ރާއްޖެއަށް ފަތުރުވެރިން އައުމަށް އަންނަ ޖުލައި މަހު ރާއްޖޭގެ ބޯޑަރު ހުޅުވާލާއިރު، އެއާޕޯޓުގައި ރެންޑަމް ސާމްޕަލް އަދި ކޮވިޑް-19 ގެ އަލާމަތް ހުންނަ ފަރާތްތަކުގެ ޓެސްޓު ކުރެވޭނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

މިހާރު ދަރުބާރުގޭގައި ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އަލީ ވަހީދު ވިދާޅުވީ، އަންނަ މަހުގެ 15 ވަނަ ދުވަހު ރާއްޖޭގެ ބޯޑަރު ހުޅުވުމަށް ނިންމާފައިވާ އިރު ފުރަތަމަ ފްލައިޓު އެ ދުވަހުގެ ހެނދުނު ޖެއްސުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި ރާއްޖޭގެ ބޯޑަރު ހުޅުވާލުމަށް ހަމަޖެހިފައިވާ އިރު އެއާޕޯޓުގައި ކޮވިޑަށް ޓެސްޓު ކުރެވޭނެ ކަމަށާއި ރެންޑަމް ސާމްޕަލް ނަގާނީ އެކަމަށް އެދޭ ފަރާތްތަކުން ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.

"ރާއްޖެއަށް އަންނަ ފަތުރުވެރިންގެ ސާމްޕަލް ނަގާނީ އެއާޕޯޓުން. އެއީ ސިމްޓޮމެޓިކް މީހުން. އެކަން ނިންމާނީ ސިއްހީ ކަމާބެހޭ ޕޯޓު ހެލްތްގެ ބޭފުޅުން. ބޯޑަރުގައި ރަނގަޅު މެޑިކަލް ޓީމެއް އޮންނާނެ." އަލީ ވަހީދު

ރާއްޖެއަށް އަންނަ ފަތުރުވެރިން ޓެސްޓު ކުރުމުގައި ޓެސްޓު ކުރާނީ ބަލީގެ އަލާމާތް ހުންނަ މީހުން ކަމަށާއި އެކަން ބަލާނީ ބޯޑަރުގައި ތިބޭ މެޑިކަލް ޓީމުން ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ. އެ ގޮތުން ކޮވިޑް ބަލީގެ އަލާމާތް ހުންނަ ފަރާތްތައް ޓެސްޓު ހެދުމަށް ފަހު ނަތީޖާ ލިބެންދެން އެހެންމީހުން އެކު ނުކޮށް އެކަހެރި ކުރެވޭނެ ކަމަށް ވެސް އަލީ ވަހީދު ވިދާޅުވިއެވެ.

އަންނަ މަހުގެ 15 ވަނަ ދުވަހު ބޯޑަރު ހުޅުވާލާއިރު އިތުރު ސާޖެއް އަޔަ ނުދިނުމަށް މަސައްކަތް ކުރަމުން ދާ ކަމަށް އަލީ ވަހީދު ފާހަގަ ކުރެއްވިއެވެ. އަދި ފަތުރުވެރިން ގެނެސްގެން ރިސޯތުތަކުން މަސައްކަތަށް އެނބުރި ރުޖޫއަވާ އިރު، ކޮވިޑްގެ ސަބަބުން ރިސޯޓުތަކުން ވަކި ކުރި މުވައްޒަފުންނަށް އިސްކަން ދީގެން ވަޒީފާގެ ފުރުސަތު އަނބުރާ އެ ފަރާތްތަކަށް ދިނުމަށް ވާނީ އިލްތިމާސްކޮށްފައި ކަމަށް ވެސް އަލީ ވަހީދު ވިދާޅުވިއެވެ.