ފާއިތުވީ ދެތިން ދުވަހުގެ ތެރޭގައި އިންޑިއާގެ އުތުރުގެ އެކި ސަރަހައްދުތަކަށް ހޮނުއެޅުމުގެ ސަބަބުން ހިނގި ހާދިސާތަކުގައި 100 އަށްވުރެ ގިނަ މީހުންގެ ފުރާނަ ގެއްލިފައިވާކަމަށް އިންޑިއާގެ އޮފިޝަލުން ހާމަ ކުރައްވައިފިއެވެ.

ބިހާރުގައި ހަރަކާތްތެރިވާ ޑިޒާސްޓާ މެނޭޖްމަންޓް ޓީމުން ބުނީ ހޮނު އެޅުމުގެ ހާދިސާތަކުގައި 83 މީހަކު މަރުވެފައިވާއިރު، އިތުރު 20 މީހަކަށް ހޮސްޕިޓަލުތަކުގައި ފަރުވާ ދެމުން ދާ ކަމަށެވެ. އުއްތަރަ ޕްރަދޭޝްއިން 20 މީހެއްގެ ފުރާނަ ގެއްލިފައިވާކަމަށް ޚަބަރު ލިބެއެވެ.

މޫސުމީ ގަދަ ވިއްސާރައިގެ ދުވަސްވަރު ހޮނުއެޅުމުގެ ހާދިސާތައް ހިނގުމަކީ އިންޑިއާގައި އާންމު ކަމެކެވެ.

އިންޑިއާއަށް މިހާރު ކުރަމުންދާ ވިއްސާރާގައި ރުއްގަހަށާ މީހުންގެ މުދަލަށްވެސް ގެއްލުން ވަމުން ދާ ކަމަށް ޚަބަރު ލިބެއެވެ.

ކަމާބެހޭ ފަރާތްތަކުން ވަނީ، ހުރިހާ އެންމެންވެސް މޫސުމަށް ސަމާލުވެ، ބޭރަށް ނިކުމެ ނުއުޅުމަށް އިންޒާރުކޮށްފައެވެ.

ބިހާރުގެ ޑިޒާސްޓާ މެނޭޖްމަންޓް މިނިސްޓަރު ލަކްޝްމިޝްވާރު ރާއީ ވިދާޅުވީ، މިއީ މި ފަހުގެ ތާރީހުގައި، ހޮނުއެޅުމުގެ ހާދިސާތަކުގައި މިހާ ގިނަ އަދަދެއްގެ ބަޔަކު އެ ސްޓޭޓުން މަރުވެދިޔަ ފަހަރު ކަމަށެވެ.

އިންޑިއާގެ ނޭޝަންލް ކްރައިމް ރެކޯޑްސް ބިއުރޯގެ ތަފާސް ހިސާބުތަކަށް ބަލާއިރު 2018 ވަނަ އަހަރު އިންޑިއާގައި ހިނގި މިފަދަ ހާދިސާތަކުގައި 2300 އަށްވުރެ ގިނަ މީހުންގެ ފުރާނަ ވަނީ ގެއްލިފައެވެ. އަދި 2005 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް، މިފަދަ ހާދިސާތަކުގައި 2000 އަށްވުރެ ގިނަ މީހުންގެ ގެއްލިފައިވާކަމަށް އެ ރެކޯޑްތަކުން ދައްކައެވެ.

އިންޑިއާގެ ދެކުނު ސްޓޭޓެއް ކަމަށްވާ އަންދަރަ ޕްރަދޭޝްއިން 2018 ވަނީ، 13 ގަޑިއިރުގެ ތެރޭގައި 36749 ހޮނުއެޅި ކަމަށް ރެކޯޑްކޮށްފައެވެ.