ރޭޕިސްޓުން ދޫވުމަށް މަގުފަހިވާ ކަަމަށް ތުހުމަތު ކުރައްވައި އެ ބައިތައް ގާނޫނުން އުނިކުރަން ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް އަހުމަދު ނަސީމް މިއަދު ހުށަހަޅުއްވައިފިއެވެ.

އޭނާ ހުށަހެޅުއްވީ ޖިންސީ ކުށުގެ ގާނޫނުގެ 53 ވަނަ މާއްދާގެ (ނ)، (ރ) އަދި (ބ) އުނިކުރުމަށެވެ. އެ މާއްދާގައި އޮތީ ޖިންސީ ކުށާ ގުޅޭ ތުހުމަތު ނުވަތަ ދައުވާ ނަފީ ކުރެވޭނެ ހެކިތަކެއް ކަމަށް ބަލާނެ ކަންތައްތަކެވެ.

މީކާއީލް ހުށަހަޅުއްވާފައި ވަނީ ޖިންސީ ކުށުގެ ގާނޫނުން މި ތިން އަކުރު ވެސް އުނިކުރުމަށެވެ. ބިލު ހުށަހެޅުއްވި މަގުސަދެއް ކަމަށް އޭނާ ވިދާޅުވީ އެ މާއްދާގައި ބުނެފައިވާ އެވާ ކަންތައްތަކާއި ޝިކާރައަކަށްވީ މީހާއާ ދެކޮޅަށް ބޭނުންކުރެވޭނެ ހެކިތަކެއް ކަމަށެވެ. އެގޮތަށް އޮތުމުން ޖިންސީ ކުށްތަކަށް އަރައިގަންނަ މީހުން ފަސޭހައިން ދޫވާ ކަން ފާހަގަ ކުރެވޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ޖިންސީ ކުށުގެ ގާނޫނުގެ 53 ވަނަ މާއްދާގެ (ނ) ގައި އޮތީ ޖިންސީ ކުށުގެ ޝިކާރައަކަށް ވީ ފަރާތުގެ ނަފުުސުގެ އަބުރުވެރިކަމާއި އަހުލާގާ ގުޅުން ހުރި ކަންކަމުގެ ތެރެއިން ކޯޓަށް ސާބިތުވާ ކަންކަމުގެ މައްޗަށް ބަލާއިރު އެފަދަ ކުށެއް ހިންގި ކަމަށް ބުނެ ދޮގު ހެކި ދީފާނެ ކަމަށް ކޯޓަަށް ގަބޫލުކުރެވުމެވެ. (ރ) ގައި އޮތީ ތުހުމަތު ކުރެވޭ ކުށް އެގޮތަށް ހިނގައިފައި ވުމަށް ވުރެ ބޮޑަށް އެ އެކަން އެގޮތަށް ހިނގާފައި ނުވާނެކަމަށް ބެލެވޭނެ ހާލަތެއް ކޯޓަށް ފާހަގަވުމެވެ. އަދި އެ މާއްދާގެ (ބ) ގައި އޮތީ ކުށުގެ ޝިކާރައަކަށްވީ ފަރާތާއި ތުހުމަތުކުރެވޭ ފަރާތާ ދެމެދު އޮތް ގުޅުމާއި އެދެމެދުގައި ކުރެވޭ މުއާމަލާތްތަކެއްގެ ސަބަބުން ކުށަށް މަގުފަހިވެދާނެ ހާލަތެއް އޮވެދާނެ ކަން ކޯޓަށް ގަބޫލު ނުކުރެވުމެވެ.

މީކާއީލް މި އިސްލާހު ހުށަހަޅުއްވާފައި ވަނީ ހުޅުމާލޭގެ ފަޅުތެރޭގައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތަށް ފުލުހުން ހައްޔަރުކުރި ދެމީހުން ދޫކޮށްލުމާއެކު އަންުގެ ނުރުހުމާއި ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށެވެ. އެގޮތުން އެ މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި މީހުން ދޫކޮށްލީ ސިޔާސީ ނުފޫޒުން ކަމަށް ބައެއް ފަރާތްތަކުން ނުވެފައި ވެއެވެ. އަދި އެ މައްސަލާގައި ހައްޔަރުކުރީ، ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެންބަރު އަދި މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީގެ މުގައްރިރު ޖީހާން މަހުމޫދުގެ ފިރިކަލުންނާއި އާއިލީ އެހެން ފަރާތެއް ކަމަށް ބުނެ ވާހަކަތައް ފެތުރެމުން ދާއިރު، ޖީހާން އެކަމާ އެއްވެސް އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ.

ފުލުހުން ބުނީ، އެ މީހުން ދޫކޮށްލާފައި ވީ ނަމަވެސް މައްސަލަ ތަހުގީގު ކުރަމުން ދާ ކަމަށާއި، މައްސަލަތަކުގެ ތަހުގީގުގައި ކުރަން ޖެހޭ އެންމެހާ ކަންތައްތައް މިނިވަން ކަމާއެކު ތަހުގީގު ކުރާ ފަރާތްތަކުން ކުރަމުން ގެންދާނެ ކަމަށެވެ.

މި ހާދިސާ ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ މިދިޔަ ހުކުރު ދުވަހުގެ ރޭ ފަތިހު ފަހެއް ޖަހަން އުޅެނިކޮށެވެ. މި މައްސަލައިގެ ތުހުމަތަށް އުމުރުން 39 އަހަރުގެ ދެ ފިރިހެނަކު ހައްޔަރުކުރި ނަމަވެސް ފުލުހުން ވަނީ އެ ދެ މީހުން އިއްޔެ ދޫކޮށްލާފައެވެ.