ސަފާރީއެއްގައި އަންހެނަކު ރޭޕް ކުރި މައްސަލައިގައި ތަހުމަތުކުރެވޭ ދެމީހުން ދޫކޮށްލުމަކީ އެފަދަ ކުށް ތަކުރާރު ކުރުމަށް މަގުފަހި ކޮށްދޭ ކަމެއް ކަމުގައި ވްސް ރީފޯމް މޫވްމަންޓް (އެމްއާރްއެމް) އިން ބުނެފިއެވެ.

އެމްއާރްއެމުން ބުނީ، ޖިންސީ އަނިޔާ ކުރުމާއި ގެވެށި އަނިޔާގެ މައްސަލަތައް ރާއްޖޭގައި އިތުރުވަމުންދާ ކަމީ ނުހަނު ކަންބޮޑުވެ ހިތާމަ ކުރާ ކަމެއް ކަމަށެވެ. އެގޮތުން މިދިޔަ ހުކުރު ދުވަހުގެ ރޭ ހުޅުމާލެ ފަޅުތެރޭގައި އޮތް ސަފާރި ބޯޓެއްގައި އަންހެނަކު ރޭޕް ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ކުށުގެ ވެށިން ހައްޔަރު ކުރި ކަމަށް ބުނެވޭ ދެ ފިރިހެނުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމަށްފަހު ދޫކޮށްލުން އެއީ މި ބާވަތުގެ ކުށުގެ އަމަލުތައް ތަކުރާރު ކުރުމަށް މަގުފަހިކޮށްދޭ ކަމެއް ކަމުގައި ދެކޭ ކަމަށް އެ ޕާޓީން ބުނެއެވެ.

އަދި މި ބާވަތުގެ ލާއިންސާނީ އަމަލުތަކުގެ ސަބަބުން އަނިޔާގެ ޝިކާރައަކަށްވާ މީހުންނަށް އެހެންމީހުންގެ ފުރައްސާރައާއި ބިރު ދެއްކުމާ ކުރިމަތިލާންޖެހި ނަފްސާނީ ގޮތުން އިތުރ އަނިޔާ ލިބުމަށް ވެސް މަގުފަހި ވެގެންދާނެ ކަމަށް އެމްއާރްއެމުން ބުނެއެވެ. އެހެންކަމުން މި ބާވަތުގެ ލާއިންސާނީ އަދި ނާތަހުޒީބީ އަމަލުތައް ދިވެހި މުޖުތަމައުއިން ނައްތާލުމަށް ކުރެވެން އޮތް ހުރިހާ ކަމެއް ކުރުމަށް ޖީނާއީ އަދުލުގެ ނިޒާމް ދަމަހައްޓަން ހަވާލުކުރެވިފައިވާ އެންމެހައި ފަރާތްތަކަށް އެމްއާރްއެމުން އިލްތިމާސްކުރެއެވެ.

އަނިޔާގެ ކަންކަމުގައި ފަރުވާއަަކަށް ވާނީ އަނިޔާ ލިބޭ ފަރާތަކށް އިންސާފާއި ރައްކާތެރިކަން ކަށަވަރުކުރުން ކަމަށް އެމްއާރްއެމުން ބުނެއެވެ. ވީމާ އިންސާފް ހޯދައި ދިނުމަށް ގާނޫނު ތަންފީޒު ކުރުމަށް މަތިކޮށްފައިވާ އިދާރާތަކުން ވަކި ފަރާތަކަށް ބުރަ ނުވެ، ހަމައާއި އިންސާފުން މައްސަލަތައް ތަހުގީގުކޮށް ކުށްވެރިންނަށް ހައްގު އަދަބު ދިނުމަށް އެމްއެމްއާރްއެމުން ގޮވާލިއެވެ. ބެލެން އޮތް އެންމެ ފުރިހަމައަކަށް އަދި އަވަހަކަށް މައްސަލަ ބަލައި އަދުލުވެރިކަމާއެކު ތަހުގީގު ކުރުމަކީ ކުށުގެ ތުހުމަތު ކުރެވޭ ފަރާތަށް އެ ކުށް ނުކުރާ މީހަކު ނަމަ އެމީހަކަށް އިންސާފު ހޯދައިދިނުމަށްވެސް އޮތް އެންމެ ރަނގަޅު މަގު ކަމަށް އެމްއާރްއެމުން ބުނެއެވެ.

ސަފާރީ ބޯޓުގައި ހިނގި ކަމަށް ތުހުމަތު އުފުލާފައިވާ އަންހެނަކު ރޭޕް ކުރި މައްސަލައިގައި އަނިޔާގެ ޝިކާރައަކަށްވީ މީހާއަށް އިންސާފް ހޯދައިދިނުމަށް ފުލުހުންނަށް މިއީ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހިގީގު ކުރުމަށް އެމްއާރްއެމުން އިލްތިމާސްކުރެއެވެ. އަދި އެ އަމަލު ހިންގި ކަމަށް ބުނާ ފަރާތްތައް އިންސާފްގެ ކުރި މައްޗަށް ގެނެސް އަނިޔާ ލިބުނު މީހާގެ ހައްގު ހޯދައިދިނުމަށް ޕްރޮސެކިއުރިޓީ ޖެނެރަލަށްވެސް އެމްއާރްއެމުން ގޮވާލިއެވެ.

ހުޅުމާލޭގެ ފަޅުތެރޭގައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާކުރި ކަމުގެ މައްސަލާގައި ހައްޔަރުކުރީ، ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެންބަރު އަދި މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީގެ މުގައްރިރު ޖީހާން މަހުމޫދުގެ ފިރިކަލުންނާއި އާއިލީ އެހެން ފަރާތެއް ކަމަށް ބުނެ ވާހަކަތައް ފެތުރެމުން ދާއިރު، ޖީހާން އެކަމާ އެއްވެސް އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ.

ފުލުހުން ބުނީ، އެ މީހުން ދޫކޮށްލާފައި ވީ ނަމަވެސް މައްސަލަ ތަހުގީގު ކުރަމުން ދާ ކަމަށާއި، މައްސަލަތަކުގެ ތަހުގީގުގައި ކުރަން ޖެހޭ އެންމެހާ ކަންތައްތައް މިނިވަން ކަމާއެކު ތަހުގީގު ކުރާ ފަރާތްތަކުން ކުރަމުން ގެންދާނެ ކަމަށެވެ.

މި ހާދިސާ ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ މިދިޔަ ހުކުރު ދުވަހުގެ ރޭ ފަތިހު ފަހެއް ޖަހަން އުޅެނިކޮށެވެ. މި މައްސަލައިގެ ތުހުމަތަށް އުމުރުން 39 އަހަރުގެ ދެ ފިރިހެނަކު ހައްޔަރުކުރި ނަމަވެސް ފުލުހުން ވަނީ އެ ދެ މީހުން އިއްޔެ ދޫކޮށްލާފައެވެ.