ސަފާރީއެއްގައި ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ފުލުހުން އަމަލުކުރި ގޮތާ މެދު އުފެދިފައިވާ ކަންބޮޑުވުންތަކަށް ސާފުކުރަން ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީ އަށް ފުލުހުން މިއަދު ހާޒިރުކުރަން ނިންމައިފިއެވެ.
މިދިޔަ ބުރާސްފަތި ދުވަހު ހުޅުމާލެ ފަޅުގައި އަޅާފައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނަކު ރޭޕްކުރި މައްސަލައިގައި ފުލުހުން އެ މައްސަލައިގައި އަމަލުކުރި ގޮތް ބެލުމަށް ޖެންޑާ ކޮމިޓީ ބާއްވަން ޝެޑިއުލްކޮށްފައި އޮތީ މިއަދު 3:30 ގައެވެ.
މިހާރު އެ މައްސަލަ ޖެންޑާ ކޮމިޓީން ބަލަމުން އަންނައިރު، އެންމެ ފަހުން ބޭއްވި ބައްދަލުވުމުގައި ނިންމާފައި ވަނީ މައްސަލަ ރިޕޯޓްކުރި ހިސާބުން ސީންގައި ހަރަކާތްތެރިވި ފުލުހުންނާއި ސްޓޭޝަން އިންޗާޖު ކޮމިޓީ އަށް ހާޒިރުކޮށް، ސުވާލުކުރުމަށެވެ. އަދި ފުލުހުން އަމަލުކުރި ގޮތް ގާތުން ބަލައިދޭން ޕްރޮސިކިއުޓަ ޖެނެރަލްގެ އަރިހުން އެދުމަށް ވެސް ކޮމިޓީން ވަނީ ނިންމައިފައެވެ.
އެ މައްސަލަ ފެންމަތިވެފައި ވާިއރު، ޖިންސީ ގޯނާގެ މައްސަލަ އެކަށީގެންވާ ގޮތެއްގައި ފުލުހުން ތަހުގީގު ނުކުރާ ކަމުގެ ތުހުމަތުތަކާ ގުޅިގެން ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނުން ވެސް އަންނަނީ މައްސަލަ ބަލަމުންނެވެ.
އެމައްސަލައާ ގުޅިގެން އޮންލައިން ނޫސް "މެންދުރު"ން ރޭޕުގެ ޝިކާރައަކަށްވި އަންހެން މީހާއާ ހަވާލާދީ ޝާއިރުށްފައިވާ ރިޕޯޓެއްގައި ބުނެފައިވަނީ ފުލުހުން މިމައްސަލާގައި ތުހުމަތުވާ ދެމީހުންނަކީ ސަރުކާރާ ގުޅުންހުރި ދެމީހުން ކަމުގައެވެ. އަދި އަންހެން މީހާ ގެއަށް ފޮނުވާލާފައިވަނީ "ރޭޕް ކިޓު" ނުދީ ކަމަށެވެ. އަދި ހަސްފަތާލަށް ގެންގޮސް ހަދަންޖެހޭ ޓެސްޓުތައް ހަދާފައިނުވާ ކަމަށްވެސް އެރިޕޯޓުގައި ބުނެފައިވެއެވެ.
ހަމައެހެންމެ އެރިޕޯޓުގައި ތުހުމަތުކުރި ގޮތުގައި އަންހެން މީހާއަށް ގުޅައި އެމީހުންނާމެދު ފިޔަވަޅު ނޭޅޭނެ ކަމުގައާއި އޭނާގެ ވާހަކަ އާންމުން ގަބޫލުނުކުރާނެ ކަމަށް ބުނެ ބިރުދައްކާފައިވެއެވެ. އަދި އެއާއެކު ހުށަހަޅާފައިވާ މައްސަލަ ނެގުމަށް ބައި މިލިއަން ޑޮލަރު ހުށަހެޅި ކަމަށްވެސް އަންހެންމީހާއާ ހަވާލާދީ އެ ނޫހުން ބުނެފައިވެއެވެ. ނަމަވެސް ފަހުން "މިހާރު" ނޫހަށް ދީފައިވާ އިންޓަވިއުގައި ބުނެފަި ވަނީ އިތުރު އެހެން ނޫހަކަށް ބުނެ އެ ވާހަކަތައް ދޮގު ކޮށްފައެވެ.
ޖިންސީ ގޯނާގެ މައްސަލައެއްގައި ކުށުގެ ވެށިން ހައްޔަރުކުރި އެ ދެ މީހުން ދޫކޮށްލުމާއެކު ސޯޝަލް މީޑިއާގައި ގޯނާ ލިބުނު އަންހެން މީހާ، އެއްބަޔަކު ކުށްވެރި ކުރިއިރު އަނެއް ބަޔަކު ދިޔައީ އެކަން ކުރި މީހުންނާއި ސިޔާސީ ފަރާތްތަކާ ގުޅުވައި ގިނަ ތުހުމަތުތަކެއް ކުރުމުންނެވެ. އެއީ އެކަން ކުރުމުގައި އުޅުނީ ރައްޔިތުންގެ މަޖިލީހުގެ އަންހެން މެންބަރެއްގެ ފިރިކަލުން ކަމަށް ބުނެ ދެކެވެމުންދާ ވާހަކައާ ގުޅުވައިގެންނެވެ.
އެގޮތުން އެ މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި މީހުން ދޫކޮށްލީ ސިޔާސީ ނުފޫޒުން ކަމަށް ބައެއް ފަރާތްތަކުން ނުވެފައި ވެއެވެ. އަދި އެ މައްސަލާގައި ހައްޔަރުކުރީ، ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެންބަރު އަދި މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީގެ މުގައްރިރު ޖީހާން މަހުމޫދުގެ ފިރިކަލުންނާއި އާއިލީ އެހެން ފަރާތެއް ކަމަށް ބުނެ ވާހަކަތައް ފެތުރެމުން ދާއިރު، ޖީހާން އެކަމާ އެއްވެސް އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ.