ބަންގްލަދޭޝްއަށް ފުރުވާލި ތިން މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
މިރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ކޮވިޑް-19ގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، އެގައުމަށް އަނބުރާ ފޮނުވާލި ތިން މީހަކު ބައްޔަށް ޕޮޒިޓިވް ވެފައިވާ ކަމަށާއި އެގައުމުގައި އެތިން މީހުން ކަރަންޓީނުވާނެ ކަމަށެވެ.
2217 މީހަކު ޕޮޒިޓިވް ވެފައި ވާއިރު ޕޮޒިޓިވް ވި މީހުންގެ ތެރޭގައި އެންމެ ގިނައީ ބަންގްލަދޭޝް މީހުންނެވެ. އެގޮތުން މިހާތަނަށް އެގައުމުގެ 1,155 މީހަކަށް ބަލި ޖެހިފައިވެއެވެ.
ލިޔެކިޔުން ނެތި ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅެމުންދާ ބަންގްލަދޭޝް މީހުންގެ ތެރެއިން މިހާތަނަށް 2499 މީހަކު އަނބުރާ ގައުމަށް ވަނީ ފޮނުވާލައިފައެވެ.
ނިމިގެން ދިޔަ މެއި މަހުގެ ތެރޭގައި ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް-19ގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ ކުރިއަށް އޮތް ދުވަސްތަކުގައި 5،000 އެއްހާ މީހުން ފޮނުވާލެވޭނެ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތްތައް ސަރުކާރުގެ ފަރާތުން ކުރެވެމުންދާ ކަމަށެވެ.
މީގެ އިތުރުން ގަވާއިދާ ހިލާފަށް އުޅެމުންދާ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ނިމިދިޔަ އަހަރުން ފެށިގެން ފޮރިން މިނިސްޓްރީއާ އިކޮނޮމިކް މިނިސްޓްރީ ގުޅިގެން ދަނީ ހާއްސަ މަސައްކަތްތަކެއް ކުރަމުންނެވެ.