އަންނަ ޖުލައި މަހުގެ 15 ވަނަ ދުވަހު ރާއްޖޭގެ ބޯޑަރު ހުޅުވާލައި ފަތުރުވެރިން އައުމަށް ފުރުސަތު ހުޅުވާލާ އިރު، ފަތުރުވެރިން އެ ރިސޯޓަކަށް ގެނެވޭނީ އެޗްޕީއޭއިން ހުއްދަ ދޭ ރިސޯޓުތަކަށް ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.
މިހާރު ދަރުބާރުގޭގައި ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ، މިހާރު ބޮޑަރުތައް ހުޅުވާލަން މަސައްކަތް ކުރަމުންދާ އިރު ގައިޑްލައިނާ ގުޅިގެން ކޮންމެ ރިސޯޓަކުން ވެސް ފަތުރުވެރިން ރިސޯޓަށް އައުމުގެ 7 ދުވަސް ކުރިން އެ ރިސޯޓެއްގެ ޕްލޭން ތައްޔާރުކޮށް ހުށަހަޅާން ޖެހޭނެ ކަމަށެވެ. އަދި އެ ޕްލޭންގައި ހުރި ކަންކަން ބަލައި ފާސްކުރުމަށްފަހު ރިސޯޓަށް ފަތުރުވެރިން ގެނައުމަށް އެޗްޕީއޭއިން ހުއްދަ ދޭނެ ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.
އެގޮތުން ފަތުރުވެރިން ގެންނަ އިރު ޕޮޒިޓިވް ކޭސްއެއް ފެނިއްޖެ ނަމަ އެ ރަށެއްގައި އަމަލު ކުރާނީ ރިސޯޓުތަކުން އެކުލަވާލި ޕްލޭނަށް ބެލުމަށްފަހުގައި ކަމަށްވެސް އަލީ ވަހީދު ވިދާޅުވިއެވެ. އެ ގޮތުން އެޗްޕީއޭ މިންގަނޑުން ގަބޫލު ކުރެވޭ މެޑިކަލް ފެސިލިޓީސް އެ ރިސޯޓެއްގައި ހުރެއްޖެ ނަމަ ޕޮޒިޓިވް ކޭސްއެއް އެ ރިސޯޓުގައި މެނޭޖްކުރުމުގެ ފުރުސަތު އޮންނާނެ ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ. އެހެންކަމުން ޗުއްޓީއަށް އަންނަ ފަރާތެއް ޕޮޒިޓީވްވެއްޖެ ނަމަ ރިސޯޓުގައި ފުލް ކަރަންޓީންގައި އައިސޮލޭޝަންގައި ހުރެގެން ކުރިއަށް ދިއުމުގެ ފުރުސަތު އެބައޮތް ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން ރިސޯޓުގައި ހުންނަ އެ މެޑިކަލް ފެސިލިޓީއަކުން ސަރުކާރުގެ އެހެން ފެސިލިޓީއަކަށް ބަދަލުކުރަން ބޭނުންވެއްޖެ ނަމަ އެޗްޕީއޭއާ ގުޅިގެން އެކަން ކުރުމުގެ އިންތިޒާމްވެސް ހަމަޖެހިގެން ދާނެ ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ. އަދި މިފަދަ ހާލަތެއްގައި ހަރަދު ބަލަހައްޓަން ޖެހޭނީ އެ ފަތުރުވެރިކަމުގެ ސިނާއަތުގެ ތެރެއިން ކަމަށާއި ސަރުކާރަކުން ނޫން ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.
އިއްޔެ ރައީށް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ރާއްޛޭގެ ބޮޑަރުތައް އަންނަ ޖުލައި މަހު ހުޅުވާލަން ނިންމާފައިވާ ކަމަށް ވިދާޅުވެފައެވެ. ކޮވިޑް-19 އާ ދެކޮޅަށް ރާއްޖެއިން ކުރަމުން ދިޔަ މަސައްކަތަށް ރަނގަޅު ނަތީޖާތަކެއް ހޯދިފައިވާ ކަމަށާއި އެހެންކަމުން ރާއްޖެއިން ތައްޔާރު ވަނީ ނިއު ނޯމަލްގައި ރާއްޖޭގެ އިގްތިސޯދީ ހަރަކާތްތައް ފެށުމަށް ކަމަށް ރައީސް ވިދާޅުވެފައި ވެއެވެ. ރިސޯޓުތައް ވެސް ހުޅުވުމުގެ ހުއްދަ އަންނަ މަހުގެ 15 ވަނަ ދުވަހު ދެވިގެން ދާނެ ކަމަށާއި އަންނަ އޮގަސްޓު މަހުގެ ތެރޭގައި ރާއްޖޭގެ ގެސްޓު ހައުސްތައް ހުޅުވާލެވޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ރައީސް އިއްޔެ ވިދާޅުވެފައި ވެއެވެ.