800 މިލިއަން ޑޮލަރުގެ ތެލުގެ ވަގު ވިޔަފާރީގެ މައްސަލަ އަލުން ރިވިއު ކުރަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ނިންމައިފިއެވެ.

އޭސީސީން ބުނީ ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމް ވިދާޅުވެފައިވާ ފަދައިން އެސްޓީއޯ މޯލްޑިވްސް ސިންގަޕޫރް ލިމިޓެޑުން ތެލުގެ ވަގު ވިޔަފާރިއެއް ކުރި ކަމަށް ބުނާ މައްސަލަ ތަހުގީގު ކުރުމަށް ހަވާލުކުރި ލިޔުންތައް 2013 ވަނަ އަހަރު އެޓާނީ ޖެނެރަލް އޮފީހުން އޭސީސީއަށް ލިބިފައިވާ ކަމަށެވެ.

އެ މައްސަލަ އަކީ މެއި 11، 2011 ވަނަ ވަނަ ދުވަހު އެ ކޮމިޝަނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން ތަހުގީގު ކުރަން ފެށި މައްސަލައެއް ކަމަށާއި ނަމަވެސް އެ މައްސަލައިގެ ތަހުގީގު އިތުރަށް ކުރިއަށް ގެންދެވޭ ވަރަށް މައުލޫމާތު ނެތްކަމަށް މެއި 8، 2018 ވަނަ ދުވަހު ކަނޑައަޅައި އެ މައްސަލަ ފައިލް ކުރި ކަމަށްވެސް އޭސީސީ އިން ބުނެއެވެ. އަދި މިހާރުވެސް އެ ލިޔުންތައް އެ ކޮމިޝަނުގައި ހުރި ކަމަށާއި އަލުން އެ މައްސަލަ ރިވިއު ކުރަން ނިންމާފައިވާ ކަމަށް އެސީސީން ބުނެއެވެ.

އޭސީސީން އެ މައްސަލަ އަލުން ރިވިއު ކުރަން ނިންމާފައި ވާއިރު، އެސްޓީއޯ މެދުވެރިކޮށް 800 މިލިއަން ޑޮލަރުގެ ތެލުގެ ވަގު ވިޔަފާރިއެއް ހިންގާފައިވާ ކަމުގެ ތުހުމަތު ކުރެވޭ މައްސަލައެއްގައި ބޭރުގެ ކުންފުންޏެއް ކަމަށް ވާ ގްރާންޓް ތޯންޓަން އާ ހަވާލު ކޮށްގެން އެ މައްސަލައިގެ ރިޕޯޓެއް އެކުލަވާލަން ހަވާލު ކޮށްފައިވަނީ، މިހާރު މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައެވެ.

ފެބްރުއަރީ 7، 2012 ގައި ރައީސް ނަޝީދުގެ ވެރިކަން ވައްޓާލީ، ރައީސް މައުމޫނު އަބްދުއްގައްޔޫމުގެ ވެރިކަމުގައި އެސްޓީއޯގެ ޗެއާމަނަކަށް ކުރީގެ ރައީސް އަބްދުﷲ ޔާމީނު ހުންނެވި އިރު ކޮށްފައި އޮތް 800 މިލިއަން ޑޮލަރުގެ ތެލުވެ ވިޔަފާރީގެ ރިޕޯޓު ނެރެން އޮތް ދުވަހު ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

ތެލުގެ ވިޔަފާރީގެ ރިޕޯޓު ހޯދުމަށް ފަލާހު ހުށަހެޅުއްވި މައްސަލައިގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ތެލުގެ ވިޔަފާރީގެ އެ މުއާމަލާތް ބަލަން ގްރާންޓް ތޯންޓަން އާ، އެ މަނިކުފާނުގެ ސަރުކާރުގައި ހަވާލުކުރި ކަމަށެވެ. އަދި އޭރު އެ މަސައްކަތް ހަވާލު ކުރީ ހިލޭ ކުރާ ގޮތަށް ނަމަވެސް އެއްވެސް ސަބަބަކާ ހުރެ ހުއްޓާލަން ޖެހިއްޖެ ނަމަ، 10 މިލިޔަން ޑޮލަރު އެކުންފުންޏަށް ދޭން ޖެހޭ ކަމަށެވެ.

އެ ރިޕޯޓު ނިމި ނެރެން އޮތް ދުވަހު އެމަނިކުފާނުގެ ވެރިކަން ވައްޓާލީ ކަމަށާއި އެކަން ކުރެއްވީ އޭރުގެ ނާއިބު ރައީސް، އަދި ނަޝީދު އިސްތިއުފާ ދެއްވުމުން ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ކަމަށް ތުހުމަތުކޮށް އެމަނިކުފާނު މަޖިލީހުގެ ކޮމިޓީއަށް ހާޒިރު ކުރަން މަޖިލީހުގެ މެންބަރުން ވަނީ ގޮވާލައްވާފައެވެ.

ރައީސް ވަހީދުގެ ވެރިކަމުގައި ޑެޕިއުޓީ އެޓާނީ ޖެނެރަލް ކަމަށް އައްޔަން ކުރެއްވި އުޝާމް އެ މައްސަލައަށް ބަހުސް ކުރައްވަމުން ވިދާޅުވީ މަޖިލީހަށް ހުށަހެޅުމަކުން އައިސްފައި ވަނީ "ހިޔާލީ ވާހަކަތަކެއް" ކަމަށެވެ. އެ ކުންފުންޏަކަށް ސަރުކާރުން 10 މިލިއަން ޑޮލަރު ދައްކަވާފައިވާ ވާހަކަ ވެސް އުޝާމް ދޮގު ކުރެއްވާ، އެ ކުންފުނިން އެއްބަސްވުން އުވާލާން ބޭނުން ވާތީ، ކުންފުންޏާއެކު ސަރުކާރުން ވެފައިވާ ސެޓަލްމަންޓް އެއްބަސްވުމެއް ގާއިމުކޮށް އޭގެ ދަށުން ދައްކާފައި ވާނީ ވެސް 4.8 މިލިއަން ރުފިޔާ ކަމަށް އުޝާމް ވަނީ ވިދާޅުވެފައެވެ.

800 މިލިއަން ޑޮލަރުގެ ތެލުގެ ވަގު ވިޔަފާރި ބަރުމާއަށް ކުރި ކަމަށް ބަލާ އޭރު ހިންގި ތަހުގީގު އަލުން ރިވިއު ކުރަން އޭސީސީން ނިންމާފައި ވާއިރު، ތެލުގެ އެ ވިޔަފާރި ހިންގި އިރު އެސްޓީއޯގެ ޗެއާމަނަކަށް ހުންނެވި ރައީސް ޔާމީން މިހާރު ހުންނެވީ މަނީ ލޯންޑަރިންގެ ކުށުގައި ފަސް އަހަރަށް ޖަލަށް ލައިފައެވެ.