އިންޑިއާގެ ޓެމިލް ނާޑޫ ސްޓޭޓުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ދެބަފައިންގެ ކުއްލި މަރާ ގުޅިގެން އެގައުމުގެ މަސްރަހު ހޫނުވާން ފަށައިފިއެވެ.

އިންޑިއާ ފުލުހުންގެ ބެލުމުގެ ދަށަށް، ޕީ ޖިޔާރާޖު،58، އަދި އޭނާގެ ފިރިހެން ދަރިފުޅު ފީނިކްސް، 38، ގެންދިޔައީ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ފެތުރުން ކޮންޓްރޯލް ކުރުމަށް ތަންފީޒު ކުރަމުންދާ ލޮކްޑައުންގެ އަމުރުތަކާ ހިލާފަށް ފިހާރަ ހުޅުވައިގެން ވިޔަފާރި ކުރަމުންދަ ދަނިކޮށެވެ. ޓެމިލް ނާޑުގައި މިހާރުވެސް ދަނީ ލޮކްޑައުން ތަންފީޒު ކުރަމުންނެވެ.

ކޮވިޑް-19އާ ގުޅިގެން އިންޑިއާގެ ފުލުހުން މަގުތަކުގައި ހަރަކާތްތެރިވަނީ/ފޮޓޯ: އޭއެސް އިންގްލިޝް

މި ދެބަފައިންވަނީ ފުލުހުންގެ ބެލުމުގެ ދަށުގައި އެއް ރޭ ހޭދަކޮށްފައެވެ. އޭގެ 2 ދުވަސް ފަހުން، ދެބަފައިން މަރުވިއިރު، ދެބަފައިން މަރުވި ވަގުތުގައި ހުރީ މަދު ގަޑިއިރު ކޮޅެއްގެ ފަރަގެކެވެ.

މި ދެބަފައިންގެ އާއިލާއިން ތުހުމަތު ކުރަނީ، ފުލުހުންގެ ލާއިންސާނީ އަނިޔާއަށެވެ. މި ތުހުމަތުތައް ފެންމަތިވުމާއެކު، މިކަމާ ގުޅިގެން ފިޔަވަޅު އެޅުމަށް ގޮވާލާ، އިންޑިއާގައި ކުރަމުންދާ ޑިމާންޑުގެ އަޑުތައް ދަނީ ގަދަވަމުންނެވެ.

އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި މުސްލިމުންނާ ދެކޮޅަށް ދެމުންދާ ލާއިންސާނީ އަނިޔާގެ ޝިކާރައަކަށްވެ މަރުވި ފައިޒަންގެ އަޚެއް ކަމަށްވާ ނައީމު (ވ) އެ ވާހަކަތައް މިޑިއާއަށް ކިޔައިދެނީ/ފޮޓޯ: ބީބީސީ

ގާނޫނު ހަދާ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ އިދިކޮޅު މެމްބަރުންގެ ނުފޫޒާއެކު ބައެއް މީހުން މަގުތަކަށް ނިކުމެ، ހަޅުތާލު ކުރަމުންދާއިރު ވިޔަފާރި ވެރިންގެ ޖަމިއްޔާއިން ވަނީ ފުލުހުންގެ އަމަލުތައް ކުށްވެރި ކޮށްފައެވެ. އަދި ސަރަހައްދީ ކޯޓަކުން ވަނީ، މިމައްސަލަ ބަލައިގަދިނުމަށް އެދި ހުށަހަޅާފައިވާ ހުށަހެޅުމެއް ބަލައިވެސް ގެންފިއެވެ.

ކަންމިހެން އޮތްއިރު، އިންޑިއާގެ ކަމާބެހޭ ފަރާތްތަކުން ވަނީ މި ދެބަފައިން ހައްޔަރު ކުރި ފުލުހުން އެހެން ދިމާލަކަށް ޓްރާންސްފާކޮށްފައެވެ. އަދި އާއިލާއަށް ބަދަލެއްގެ ގޮތުގައި 13222 ޑޮލަރަށްވާ 1 މިލިއަނެއްހާ ރުޕީޒް ދީފައިވާ ކަމަށްވެސް މައުލޫމާތު ލިބެއެވެ.

އިންޑިއާގެ ޓުޓިކޮރިންގައި ހިނގާދިޔަ މިހާދިސާއަށް އެ ގައުމުގައި އެކަށީގެންވާ ސަމާލުކަން ލިބެމުން ނުދާ ކަމީވެސް ހައިރާންވާންޖެހޭ ކަމެކެވެ. އެހެނީ، އެމެރިކާގައި ދޮން ނަސްލުގެ ފުލުހުންތަކެއްގެ ލާއިންސާނީ އަނިޔާއިން ކަޅު ނަސްލުގެ މީހެއްގެ ފުރާނަ ގެއްލިދިޔަ ހާދިސާގައި އިންޑިއާގެ މަޝްހޫރު ފަރާތްތަކުން އަޑު އުފުލަމުންދާ ވަރާ ގާތަށްވެސް، އިންޑިއާގެ ދެބަފައިންގެ މަރުގެ މައްސަލާގައި އަޑުއުފުލަމުންދާތީ ނުފެންނާތީއެވެ.

އިންޑިއާއިން މަރުވި ދެބަފައިންގެ ދިފާއުގައި ހަރަކާތްތެރިވާ އިސް ޝަހްސުންނަށް ބަލާއިރު އިދިކޮޅު ލީޑަރު ރާހުލް ގާންދީއާއި، ގައުމީ ކުރިކެޓް ތަރި ސިކާރު ދާވަން ފާހަގަކުރެވެއެވެ.

ތަފާސް ހިސާބުތަކަށް ބަލާއިރު އިންޑިއާ ފުލުހުންގެ ބެލުމުގެ ދަށުގައި ގިނަ އަދަދެއްގެ ބަޔަކު މަރުވާ ކަން ފާހަގަކުރަންޖެހެއެވެ. ސަރުކާރު ހިއްސާނުވާ ޖަމިއްޔާތަކުން އެކުލަވާލާފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު 2019 ވަނަ އަހަރު އެކަނިވެސް، ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި 1731 މީހެއްގެ ފުރާނަ ވަނީ ގެއްލިފައެވެ. މިއީ ދުވާލެއްގެ މައްޗަށް ބަލާނަމަ 5 މަރެވެ.

ކަންމިހެން އޮތްއިރު ލާއިންސާނީ އަނިޔާދޭ ފުލުހުންނަށް އެކަށީގެންވާ އަދަބެއް ދޭތީއެއް ނުފެނެއެވެ. އޭގެ ބަދަލުގައި ފެނިގެންދަނީ މުޅިންހެންވެސް އެހެން ޑިޕާޓްމަންޓަކަށް ނުވަތަ ސަރަހައްދަކަށް ބަދަލު ކުރާ މަންޒަރެވެ.