ދުނިޔޭގެ އެކި ގައުމުތަކުގެ ގިނަ ލަވަތަކެއް އެއް ޕްލެޓްފޯމަކުން އަޑު އަހާލެވޭ "ސްޓިންގް ރޭ" މިއުޒިކް އެޕް މެދުވެރިކޮށް އެއިރެއްގެ މޫޑަކާ ގުޅޭ ޕްލޭ ލިސްޓެއް ދިރާގުން މިހާރު ގެނެސްދޭނެއެވެ.

މިޒަމާނުގައި ކޮންމެ ކަމެއް ކުރި ކަމުގައި ވިޔަސް އެކަމަކާ ގުޅޭ "ޕްލޭލިސްޓް" އަކާ ނުލާ އެއްވެސް މަސައްކަތެއް ކުރެވޭ ކަމަކަށް ނުވެއެވެ. އެކަނި ހުރެ ގޭގައި މީރުކޮށް ކައްކާލަން ވިޔަސް، ކަސްރަތު ކުރަން ވިޔަސް، ޔޯގާ ހަދަން ވިޔަސް ނޫނިއްޔާ ރައްޓެހިންނާ އެކު ބާބަކިއުއެއް ހަދަން ވިޔަސް ރަނގަޅު ޕްލޭލިސްޓެއް "ހަދާ ނުލާ" އެއްވެސް ކަމެއް ކުރެވޭ ކަމަކަށް މިހާރަކު ނުވެއެވެ. އެކަމަށް އޮތް އެންމެ ފަސޭހަ ހައްލަކީ އަވަހަށް ސްޓިންގްރޭ އެޕްލިކޭޝަން ފޯނަށް ޑައުންލޯޑް ކޮށްލުމެވެ.

ދިރާގުން ބުނީ ކޮންމެ ކަމަކަށް، ކޮންމެ މޫޑަކަށް އެކަށީގެންވާ ތަފާތު ގިނަ ޕްލޭލިސްޓްތައް ހިމެނޭ މި މޮބައިލް މިއުޒިކް ސްޓްރީމިން އެޕްއިން އިންޓަނޭޝަނަލް ހިޓް އަދި ދުނިޔޭގެ ފެންވަރުގައި މަޝްހޫރު އެތައް ބައިވަރު އާޓިސްޓުންގެ މިއުޒިކް މުޅިން ހިލޭ ސްޓްރީމް ކުރެވޭނެ ކަމަށެވެ.

އެގޮތުން ދުނިޔޭގެ ޓޮޕް ޗާޓުގައި ހިމެނޭ 40 ލަވަ ކޮންމެ ހަފުތާއަކު އެ އެޕްގައި އަޕްޑޭޓްވާނެ ކަމަށް ދިރާގުން ބުންޏެވެ. މީގެ އިތުރުން ތަފާތު ޖޯންރާ ތަކުގެ މިއުޒިކާ އެކި އެކި ޒަމާނުގެ ލަވަ ހިމެނޭ ޕްލޭލިސްޓްވެސް އެ އެޕްގައި ހިމެނޭ ކަމަށް ދިރާގުން ބުންޏެވެ.

"ސްޓިންގް ރޭ" މިޔުޒިކް އެޕް ދިރާގުން ރާއްޖެ އަށް ތައާރަފު ކުރީ މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައެވެ. ދިރާގުން މީގެކުރިން ބުނީ އެ އެޕްލިކޭޝަން ތައާރަފުކުރީ އެ ކުންފުނީގެ ކަސްޓަމަރުންގެ މެދުގައި ހެދި ދިރާސާތަކަކަށް ފަހު ކަސްޓަމަރުންގެ އެދުމުގެ މަތިން ކަމަށެވެ. މި އެޕްލިކޭޝަން ދިރާގުގެ ހުރިހާ ކަސްޓަމަރުންނަށް ހިލޭ ބޭނުން ކުރެވޭނެއެވެ.