މިއަދު 21 މީހަކު ރާއްޖެއިން ކޮވިޑް19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭއިން ބުނީ މިއަދު 21 މީހުން ކޮވިޑަށް ޕޮޒިޓިވް ވެފައި ވާއިރު މި ބައްޔަށް ރާއްޖެއިން ޕޮޒިޓިވް ވެފައިވާ މީހުންގެ ޖުމްލަ އަދަދު 2238 އަށް އަރާފައި ވާ ކަމަށެވެ. މިއަދު ޕޮޒިޓިވްވި 21 މީހުންގެ ތެރޭގައި ހިމެނެނީ 12 ދިވެއްސަކާއި، ބަންގްލަދޭޝްގެ 7 މީހަކާއި، އިންޑިއާ އަދި ނޭޕާލް މީހެކެވެ.

މީގެއިތުރުން ބަލި ޖެހުނު މީހުންގެ ތެރެއިން 16 މީހަކު ބަލިން ރަނގަޅުވެފައިވާ ކަމަށްވެސް އެޗްޕީއޭ އިން ބުންޏެވެ. އެހެންކަމުން މިހާރު ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ އަދަދަކީ 1829އެވެ.

މިހާތަނަށް އައި އިރު ރާއްޖެއިން މި ބަލި ޖެހިގެން 8 މީހަކު ވަނީ މަރުވެފައެވެ. އޭގެތެރޭގައި ހިމެނެނީ 83 އަހަރުގެ ދިވެހި އަންހެނަކާއި 33 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކާއި 80 އަހަރުގެ ދިވެހި ފިރިހެނަކާއި 88 އަހަރުގެ ދިވެހި ފިރިހެނަކާއި 45 އަހަރުން ބަންގްލަދޭޝް ފިރިހެނެއްގެ އިތުރުން 54 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކާއި 89 އަހަރުގެ ދިވެހި އަންހެނަކާއި 38 އަހަރުގެ ބަންގްލަދޭޝް ފިރިހެނެކެވެ.

މާލެ ސަރަހައްދުގައި ކޮވިޑް ފެތުރެން ފެށުމާއެކު މިިދިޔަ އޭޕްރީލް މަހުގެ 15 ވަނަ ދުވަހު ވަނީ މާލެ ލޮކްޑައުންކޮށްފައެވެ. ނަމަވެސް މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން މާލޭގައި އިއުލާންކޮށްފައިވާ ލޮކްޑައުންއަށް ލުއިދީ ފާހަކާ ނުލައި މަގުމަތީގައި މީހުންނަށް ނުކުމެވޭ ގޮތަށް ވަނީ ހަމަޖައްސާފައެވެ. މި ވަގުތު މާލެ ސަރަހައްދުގައި މަގުތަކަށް ނުކުންނަ ފަރާތްތައް އިތުރުވަމުންދާތީ މާލޭގައި މި ބަލި އިތުރަށް ފެތުރުމަކީ އެކަށީގެންވާ ކަމެއް ކަމަށް ޑރ. އަލީ ލަތީފް ވަނީ ވިދާލުވެފައެވެ. އެހެންވެއްޖެ ނަމަ މާލެ އަލުން ލޮކްޑައުން ކުރަން ޖެހިދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.