ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް މަނީ ލޯންޑަރިންގެ އިތުރު ދައުވާއެއްކޮށްފިއެވެ.

ޕްރޮސިކިއުޓަރު ޖެނެރަލް (ޕީޖީ) އޮފީހުން ބުނީ ޓޫރިޒަމް މިނިސްޓްރީ އާއި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) މެދުވެރިކޮށް ޓޫރިސްޓް ރިޒޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށްޓަކައި ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން، ރައީސް ޔާމީން ރާއްޖޭގެ ރައީސްކަމުގެ މަގާމުގައި ހުންނެވިއިރު މަގާމުގެ ނުފޫޒު ބޭނުންކޮށްފައިވާ ކަމަށެވެ.

އެގޮތުން މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ކުރިކީލަހިޔާ، އަހުމަދު ކްރިކް ރިޒާ މެދުވެރިކޮށް ރިޝްވަތުގެ ގޮތުގައި، 1,117,000 (އެއްމިލިއަން އެއްލައްކަ ސަތާރަހާސް) ޑޮލަރު ހޯދައި، ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑްއާއި ސަން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް ބޭނުންކޮށްގެން އެ ފައިސާ ލޯންޑާ ކުރުމަށްޓަކައި ފަށަލަކޮށްފައިވާ މައްސަލާގައި ރައީސް ޔާމީންގެ މައްޗަށް ދައުވާކޮށް، އެ މައްސަލަ މިއަދު ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.

މި މައްސަލާގައި ރައީސް ޔާމީންގެ މައްޗަށް ދައުވާ އުފުލާފައި ވަނީ ގާނޫނުލް އުގޫބާތުގެ 510ވަނަ މާއްދާގެ (ހ) އާއި ހަވާލާދީ އެ މާއްދާގެ (ރ)ގެ ދަށުން ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާ އާއި މަނީ ލޯންޑަރިން އަދި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނުގެ 53ވަނަ މާއްދާގެ (ހ) އާއި އެ ގާނޫނުގެ ފަސްވަނަ މާއްދާގެ ތިންވަނަ ނަންބަރާއި ހަވާލާދީ އެ ގާނޫނުގެ 53ވަނަ މާއްދާގެ (ށ)ގެ ދަށުން މަނީ ލޯންޑަރިން ކުށުގެ ދައުވާއެވެ.

މި މައްސަލާގައި ރައީސް ޔާމީންގެ އިތުރުން ކުރިކީލަ ރިޒާގެ މައްޗަށްވެސް ވަނީ ދައުވާ ކޮށްފައެވެ. އޭނާއަށް އުފުލާފައިވަނީ ރިޝްވަތު ދިނުމުގައި މެދިވެރިއަކަށްވުމުގެ ކުށުގެ ދައުވާ އާއި މަނީ ލޯންޑްރިން ކުށުގެ ދައުވާއެވެ. އޭނާގެ މައްޗަށް ދައުވާ އުފުލާފައި ވަނީ ކޮރަޕްޝަން ހުއްޓުވުމާއި މަނާ ކުރުމުގެ ގާނޫނުގެ ދަށުންނާއި މަނީ ލޯންޑަރިން އަދި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނުގެ ދަށުންނެވެ.

މީގެއިތުރުން މި ފައިސާ ލޯންޑާ ކުރުމަށް ބޭނުން ކޮށްފައިވާ ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ކުންފުންޏާއި ސަން އިންވެސްޓްމަންޓް ކުންފުންޏަށް ވެސް ވަނީ ދައުވާ ކޮށްފައެވެ. މި ކުންފުނިތަކަކީ ރައީސް ޔާމީންގެ ގާތް ބޭފުޅެއް ކަމަށްވާ މަޝްހޫރު ވިޔަފާރިވެރިޔާ އަދި މީދޫ ދާއިރާގެ ރައްޔިތުން މަޖިލީހުގެ މެންބަރު އަހުމަދު ސިޔާމް (ސަންޓްރެވަލް ސިޔާމް)ގެ ވިޔަފާރި ކުންފުނިތަކެކެވެ. ދެ ކުންފުންޏަށްވެސް ކޮށްފައިވަނީ މަނީ ލޯންޑަރިންގެ ދައުވާއެވެ.

ރައީސް ޔާމީންގެ މައްޗަށް އިތުރު ދެ ދައުވާ އެއް އުފުލާފައިވާއިރު މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ފަސް އަހަރު ދުވަހަށް ރައީސް ޔާމީން ވަނީ ޖަލަށްލުމަށް ހުކުމް ކޮށްފައެވެ. އަދި އެމަނިކުފާނު އަންނަނީ އެ މައްސަލައިގެ ހުކުމް މާފުށި ޖަލުގައި ތަންފީޒު ކުރައްވަމުންނެވެ. ނަމަވެސް ދަށު ކޯޓުން ކުރި ހުކުމަކީ އަދުލުވެރި ހުކުމަކަށް ނުވާތީ އެ މައްސަލަ ހައިކޯޓުގައި ވަނީ އިސްތިއުނާފު ކޮށްފައެވެ.