މި އަހަރުގެ ހައްޖުގެ އަޅުކަމުގައި ބައިވެރިވެވޭނީ ސައުދީ އަރައްބިޔާގައި ދިރިއުޅޭ ފަރާތްތަކަށް އެކަނި ކަމަށް ސައުދީ ސަރުކާރުން ނިންމައި އިއުލާން ކޮށްފިއެވެ.

ދުނިޔޭގައި މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19ގެ ސަބަބުން މިއަހަރުގެ ހައްޖުގެ އަޅުކަމުގައި ބައިވެރިވެވޭނީ ސައުދީގައި ތިބި މީހުންނަށް އެކަނި ކަމަށާ ނަމަވެސް ފުރުސަތު ލިބޭނީ ކަނޑައަޅާ ވަކި މިންވަރަކަށް ކަމަށް ވަނީ ބުނެފައެވެ. އެގޮތުން މިހާލަތައް ރިއާޔަތްކޮށް ސައުދީ އަރަބިއްޔާގެ ހައްޖާއި އުމްރާގެ ކަންކަމާ ގުޅޭ މިނިސްޓްރީން ނިންމީ މިއަހަރުގެ ހައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުސަތު ވަރަށް މަދު އަދަދެއްގެ މީހުންނަށް ދިނުމަށެވެ.

ވީހާވެސް މަދު އަދަދެއްގެ މީހުންނަށް ފުރުސަތު ދިނުމަށް ނިންމާފައިވީ ނަމަވެސް ފުރުސަތު ދޭނީ ކިހާ އަދަދެއްގެ މީހުންނަށް ކަމެއް ސައުދީ ސަރުކާރުން އަދި ހާމައެއް ނުކުރެއެވެ. ނަމަވެސް ހައްޖުގެ އަޅުކަން އަދާކުރަން ފުރުސަތު ދޭނީ އިޖުތިމާއީ ގައިދުރުކަމާއި، ރައްކާތެރި ކަމުގެ ފިޔަވަޅުތައް ރަނގަޅަށް އެޅޭނެ އަދަދެއްގެ މީހުންނަށް ކަމަށް ވަނީ ބުނެފައިވެއެވެ.

މިފަދަ ނިންމުމެއް ނިންމާފައި ވައިރު، މީލާދީން 1932 ވަނަ އަހަރު ސައުދީ އަރަބިއްޔާގެ ރަސްކަން އުފެދުނު ފަހުން ފުރަތަމަ ފަހަރަށް ހައްޖުގެ އަޅުކަން "ކުޑަކޮށްލި" ކޮށްފައިވާ މިއީ ފުރަތަމަ ފަހަރެވެ.

ސައުދީގެ އޮފިޝަލާ ހަވާލާދީ ބައިނަލްއަގުވާމީ މީޑީއާއިން ރިޕޯޓް ކޮށްފައިވާ ގޮތުގައި ކަމާ ބެހޭ ފަރާތްތަކުން ދަނީ ހުރިހާ :ސިނާރިއޯއެއް" ދިރާސާ ކުރަމުންނެވެ.

ސައުދީންވެސް ގިނަ ބަޔަކަށް ވަނީ ކޮވިޑް ޖެހިފައެވެ. މިހާތަނަށް 1،61،005 މީހުންނަށް ވަނީ ބަލި ޖެހިފައެވެ. އެ ބަލީގައި 1،307 މީހުން ވަނީ މަރުވެފައެވެ.