ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބަލި ދެނެގަތުމަށް ތަހްލީލްތައް ކުރުމަށްޓަކައި، ޖީން އެކްސްޕާޓް މެޝިން ބޭނުންކޮށްގެން ރާއްޖޭގެ އިތުރު ހަތް ރަށެއްގައި ކޮވިޑަށް ޓެސްޓްކުރުމުގެ އިންތިޒާމް ހަމަޖެއެވެ.

ރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިައްޔާތެއްގައި ވާހަކަ ދައްކަވަމުން މިނިސްޓަރ އޮފް ހެލްތު އަބްދުﷲ އަމީން ވިދާޅުވީ މާލޭގެ އިތުރުން މިހާރުވެސް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް އަދި އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލްގައި ކޮވިޑް-19 އަށް ޓެސްޓްތައް ކުރެވޭއިރު، ޖީން އެކްސްޕާޓް މެޝިން ބޭނުންކޮށްގެން ރާއްޖޭގެ އިތުރު ހަތް ރަށެއްގައި ކޮވިޑް-19 އަށް ޓެސްޓްކުރުމުގެ އިންތިޒާމް ހަމަޖެހިގެންދާނެ ކަމަށެވެ.

އެއީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް އަދި އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލްގެ އިތުރުން ށ އަތޮޅު ހޮސްޕިޓަލާއި ރ.އުނގޫފާރު ރީޖަނަލް ހޮސްފިޓަލާއި ބ އަތޮޅު ހޮސްޕިޓަލާއި ކުޑަ ދ.ހުވަދޫ ހޮސްޕިޓަލާއި ގއ އަތޮޅު ހޮސްޕިޓަލާއި ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލެވެ.

އެގޮތަށް ހަމަޖެހުމުން ބަލިމީހުންގެ ސާމްޕަލްތައް އެންމެ ކައިރީގައި ހުންނަ ޓެސްޓް ސެންޓަރއަކަށް ގެންދެވި، ނަތީޖާ ލިބުން އަވަސްވެގެންދާނެކަން މިނިސްޓްރީން ފާހަގަކުރެއެވެ.

ރޭގެ ރަސްމިއްޔާތުގައި ދުނިޔޭގެ ސިއްހަތުގެ ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ވަނީ "ޖީން އެކްސްޕާޓް މެޝިން" ބޭނުންކޮށްގެން ތަހްލީލްކުރުމަށް ބޭނުންވާ 5000 ކާޓްރިޖް ހަދިޔާކޮށްފައެވެ.

އެކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުއްގައި ކާޓްރިޖްތައް ރާއްޖެއަށް ހަވާލްކޮށްދެއްވީ ޑަބްލިއުއެޗްއޯއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ މަންދޫބު ޑރ. އަރުވިންދު މާތުރުއެވެ.

ކޮވިޑް-19 އާއި ދެކޮޅަށް ރާއްޖެއިން ކުރަމުން އަންނަ މަސައްކަތްތަކަށް މެދުނުކެނޑި ފޯރުކޮށްދެއްވާ އެހީތެރިކަން ފާހަގަކުރައްވައި، ޑަބްލިއުއެޗްއޯ އަށް ވަނީ ޝުކުރު އަދާކުރައްވާފައެވެ. އަދި ޖީން އެކްސްޕާޓް މެޝިންގެ ކާޓްރިޖް ދިވެހިރާއްޖެއަށް ގެނައުމުގައި ޔޫ.އެން.ޑީ.ޕީގެ ފަރާތުން ލިބިގެންދިޔަ އެހީތެރިކަން ފާހަގަކުރައްވައި އެފަރާތަށްވެސް މިނިސްޓާ ޝުކުރު އަދާކުރެއްވިއެވެ.

ރާއްޖެއިން ކޮވިޑް-19އާ ދެކޮޅަކަށް ކުރަމުންދާ މަސައްކަތްތަކަށް ޑަބްލިއުއެޗްއޯއިން އެކިގޮތްގޮތުން ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެގޮތުން ފަންނީ އެހީތެރިކަމުގެ އިތުރަށް، ދިވެހިރާއްޖޭގެ އެކިސަރަހައްދުތަކުގައި މިބައްޔަށް ޓެސްޓުކުރުމުގެ އިންތިޒާމްތައް ހަމަޖެއްސުމަށް ވާންޖެހޭ އެހީތެރިކަމާއި، އެކިކަހަލަ އާލާތްތައް ހޯދުމާއި އެހެން ޖަމާއަތްތަކުގެ އެހީ ރާއްޖެއަށް ހޯދުމުގައިވެސް ޑަބްލިއޔއެޗްއޯއިން ދަނީ މުހިންމު ދައުރެއް އަދާކުރަމުންނެވެ.