ފެބްރުއަރީ 7، 2012 ގައި ރައީސް ނަޝީދުގެ ވެރިކަން ވައްޓާލީ، ރައީސް މައުމޫނު އަބްދުއްގައްޔޫމުގެ ވެރިކަމުގައި އެސްޓީއޯގެ ޗެއާމަނަކަށް ކުރީގެ ރައީސް އަބްދުﷲ ޔާމީނު ހުންނެވި އިރު ކޮށްފައި އޮތް 800 މިލިއަން ޑޮލަރުގެ ތެލުވެ ވިޔަފާރިއެއްގެ ރިޕޯޓު ނެރެން އޮތް ދުވަހު ކަމަށް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
މިއަދު ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ތެލުގެ ވަގު ވިޔަފާރީގެ ރިޕޯޓު ނެރެން އޮތް ދުވަހު ވެރިކަން ވައްޓާލީ ކަމަށެވެ.
ނަޝީދު މިހެން ވިދާޅުވީ، މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހު ހުށަހެޅުއްވި މައްސަލައެއްގައި ވާހަކަ ދައްކަވަމުންނެވެ. ތެލުގެ ވިޔަފާރީގެ ރިޕޯޓު ހޯދުމަށް ފަލާހު ހުށަހެޅުއްވި މައްސަލައިގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ތެލުގެ ވިޔަފާރީގެ އެ މުއާމަލާތް ބަލަން ގްރާންޓް ތޯންޓަން ކިޔާ ބައިނަލްއަގުވާވީ ކުންފުންޏަކާ، އެ މަނިކުފާނުގެ ސަރުކާރުގައި ހަވާލުކުރި ކަމަށެވެ. އަދި އޭރު އެ މަސައްކަތް ހަވާލު ކުރީ ހިލޭ ކުރާ ގޮތަށް ނަމަވެސް އެއްވެސް ސަބަބަކާ ހުރެ ހުއްޓާލަން ޖެހިއްޖެ ނަމަ، 10 މިލިޔަން ޑޮލަރު އެކުންފުންޏަށް ދޭން ޖެހޭ ކަމަށެވެ.
ނަޝީދު ވިދާޅުވީ، އެ ރިޕޯޓު ނިމި ނެރެން އޮތް ދުވަހު އެމަނިކުފާނުގެ ވެރިކަން ވައްޓާލީ ކަމަށެވެ. އަދި އެކަން ކުރެއްވީ އޭރުގެ ނާއިބު ރައީސް، އަދި ނަޝީދު އިސްތިއުފާ ދެއްވުމުން ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ކަމަށް ތުހުމަތުކޮށް އެމަނިކުފާނު މަޖިލީހުގެ ކޮމިޓީއަށް ހާޒިރު ކުރަން މަޖިލީހުގެ މެންބަރުން ވަނީ ގޮވާލައްވާފައެވެ.
800 މިލިއަން ޑޮލަރުގެ ތެލުގެ ވަގު ވިޔަފާރިއަށް ބަރުމާއަށް ކުރި ކަމަށް ބަލާ އޭރު ހިންގި ތަހުގީގުގެ ރިޕޯޓު ހޯދަން މަސައްކަތް ކުރާ އިރު ތެލުގެ އެ ވިޔަފާރި ހިންގި އިރު އެސްޓީއޯގެ ޗެއާމަނަކަށް ހުންނެވި ރައީސް ޔާމީން މިހާރު ހުންނެވީ މަނީ ލޯންޑަރިންގެ ކުށުގައި 5 އަހަރަށް ޖަލަށް ލައިފައެވެ.
އަޅެ މީހަކު ހޭބަލި ވެދާނެ އެއީ ވައްޓާލި ވެރިކަމެއް ނޫން ބުރާންޗާ އެއީ އަމިއްލަޔައް އިސްތިއުފާ ދީފަ ދުރައް ދިޔަވެރިކަމެއް ދެން އެހެންވީރުން މިހާރުވެސް އެ ރިޕޯޓް އާންމު ކުރަންވީއެއްނު..
ދުލަށް އައިހާ އެއްޗެއް ކިޔަނީ ދެން މާދަމާ ބުނާނެ...އެހެން އެއްޗެއް ބުރާންތި.