ކޮވިޑް19 ރާއްޖެއިން ފެނުމާއި ގުޅިގެން ސްކޫލުތައް ތިން މަސް ދުވަހު ބަންދުކޮށްފައި ބެހެއްޓުމަށްފަހު މިއަދު އަލުން ސްކޫލުތައް ހުޅުވައިފިއެވެ.

ސްކޫލުތައް އަލުން ހުޅުވާލާފައި މިވަނީ ކޮވިޑް19 އާއި ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތަކަށް ލުއިތަކެއް ދިނުމަށް ސަރުކާރުން ނިންމުމާއި އެކުގައެވެ. އަދި އާ އާއްމު ހާލަތުގައި ރާއްޖެ ހުޅުވާލުމަށް ސަރުކާރުން ނިންމުމާއި ގުޅިގެންނެވެ.

ސްކޫލުތައް ތިން މަސް ދުވަސް ފަހުން އަލުން ހުޅުވިއިރު މާލެ ސިޓީގެ ސްކޫލުތައް ހުޅުވާލާފައި ވަނީ ގްރޭޑު 9އިން ފެށިގެން މަތީ ގްރޭޑުތަކަށެވެ. ސަބަބަކީ ރާއްޖެއިން އަދިވެސް ކޮވިޑް19 އެއްކޮށް ފިލައިގެން ނުދިއުމާއި މިހާރުވެސް ޕޮޒިޓިވްވަމުން އަންނަ މީހުންނަކީ މާލެ ސަރަހައްދުގެ މީހުންނަށްވުމުންނެވެ. ނަމަވެސް ރާއްޖޭގެ އެހެން ރަށްރަށުގައި ސްކޫލުތައް ހުޅުވާލަނީ ހުރިހާ ގްރޭޑުތަކަށެވެ.

އިޖުތިމާއީ ގައިދުރުކަން މަތީ ދަރިވަރުންތަކެއް ކްލާސް ރޫމެއްގައި / ފޮޓޯ: އެޑިއުކޭޝަން

ސްކޫލުތައް އަލުން ހުޅުވާލިއިރު ބައެއް ބަދަލުތައް ވަނީ ގެނެސްފައެވެ. އެގޮތުން މީގެކުރިން ސަރުކާރުން ދެމުން ދިޔަ ހިލޭ ނާސްތާ ޕްރޮގްރާމު ވަނީ ހުއްޓާލައިފައެވެ. އެހެންކަމުން ދަރިވަރުންނަށް ރަނގަޅަށް ސައި ދިނުމަށްފަހު ސްކޫލަށް ފޮނުވުމަށް އެޑިއުކޭޝަނުން ވަނީ އިލްތިމާސްކޮށްފައެވެ.

މީގެއިތުރުން ކޮންމެ ކުއްޖަކު ސްކޫލަށް ވަންނައިރު ކުއްޖާގެ ހަށިގަނޑުގެ ފިނިހޫނުމިން އަންނަނީ ބަލަމުންނެވެ. އަދި ކޮންމެ ކްލާހެއްގައި މީގެކުރިން 30 ކުދިން ކިޔެވުމަށް ތިބި ނަމަވެސް ތިން ފޫޓުގެ ދުރު މިނަކާ އެކު މިހާރު ކްލާހެއްގައި ތިބެނީ 15 ދަރިވަރުންނެވެ. އަދި ސްކޫލުގެ އެކި ހިސާބުތަކުގައި ކުދިންނަށް އަތް ދޮވެވޭނެ އިންތިޒާމުތައް ވެސް ވަނީ ހަމަޖައްސާފައެވެ. މީގެކުރިން ހަފްތާއަކު ފަސް ދުވަހު ކިޔަވައިދިން ނަމަވެސް އާ އާއްމު ހާލަތުގައި ދަރިވަރުންނަށް ކިޔަވައިދެނީ ހަތަރު ދުވަހުއެވެ. އަދި ކިޔަވައި ދޭނީ ހަތަރު ގަޑިއިރަށެވެ.

އެޑިއުކޭޝަން މިނިސްޓަރު ދަރިވަރުންނަށް މަރުހަބާ ކިޔުއްވަނީ / ފޮޓޯ: އެޑިއުކޭޝަން

މިހާލަތުގައި ބައެއް ބެލެނެވެރިން އެމީހުންގެ ދަރިން ސްކޫލަށް ކިޔެވުމަށް ފޮނުވުމަށް ދެކޮޅު ހެދި ނަމަވެސް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވަނީ ދަރިވަރުން ސްކޫލުތަކަށް ފޮނުވުމަށް އިލްތިމާސްކޮށްފައެވެ. އަދި އެޑިއުކޭޝަނާއި ސަރުކާރުން ކުދިންގެ ރައްކާތެރިކަން ޔަގީން ކޮށްދެއްވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.