މަސްތުވާތަކެތީގެ ނުރައްކަލުގައި ޖެހިފައިވާ ފަރާތްތަކަށް ފަރުވާ ދިނުމަށް ރާއްޖޭގައި މެތަޑޯން މެއިންޓެނަންސް ތެރަޕީ އަލުން ފަށަން ނިންމައިފިއެވެ.

މިކަން އިއުލާން ކުރެއްވީ، މަސްތުވާތަކެއްޗާއި ދެކޮޅަށް މަސައްކަތް ކުރާ ބައިނަލްއަގްވާމީ ދުވަހުގެ މުނާސަބަތުގައި މިނިސްޓަރ އޮފް ޖެންޑާ، ފެމިލީ އެންޑް ސޯޝަލް ސާވިސަސް އައިޝަތު މުހައްމަދު ދީދީ ދެއްވި މެސެޖުގައެވެ. އެގޮތުން، މިނިސްޓަރު ވިދާޅުވީ، މެތަޑޯން މެއިންޓެނަންސް ތެރަޕީ އަކީ ދުނިޔެގެ ގިނަ ގައުމުތަކުގައި ކާމިޔާބުކަމާއެކު ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށެވެ.

މީގެ ކުރިން ވެސް މެތަޑޯން މެއިންޓެނަންސް ތެރަޕީ ރާއްޖޭގައި ކުރިއަށް ގެންދިޔަ ނަމަވެސް ތަފާތު ސަބަބުތަކާ ހެދި މީގެ 3 އަހަރު ކުރިން ވަނީ މި ޕްރޮގްރާމް ހުއްޓާލާފައެވެ. ނަމަވެސް އިންޑިއާ ސަރުކާރުގެ އެހީގައި އިންޑިއާގެ އޯލް އިންޑިއާ މެޑިކަލް ސައިންސް (އެއިމްސް)ގެ ފަންނީ އެހީތެރިކަމާއެކު މި ތެރަޕީ ފެށުމުގެ މަޝްވަރާތަކެއް ކުރެވި، ބޭނުންވާ ބޭސް ރާއްޖެއިން ބޭރުން ގެނެސް، އަންނަ ސެޕްޓެމްބަރު މަހު ފަރުވާގެ މަސައްކަތް ފެށުމަށް ވަނީ ހަމަޖެހިފައެވެ.

މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތް ކުރާ ބައިނަލްއަގުވާމީ ދުވަހުގެ މިއަހަރުގެ ޝިއާރަކީ "ރަނގަޅަށް އަޅާލުމަށް – ރަނގަޅު މައުލޫމާތު" ލިބުމުގެ މުހިންމުކަމެވެ. ޖެންޑާ މިނިސްޓަރު ވިދާޅުވީ، މަސްތުވާތަކެއްޗާ ބެހޭ ގާނޫނު ލާޒިމުކުރާ ޑްރަގް އޮފެންޑާ ރިމާންޑް ސެންޓަރު މިއަހަރު ގާއިމް ކޮށް، އެ ސެންޓަރަށް ބޭނުންވާ މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ ތެރެއިން ބަންދުގައި ތިބޭ މީހުންނަށް ބޭނުންވާ އަސާސީ ފަރުވާ ލިބޭނެ ކަމަށެވެ.

މިނިސްޓަރު ދެއްވި މެސެޖުގައި ވިދާޅުވީ މަސްތުވާތަކެތި ބޭނުންކުރާ ފަރާތްތަކަށް ފަރުވާދީ، އެކަމުން ސަލާމަތްވެފައިވާ ބައެއްގެ ގޮތުގައި އެމީހުން އަނބުރާ މުޖްތަމައަށް ނެރުމަކީ ބުރަ އަދި އެހާމެ ގޮންޖެހުން ގިނަ މަސައްކަތެއް ކަމަށެވެ. އަދި ފަރުވާ ބޭނުންވާ ގިނަ ފަރާތްތަކަކަށް ފަރުވާގެ އިންތިޒާރުގައި ތިބެން ޖެހުމުގެ ބަދަލުގައި ބޭނުންވާ ފަރުވާ ލިބުމުގައި ހުރިހާ ދާއިރާތަކެއް ގުޅިގެން މަސައްކަތް ކޮށްފިނަމަ މިކަމުގައި އިތުރު ކާމިޔާބުތަކެއް ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މިނިސްޓަރު އައިޝަތުގެ މެސެޖުގައި ވިދާޅުވީ، ރާއްޖޭގައި މަސްތުވާތަކެތި ޓްރެފިކް ކުރުން ހުއްޓުވުމާއި، މަސްތުވާތަކެތި ބޭނުން ކުރުން ހުއްޓުވުމާއި، މަސްތުވާތަކެތި ބޭނުންކުރާ މީހުނަށް ފަރުވާދިނުމުގެ މަސައްކަތަކީ އަބަދު ތަރައްގީވެ، އާ ހޯދުންތަކާއި އެވިޑެންސް ބޭސްޑް އެޕްރޯޗް ބޭނުންކުރަމުން ގެންދަން ޖެހޭ މަސައްކަތެއް ކަމަށެވެ. އަދި މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުންގެ ސަބަބުން ދިވެހި ޒުވާން ޖީލަށް ނުރައްކާ ވަމުން އަންނައިރު، މިކަމުގައި އެންމެން ގުޅިގެން އިތުރު ހިތްވަރަކާއެކު މަސައްކަތްތަކެއް ކުރަން ޖެހިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، ގޭތެރެއިން ފެށިގެން ރީހެބިލިޓޭޝަން ސެންޓަރާ ހިސާބަށް، އަދި ރީހެބިލިޓޭޓް ވުމަށްފަހު މުޖަތަމައުއަށް ބޭނުންތެރި މީހެއްގެ ގޮތުގައި އަނބުރާ އައުމަށްފަހުވެސް، އެމީހަކީ މުޖްތަމައުން ބަލައިގަންނަ މީހަކަށް ހެދުމަށް އެންމެން މަސައްކަތްކުރަން ޖެހޭ ކަމަށެވެ. އަދި މަސްތުވާތަކެތި ބޭނުންކުރާ މީހުން އާއިލާތަކުން އެކަހެރި ކޮށްނުލާ އެކަމުން ދުރުހެލި ކުރެވޭނީ ފުރިހަމަ މައުލޫމާތު ލިބިގެން ކަމަށާއި އާއިލާގެ ތެރެއިންނާއި، އެކިއެކި ފަންނީ ފަރާތްތަކުންނާއި އަދި އިދާރާތަކުން ވެސް މައުލޫމާތު ލިބިގެން ކަމަށް އޭނާ ވިދާޅުވިއެވެ.