ގޮތް ނޭނގޭ މަރުތަކާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އުފައްދާފައިވާ ރިޔާސީ ކޮމިޝަނަށް ހަވާލު ކޮށްފައިވާ މަސައްކަތް ކުރެވެން ނެތް ކަމަށް ސިޓީއަކުން އަންގާފައިވާ ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުން މަޖިލީހުގެ މިއަދު ޖަލްސާގައި ވާހަކަ ދައްކަވަމުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މަރު ކޮމިޝަނުން ރައްޔިތުންގެ މަޖިލީހަށް ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ. އަދި އެ ސިޓީގައި މަރުތަކާއި ގުޅިގެން އެ ކޮމިޝަނަށް އިތުރު ހެއްކެއް ލިބެން ނެތް ކަމަށް ފާހަގަކޮށްފައިވާ ކަމަށާއި އެހެންކަމުން އެ މަސައްކަތް ކުރެވެން ނެތް ކަމަށް ބުނެފައިވާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ މަރު ކޮމިޝަނަށް މިހާތަނަށް ތަހުގީގު ކުރެވިފައި ވަނީ އަމަލީ ގޮތުން މަރުތަކުގައި އުޅުނު މީހުންނަށް ދައުވާ ކުރެވޭ މިންވަރަށް ކަމަށާއި އެ މަރުތައް އިންތިޒާމު ކޮށްފައިވާ ފަރާތްތަކާއި ހަރަދު ކޮށްފައިވާ ފަރާތްތަކަށް ދައުވާ ކުރެވޭނެ ވަރަށް ހެކި ލިބިފައި ނުވާ ކަމަށް ވިދާޅުވިއެވެ.

"މި މަޖިލީހުން އަބަދުވެސް ފާހަގަ ކުރަމުން އައި އެއް ކަމަކީ އެ ޑްރާފްޓް މި ތަނަށް ލިބުނުއިރު ހުރި މިންވަރަށް ދައުވާ ނުކުރެވުނީ ކީއްވެގެންތޯ، ކޮމިޝަނުން ވިދާޅުވަނީ ޑްރާފްޓް ކޮޕީ ނުކުތީމައި ތަހުގީގަށް ހުރަސް އެޅުނީ ކަމަށް. އަޅުގަނޑު ދެކޭ ގޮތުގައި މިއީ މުއުޖިޒާތެއް ފަދަ ކަމެއް،"
ނަޝީދު

މިހާތަނަށް މަރު ކޮމިޝަނުން ޑްރާފްޓު ކޮޕީ ނެރެފައިވާ ދެ މަރަކީ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު ޑރ. އަފްރާޝީމް އަލީގެ މަރާއި ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މަރާއި ގުޅޭ ރިޕޯޓެވެ. އެ ދެ މަރާއި ގުޅިގެން ނެރެފައިވާ ރިޕޯޓުގައިވެސް ފާހަގަކޮށްފައިވަނީ އެ ދެ މަރަކީވެސް ދީނީ ހަރުކަށި ފިކުރަށް ނިސްބަތްވާ މީހުން ކޮށްފައިވާ ކަމެއްގެ ގޮތުގައެވެ.

ނަމަވެސް މަރު ކޮމިޝަނުން ނެރެފައިވާ ރިޕޯޓުތަކުގެ ތެރެއިން ޑރ. އަފްރާޝީމްގެ މަރާއި ގުޅިގެން ނެރެފައިވާ އެ ރިޕޯޓު އެމަނިކުފާނުގެ އާއިލާއިން ބަލައިގެންފައެއް ނުވެއެވެ.

އިތުރަށް މަސައްކަތް ކުރިޔަށް ނުގެންދެވޭނެ ކަމަށް ބުނެ މަރު ކޮމިޝަނުގެ ސިޓީއެއް މަޖިލީހަށް ލިބިފައިވާއިރު މަރު ކޮމިޝަނުގެ މަސައްކަތްތައް ލަސްވެ މަޖިލީހުގެ މެންބަރުންގެ ފާޑު ކިޔުންތައް އެ ކޮމިޝަނަށް ވަނީ އަމާޒުވެފައެވެ. އަދި އެ ކޮމިޝަނުގެ މަސައްކަތްތައް ދެނެގަތުމުގެ ގޮތުން މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއާއި 241 ކޮމިޓީގެ ޖޮއިންޓް ކޮމިޓީން ވަނީ މަސައްކަތްތަކެއް ވެސް ފަށާފައެވެ.