަރަންޓު ބިލާ އާޅާކިޔާއިރުވެސް ޖޫން މަހުގެ ބިލު ދެގުނަ، ތިން ގުނަ އަދި ހަތަރުގުނަ ވެސް ބޮޑުވެފައިވާ ކަމަށް އެ ސިޓީގައިވެއެވެ.

އެހެންކަމުން މީކާއިލް ހުށަހެޅީ، ކޮވިޑް-19ގެ ސަބަބުން ރައްޔިތުންނަށް މާލީ ގޮތުން އިންތިހާއަށް ދަތިވެގައިވާ މި ދަނޑިވަޅުގައި ޖޫން މަހުގެ ކަރަންޓު ބިލު އާދަޔާ ހިލާފަށް ބޮޑުވެފައިވާ ސަބަބު ހޯދުމަށެވެ. އަދި މަޖިލީހުގެ ކަމާ ބެހޭ ކޮމިޓީ މެދުވެރިކޮށް މިކަން އޮޅުން ފިލުވާ، ސްޓެލްކޯ ޖަވާބުދާރީ ކޮށްދިނުމަށް ވެސް މީކާއިލް ވަނީ އެދިފައެވެ.

މީކާއިލް މިހެން ވިދާޅުވެފައިވާއިރު މާލޭ ގޭގޭގެ ކަރަންޓުބިލް އިންތިހާއަށް ބޮޑުވެފައިވާ މައްސަލަ ގިނަ ފަރާތްތަކުން ދަނީ ފާޅު ކުރަމުންނެވެ. ކަން މިހެން އޮތްއިރު، މިދިޔަ އަހަރު ވެސް މިހިސާބުގައި ކަރަންޓު ބިލުތައް ބޮޑުވި މައްސަލަ ވަނީ ފެންމަތިވެފައެެވެ.

އޭރު ސްޓެލްކޯއިން ބުނީ ބިލް ބޮޑުވަނީ ހޫނު މޫސުމާ ރޯދަމަހާ އެއްކޮށް އައުމުން، ކަރަންޓު ބޭނުން ކުރެވޭ މިންވަރު އިތުރުވުމުން ކަމަށެވެ. އެހެންކަމުން މިއަހަރުވެސް ކަން މިހެން ހިނގުމުގެ ފުރުސަތު އެބައޮތެވެ. މީގެ އިތުރުން، މާލެ ސަރަހައްދު ފުރަބަންދު ކޮށްފައިވުމާ ގުޅިގެން، ގިނަ ވަގުތު ގޭގައި ތިބުމަކީ ވެސް ކަރަންޓު ބޭނުން ކުރާ މިންވަރު އިތުރުވުމުގެ ފުރުސަތު ބޮޑެވެ.