އިދިކޮޅު މައި ޕާޓީ، ޕީޕީއެމް އިން ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކަށް ހާއްސަ މަގާމެއް ދިނުމަށް ބައްދަލުވުމެއް ބާއްވަން ނިންމަވާފިއެވެ.

"ދަ ޕްރެސް"އަށް މައުލޫމާތު ދެއްވަމުން ޕީޕީއެމްގެ އިސް މެންބަރަކު ވިދާޅުވީ ޑރ.ވަހީދަކީ 2013 ވަނަ އަހަރުން ފެށިގެންވެސް ޕީޕީއެމްގެ މެންބަރެއް ކަމަށެވެ. އަދި މިރޭ ޖަލްސާގައި ހާއްސަ ނިންމުންތަކެއް ނިންމެވުމަށް ރާވާފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"ދަ ޕްރެސް"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިރޭ ޕީޕީއެމް ކައުންސިލްގެ ބައްދަލުވުމުގައި އެންމެ މުހިންމު ނިންމުމެއްގެ ގޮތުގައި ޑރ. ވަހީދަށް ދެއްވުމަށް މަޝްވަރާކޮށްފައި ވަނީ އެ ޕާޓީގެ އެޑްވައިޒަރުކަމުގެ މަގާމެވެ.

ޑރ. ވަހީދު ޕީޕީއެމްއަށް ސޮއި ކުރެއްވީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ނާކާމިޔާބުވެ ވަޑައިގަތުމަށް ފަހު އޭރު ޑރ.ވަހީދުގެ ޕާޓީ "ގައުމީ އިއްތިހާދު" އުވާލުމަށްފަހުއެވެ.

މިހާރު ރައްޔިތުން މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްތިއުފާ ދެއްވުމުން އޭރު ނައިބު ރައީސްގެ ގޮތުގައި ހުންނެވި ޑރ. ވަހީދު ވެރިކަމަށް ވަޑައިގަތުމަށް ފަހު، ވެރިކަމުގެ ބާކީ ދެއަހަރު ފުރިހަމަ ކުރެއްވިއެވެ. އަދި 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައިވެސް ވާދަކުރެއްވިއެވެ. ފުރަތަމަ ބުރުގައި ފަސް ޕަސަންޓް އެމަނިކުފާނަށް ލިބިވަޑައިގެންނެވިއެވެ. ނަމަވެސް ސްޕްރީމް ކޯޓުން އެފަހަރު އިންތިހާބު ބާތިލު ކުރިއެވެ. އެފަހުން އެމަނިކުފާނު ސިޔާސީ ހަރަކާތްތަކުގައި ނޫޅުއްވައެވެ.

މެދު ކެނޑުމަކަށް ފަހު ޑރ. ވަހީދުގެ ވާހަކަ ދެކެވެން ފަށާފައި ވަނީ އެމަނިކުފާނުގެ ދެކަނބަލުންނަށް އެމްޑީޕީގެ އެކްޓިވިސްޓަކު ފުރައްސާރަ ކުރި މައްސަލައެއް ފެންމަތިވުމާ ގުޅިގެންނެވެ.