މިދިޔަ ހުކުރު ދުވަހުގެރޭ ސަފާރީއެއްގައި އަންހެނަކު ރޭޕްކުރި މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އިން ބަލަންފަށައިފިއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން އެ ކޮމިޝަނުގެ މީޑިއާ އޮފިޝަލް ފަޒްލާ އަހްމަދު ޝަހީމް ވިދާޅުވީ އެޗްއާރުސީއެމް އިން ދަނީ އެ މައްސަލަ ބަލަމުން ކަމަށާއި އެއީ ބަލަމުންދާ މައްސަލައެއް ކަމުން އެ މައްސަލައިގެ ތަފްސީލު ހާމަކުރެވެން ނެތް ކަމަށެވެ.

ހުޅުމާލެ ބޭރުގައި އޮތް ސަފާރީއެއްގައި 2 ފިރިހެނަކު ވެގެން އަންހެނަކު ރޭޕް ކުރަން އުޅުނު ކަމަށް ބުނާ މައްސަލައިގައި ތުހުމަތު ކުރެވޭ ފަރާތްތައް ހައްޔަރު ކުރީ ކުށުގެ ވެށިންކަމަށް ފުލުހުން ވަނީ ބުނެފައެވެ. ނަމަވެސް އެމީހުން ހައްޔަރުން ދޫކޮށްލީ ހައްޔަރުކޮށްފައި ބަހައްޓަން ޖެހޭ ސަބަބެއް ނެތިގެންކަމަށްވެސް ފުލުހުން ވަނީ ހާމަކޮށްފައެވެ.

ޖިންސީ ގޯނާގެ މައްސަލައެއްގައި ކުށުގެ ވެށިން ހައްޔަރުކުރި އެ ދެ މީހުން ދޫކޮށްލުމާއެކު ސޯޝަލް މީޑިއާގައި ގޯނާ ލިބުނު އަންހެން މީހާ، އެއްބަޔަކު ކުށްވެރި ކުރިއިރު އަނެއް ބަޔަކު ދިޔައީ އެކަން ކުރި މީހުންނާއި ސިޔާސީ ފަރާތްތަކާ ގުޅުވައި ގިނަ ތުހުމަތުތަކެއް ކުރުމުންނެވެ. އެއީ އެކަން ކުރުމުގައި އުޅުނީ ރައްޔިތުންގެ މަޖިލީހުގެ އަންހެން މެންބަރެއްގެ ފިރިކަލުން ކަމަށް ބުނެ ދެކެވެމުންދާ ވާހަކައާ ގުޅުވައިގެންނެވެ.

އެގޮތުން އެ މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި މީހުން ދޫކޮށްލީ ސިޔާސީ ނުފޫޒުން ކަމަށް ބައެއް ފަރާތްތަކުން ނުވެފައި ވެއެވެ. އަދި އެ މައްސަލާގައި ހައްޔަރުކުރީ، ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެންބަރު އަދި މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީގެ މުގައްރިރު ޖީހާން މަހުމޫދުގެ ފިރިކަލުންނާއި އާއިލީ އެހެން ފަރާތެއް ކަމަށް ބުނެ ވާހަކަތައް ފެތުރެމުން ދާއިރު، ޖީހާން އެކަމާ އެއްވެސް އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ.

ފުލުހުން ބުނީ، އެ މީހުން ދޫކޮށްލާފައި ވީ ނަމަވެސް މައްސަލަ ތަހުގީގު ކުރަމުން ދާ ކަމަށާއި، މައްސަލަތަކުގެ ތަހުގީގުގައި ކުރަން ޖެހޭ އެންމެހާ ކަންތައްތައް މިނިވަން ކަމާއެކު ތަހުގީގު ކުރާ ފަރާތްތަކުން ކުރަމުން ގެންދާނެ ކަމަށެވެ.