ޗައިނާގެ އޫރުތަކަކުން ފެނުނު ރޯގާ ޖައްސާ އާ ވައިރަސް، އިންސާނުންގެ ހަށިގަނޑުގައި އިންފެކްޓް ވުމުގެ ނުރައްކާ ބޮޑުވެ، "ބަލިމަޑުކަމަކަށް" ވުމުގެ ފުރުސަތު އެބައޮތް ކަމަށާ، މިއީ ވަރަށް ގާތުން މޮނިޓާ ކުރަންޖެހޭ ހާލަތެއް ކަމަށް ދިރާސާއެއް ބުނެފިއެވެ.

ޗައިނާގެ ޓީމަކުން ކުރި މި ދިރާސާ އާންމު ކޮށްފައި ވަނީ، އެމެރިކާގެ ޖާނަލްއެއް ކަމަށްވާ ޕްރޮސީޑިންގްސް އޮފް ދަ ނޭޝަނަލް އެކަޑަމީ އޮފް ސައެންސް (ޕީނާސް)ގައެވެ.

2011-2018 އޫރުތަކުން ފެނުނު އެޗް1އެން1 ވައިރަހުން "ޖީ4" ސްޓްރެއިން ފެނިފައިވާކަމަށާ، މިއާއެކު އާ ބަލިމަޑުކަމެއްގެ ފެށުމަކަށް މި ވައިރަސް ވެދާނެ މުހިންމު ހުރިހާ ފާހަގައެއްވެސް ފާހަގަ ކުރެވިފައިވާކަމަށް މި ދިރާސާގައިވެއެވެ.

ޗައިނާގައި އޫރު ގެންގުޅޭ މީހެއް/ފޮޓޯ: އިންސައިޑާ

ދިރާސާގެ މުސައްނިފުން ބުނި ގޮތުގައި އޫރު ގެންގުޅޭ ބިންތަކުގައި މަސައްކަތް ކުރާ މީހުންގެ ލޭގައި މި ވައިރަހުގެ އަސަރު އެކުލެވޭ މިންވަރު ވަނީ އިތުރުވެފައެވެ. އެހެންކަމުން، އޫރާ، އޫރު މަހާ ގުޅުންހުރި ސިނާއަތުގައި މަސައްކަތް ކުރާ މީހުންގެ ސިއްހަތު ވަކިން ގާތުން މޮނިޓާ ކުރުމަށް މި ދިރާސާ ގޮވާލައެވެ. އަދި ވީ އެންމެ އަވަހަކަށް މިކަންކަން ހަމަޖެއްސުމަށްވެސް ދިރާސާގައި ވަނީ ގޮވާލާފައެވެ.

އޫރަކީ ބަލިމަޑުކަމެއްގެ ގޮތުގައި ފެތުރިގެންދާ ރޯގާތައް ޖައްސާ ވައިރަސް އާވެ، އާލާ ވަމުންދާ ވެއްޓެއްގެ ގޮތުގައި ސިފަކުރެވޭ ޖަނަވާރެކެވެ. އެހެންކަމުން، އިންފްލުއެންޒާ ބަލިމަޑުކަމެއްގެ އިންޒާރު، ދުރާލާ ލިބިގަތުމަށްޓަކައި އޫރުގައި މި ވައިރަސް ހުރި ނެތް ގޮތެއް ވަކި ނިޒާމެއްގެ ތެރެއިން ބެލުމަށް މި ދިރާސާ އިރުޝާދުދެއެވެ.

މިއަދު ދުނިޔެ ދެކެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ފުރަތަމަ ކޭސްތައް ރިޕޯޓް ކުރި ޗައިނާއިން އޫރު ރޯގާގެ ބަލިމަޑުކަމެއްގެ އިންޒާރު ދީފައިވާއިރު، މި ދިރާސާ ކުރުމުގައި އިސްކޮށް ހަރަކާތްތެރިވެފައިވަނީ ޗައިނާ އެގްރިކަލްޗަރަލް ޔުނިވާސިޓީ، ޝެންޑޮންގް އެގްރިކަލްޗަރަލް ޔުނިވާސިޓީ، ދަ ޗައިނީޒް ސެންޓާ ފޮ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން އަދި ޗައިނީޒް އެކަޑަމީ އޮފް ސައެންސަސް އަދި ޔުނިވާސިޓީ އޮފް ނޮޓިންގްހަމްއިންނެވެ.

ޗައިނާގައި އޫރު ގެންގުޅޭ މީހެއް/ފޮޓޯ: ސީއެންއެން

މި ދިރާސާ ޓީމުން ހޯދި އާ ވައިރަހަކީ އޫރުން އާންމުކޮށް ފެންނަ ވައިރަސް ސްޓްރެއިންއަކާ، 2009 ވަނަ އަހަރު ފެތުރިގެން ދިޔަ އެޗް1އެން1 ވައިރަހުގެ ރީކޮމްބިނޭޝަންއެކެވެ. ކަންމިހެން އޮތް ނަމަވެސް، އިންސާނުންގެ މެދުގައި ޖީ4 ސްޓްރެއިން ފެތުރެމުންދާ ކަމުގެ އެއްވެސް އަލާމާތެއް އަދި ނުފެންނަ ކަމަށާ، މިހާރުން މިހާރަށް ބަލިމަޑުކަމެއް ފެތުރުމުގެ ނުރައްކާ ނެތް ކަމަށް ޔުނިވާސިޓީ އޮފް ވޮޝިންގްޓަންގެ ބައޮލޮޖިސްޓް ކާލް ބާޖްސްޓްރޮމް ވަނީ ވިދާޅުވެފައެވެ.

އޫރު ރޯގާ އަކީ ވައިރަހެއްގެ ސަބަބުން ނޭވާލާ ނިޒާމަށްޖެހޭ ވަރަށް ފަސޭހައިން ގައިންގަޔަށްއަރާ ބައްޔެކެވެ. މިއީ އޫރުތަކަށް ރޯގާ ޖައްސާ ވައިރަސްތަކާއި، ދޫނިތަކަށް ރޯގާ ޖައްސާ ވައިރަސްތަކާއި، އަދި އިންސާނުންނަށް މޫސުމީ އަރިދަފުސް ރޯގާ ޖައްސާ ވައިރަސްތައް އެކަތި އަނެކައްޗާ މަސްހުނިވެގެން އުފެދިފައިވާ ވައިރަހެކެވެ. 2009 ވަނަ އަހަރު ކުރިމަތިވި އޫރު ރޯގާގެ ސަބަބުން 214 ގައުމަކުން 18 ހާހަށްވުރެ ގިނަމީހުން ދުނިޔެ ދޫކޮށްފައި ވެއެވެ.