ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ފެތުރުން ކޮންޓްރޯލް ކުރުމަށް ބޯޑަރާ ވައިގެ ބަނދަރުތައް ބަންދުކޮށްފައި އޮތް އޮތުން ނިމުމަކަށް އައިހާ އަވަހަކަށް، ބައިނަލްއަގުވާމީ އެކި މަންޒިލްތަކަށް ވައިގެ އުދުހުންތައް ފަށާއިރު، ދިވެހިރާއްޖެ ހިމެނޭ ރޫޓުގެ ދަތުރުތައް ފެށުމަށް ވިސްނަމުންދާކަން ސްރީލަންކާގެ އެންމެ ވަރުގަދަ އެއާލައިންކަމަށްވާ ސްރީލަންކަންއިން ހާމަކޮށްފިއެވެ.

އޯގަސްޓް މަހުން ފަށައިގެން ސްރީލަންކަން އިން ފަސެންޖަރުން ގޮވައިގެން ދަތުރުތައް ފަށަން ގަސްތުކުރާ މަންޒިލްތަކުގެ ތެރޭގައި ދިވެހިރާއްޖޭގެ އިތުރުން ދެން ހިމެނެނީ ދެކުނު ކޮރެއާ، ޗައިނާ އަދި އޮސްޓްރޭލިއާއެވެ.

ސްރީލަންކާގެ ގައުމީ އެއާލައިނުން ފަސެންޖަރުން ގޮވައިގެން ދަތުރުތައް ފަށަން ތައްޔާރުވަމުންދަނީ ކަރަންޓީނު ކުރުން ފަދަ ހަރުކަށިފިޔަވަޅުތަކެއް ތަންފީޒު ކުރުމަކާ ނުލާ ނަމަވެސް، ޕީސީއާރް ޓެސްޓު ލާޒިމުކުރާ ކަމަށް ޚަބަރު ލިބެއެވެ.

ބަންޑާރަނަޔަކަ އިންޓަނޭޝަނަލް އެއާޕޯޓްގައި ޖައްސާފައިވާ ސްރީލަންކަން އެއާލައިންސް ފްލައިޓެއްގެ ގްރައުންޑް ހެންޑްލިންގް މަސައްކަތް ކުރއިަށްދަނީ/ފޮޓޯ: އިންފްލަިއޓް ނިއުސް

ކޮވިޑް-19ގެ ބަލިމަޑުކަމާއެކު ބައިނަލްއަގުވާމީ ވައިގެ އުދުހުންތަކުގެ ސިނާއަތް އިނދަޖެހިފައިވާ މި ދަނޑިވަޅުގައި ދަތުރުތައް އަލުން ފަށާއިރު، ރޫޓުތަކަށް ކޮންމެވެސް ވަރެއްގެ ބަދަލުތަކެއް އައުން އެކަށީގެންވާކަމަށް ސްރީލަންކަން އެއާލައިންސްގެ ޗެއާމަން އަޝޯކް ޕަތިރަގެ ވަނީ ވިދާޅުވެފައެވެ.

ސްރީލަންކަންއަކީ ކޮވިޑް-19ގެ ބަލިމަޑުކަމުގައި ބައިނަލްއަގުވާމީ ރޫޓުތައް ބަންދުވެފައި އޮތް އެންމެ ދަތި ދުވަސްވަރުވެސް، ބޭރު ގައުމުތަކުން ސްރީލަންކާގައި ޓްރާންސިޓް ކުރި ކާގޯތައް ދިވެހިރާއްޖެއާއި ހިސާބަށް އުފުލާ ދިނުމުގައި އިސް ދައުރެއް އަދާކުރި އެއާލައިނަކަށްވާއިރު، ފަސެންޖަރުން ގޮވައިގެން ދަތުރު ފެށުމަށް މުޅި އެއާލައިންވެސް އޮތީ ކެތްމަދުވެފައި ކަން ޕަތިރަގެ ވަނީ ފާހަގަކުރައްވާފައެވެ.

ކޮވިޑް-19އާ ގުޅިގެން އެ އެއާލައިންގެ އާމްދަނީއަށްވެސް ވަނީ ބޮޑު ހީނަރުކަމަކާ ކުރިމަތިވެފައެވެ. ކޮވިޑް-19ގެ ބަލިމަޑުކަމުގައި ދުނިޔެ އިނދަޖެހުމުގެ ކުރިން މަހެއްގެ މައްޗަށް ގާތްގަނޑަކަށް 80 މިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދަމުންދިޔަ ސްރީލަންކަން އެއާލައިންސްއިން މި ދުވަސްވަރު ކުރަމުންދަނީ ކާގޯ ދަތުރުތަކެވެ. އަދި މަދުމަދުން، ރިޕެޓްރިއޭޝަން ފްލައިޓްތަކުގައި ފަސެންޖަރުން އުފުލައެވެ. މި ދަތުރުތަކުން މަހެއްގެ މައްޗަށް ލިބިފައިވަނީ ގާތްގަނޑަކަށް 20 މިލިއަން ޑޮލަރު ކަމަށް ޚަބަރު ލިބެއެވެ.

ސްރީލަންކަން އެއާލައިންސް ދަނީ ސްރީލަންކާގެ ބައެއް ބޭންކުތަކަށް އެ އެއާލައިން ދަރާފައިވާ ދަރަނިތައް ރީސްޓްރަކްޗާ ކުރުމުގެ މަޝްވަރާތަކެއްވެސް ކުރަމުންނެވެ.