ރިޔާސީ ކޮމިޝަންތަކުން ފޮނުވާ މައުލޫމާތު ދެން ހާމަ ކުރެވޭނީ އޭޖީގެ ހުއްދައާ އެކު ކަމަށް ކަނޑައަޅައިފިއެވެ.
މިގޮތަށް ހަމަޖއްސާފައި ވަނީ ރިޔާސީ ކޮމިޝަންތަކުން ފޮނުވާ މައުލޫމާތާއި ލިޔެކިޔުންތަކުގެ ސިއްރު ހިފެހެއްޓުމާ ގުޅޭ އުސޫލުގައެވެ.
ބަންޑާރަ ނައިބުގެ އޮފީހުން ބުނީ ރިޔާސީ ކޮމިޝަންތަކުގެ ގާނޫނުގެ 13 ވަނަ މާއްދާގައިވާ ގޮތުގެމަތިން އެކުލަވާލި އުސޫލުގައި ސިއްރު މައުލޫމާތަކީ ކޮބައި ކަމާއި ސިއްރު މައުލޫމާތާމެދު އަމަލު ކުރާނެ ގޮތާއި ތިންވަނަ ފަރާތަކާއި މައުލޫމާތު ހިއްސާ ކުރެވޭނެ ހާލަތާއި ދައުލަތުގެ އިދާރާތަކާއި މައުލޫމާތު ހިއްސާ ކުރެވޭނެ ގޮތްތައް ހިމެނެއެވެ.
އެގޮތުން ރިޔާސީ ކޮމިޝަންގެ މައުލޫމާތު ދައުލަތުގެ އެއްވެސް އިދާރާއަކާއި ހިއްސާ ކުރެވޭނީ އޭޖީ އޮފީހުގެ ހުއްދަ ހޯދައިގެން ކަމަށާ އެފަދަ މައުލޫމާތެއް ހިއްސާ ކުރާނީވެސް އެ މައުލޫމާތެއް ހިއްސާ ކުރުމަށް އޭޖީ އޮފީހުގެ މައްޗަށް ލާޒިމް ކުރާ އިދާރާއަކަށް ކަމަށް ވަނީ ބުނެފައެވެ.
ރިޔާސީ ކޮމިޝަންތަކުން ފޮނުވާ މައުލޫމާތާއި ލިޔެކިޔުންތަކުގެ ސިއްރު ހިފެހެއްޓުމާ ގުޅޭ އުސޫލުގެ ބޭނުމަކީ ރިޔާސީ ކޮމިޝަންތަކުން ތަހުގީގިކޮށް ދައުވާ ކުރުމަށާއި ފިޔަވަޅު އެޅުމަށް އެ އޮފީހަށް ފޮނުވާ މައްސަލަތަކުގައި ހިމެނޭ އެންމެހައި މައުލޫމާތާއި ލިޔެކިޔުންތަކުގެ ސިއްރު ހިފެހެއްޓުމަށްޓަކައި އަމަލުކުރާނެ ހާއްސަ އިޖުރާއަތުތައް އެކަށައަޅައި، އެކަމާބެހޭ އިންތިޒާމްތައް ހަމަޖެއްސުމެވެ.
މި އުސޫލު އިއްޔެ ގެޒެޓްކޮށް ވަނީ އަމަލުކުރަން ފަށާފައެވެ.
މި ސަރުކާރުން ވަނީ ދެ ރިޔާސީ ކޮމިޝަނެއް އުފައްދާފައެވެ. އެއީ މަރުތަކާއި ގެއްލިފައިވާ މީހުންނަށް އިންސާފު ހޯދުމަށް އެކުލަވާލާފައިވާ ރިޔާސީ ކޮމިޝަނާއި ދައުލަތަށް ގެއްލިފައިވާ ފައިސާ ހޯދުމަށް އެކުލަވާލި ކޮމިޝަނެކެވެ.
ރައީސް ސޯލިހުގެ ވެރިކަމުގެ ފުރަތަމަ ދުވަހު އުފެއްދި އެ ދެ ކޮމިޝަނުން ދަނީ ގިނަ މައްސަލަތަކެއް ބަލަމުންނެވެ. މިހާތަނަށް އެ ދެ ކޮމިޝަނަށްވެސް އެ މަސައްކަތުގައި މާބޮޑު ކުރިއެރުންތަކެއް ހޯދިފައިނުވާއިރު މަރު ކޮމިޝަނުން އެކުލަވާލި ބައެއް ރިޕޯޓްތައް މަޖިލީހާ ހިއްސާ ކުރުމާއެކު އެ ރިޕޯޓްތައް އާންމުވެ ތަހުގީގުގެ ސިއްރުތަކެއް ވަނީ އާންމުވެފައެވެ. އެކަމާއި ގުޅިގެން ތުހގީގަށް ހުރަސްތަކެއް ކުރިމަތިވެ ގިނަ ބައެއްގެ ފާޑުކިއުންވެސް ވަނީ އެ ދެ ކޮމިޝަނަށާއި މި ސަރުކާރަށް އަމާޒުވެފައެވެ.