ޖަރުމަނުވިލާތުގައި އެއްގަމު މަސް ބަންދު ކުރާ ކާރުހާނާއެއް ހިމެނޭ ސަރަހައްދަކުން ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ކޭސްތައް ފެންމުންދާ މިންވަރު އިތުރުވަމުންދާ ދިއުމާ ގުޅިގެން، ނޯތް ރައިން-ވެސްޓްފޭލިއާއޭ ކިއުނު ސަރަހައްދު ލޮކްޑައުންކޮށްފިއެވެ.

ޓޯނީޒް ޕްލާންޓްގައި މަސައްކަތް ކުރާ 1500 އެއްހާ މުވައްޒަފުން، ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވާކަމަށް މައުލޫމާތު ލިބެއެވެ. މި ޕްލާންޓްގައި މަސައްކަތް ކުރާ މުވައްޒަފުން ދިރިއުޅެމުންދާ އިމާރާތްތަކުގެ ބޭރުގައި ދަގަނޑު ފެންސު ޖަހާފައިވާއިރު، ޖުމުލަ 7000 އެއްހާ މުވައްޒަފުންނަށް ކާބޯތަކެތީގެ އެހީތެރިކަން ފޯރުކޮށްދެމުންދަނީ ކަމާބެހޭ ފަރާތްތަކުންނެވެ.

ގާތްގަނޑަކަށް 360000 އެއްހާ މީހުންގެ އާބާދީއެއް އޮތް ސަރަހައްދެއް ލޮކްޑައުން ކޮށްފައިވާއިރު، މިމަހުގެ 30 ގެ ނިޔަލަށް މި އަމުރު ތަންފީޒު ކުރަމުންދާނެ ކަމަށް ސްޓޭޓް ޕްރިމިއާ އާމިން ލޭޝެޓް ވަނީ ހާމަ ކުރައްވާފައެވެ.

މިއީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފެތުރެމުންދާ ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް ޖަރުމަނުވިލާތުން ތަންފީޒު ކުރަމުންދިޔަ ލޮކްޑައުންގެ ހަރުކަށި އަމުރުތަކަށް މެއި މަހު ލުއި ދިން ފަހުން، އިތުރު ސަރަހައްދެއް ލޮކްޑައުން ކުރި ފުރަތަމަ ފަހަރެވެ.

ކޮވިޑް-19އާ ދެކޮޅަށް ކުރަމުންދާ ހަނގުރާމާގައި ޖަރުމަނުވިލާތުން އެދެވޭ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ބުނެ ގިނަ ބައެއްގެ ތައުރީފު އެގައުމަށް ލިބެމުންދިޔަ ކަމުގައި ވީ ނަމަވެސް، މި ބަލީގެ އާ އޮއެވަރަކާ ޖަރުމަނުވިލާތަށް ކުރިމަތިލާންޖެހިދާނެ ކަމުގެ ބިރުވެރިކަން މިހާރު ވަނީ އިންތިހާއަށް ބޮޑުވެފައެވެ.

ޖަރުމަނުވިލާތް ހިމެނޭ ވިލާތު ބައްރަށް ބަލާއިރު، އެކި ގައުމުތަކުން ދަނީ ބަލިމަޑުކަމުގެ ކާވް އަނެއްކާވެސް އުފުލެމުންދާކަމަށް ރިޕޯޓްކޮށްފައެވެ. އެގޮތުން ސްޕެއިންވެސް ވަނީ ބަލިމަޑުކަން އިތުރުވަމުންދާތީ ބައެއް ހިސާބުތައް ލޮކްޑައުން ކޮށްފައި ކަން ފާހަގަކުރަންޖެހެއެވެ.