ބޭރު ގައުމުތަކުން ޒިޔާރަތް ކުރާ ފަރާތްތަކަށް ޖުލައި 7 ވަނަ ދުވަހުން ފެށިގެން ބޯޑަރުތައް ހުޅުވާލާނެ ކަމަށާ، ރެސިޑެންސީ ވިސާ ނަގާފައިވާ ބިދޭސީންނަށް މިއަދުން ފެށިގެން ބޯޑަރުތައް ހުލުވާލާނެ ކަމަށް ދުބާއީއިން ހާމަކޮށްފިއެވެ.

ސުޕްރީމް ކޮމިޓީ އޮފް ކްރައިސިސް އެންޑް ޑިޒާސްޓާ މެނޭޖްމަންޓްއާއި ހަވާލާދ ދުބާއީ މީޑިއާ އޮފީހުން ބުނީ ޖުލައި 7 ވަނަ ދުވަހުން ފަށައިގެން ފަތުރުވެރިންނަށްވެސް ބޯޑަރުތައް ހުޅުވާލާނެ ކަމަސެވެ.

ކަންމިހެން އޮތް ނަމަވެސް، ދުބާއީއަށް ޒިޔާރަތް ކުރާ ފަރާތްތަކުން އަމަލުކުރަން ޖެހޭ އުސޫލުތަކެއްވެސް ވަނީ ކަނޑައަޅާފައެވެ. އެގޮތުން، ދުބާއީއަށް ދަތުރުކުރާ ހުރިހާ ފަސެންޖަރުންނަކީ ބަލިން ރައްކާތެރި ވުމުގެ ގޮތުން އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އަޅައިގެން ދަތުރުކުރާ ބަޔަކަށް ވާންޖެހޭނެ ކަމަށާ، ދުބާއީއަށް ޒިޔާރަތް ކުރާ ހުރިހާ އެންމެނަކީވެސް ކަމާބެހޭ ފަރާތްތަކުން ކަނޑައަޅާފައިވާ ރައްކާތެރި ކަމުގެ އިޖުރާއަތުތައް ފުރިހަމަ ކުރަންޖެހޭނެ ބައެއް ކަމަށްވެސް ދުބާއީ މީޑިއާ އޮފީހުން އާންމު ކުރި ރިޕޯޓް ބުނެއެވެ.

ފަތުރުވެރިއެއްގެ ގޮތުގައި ދުބާއީއަށް އެތެރެވުމަށް ކޮވިޑް-19އަށް ނެގެޓިވްކަން ބަޔާންކުރާ ނަތީޖާ ކަރުދާސް ހުށަހަޅަންޖެހެއެވެ. ނުވަތަ ދުބާއީގެ އެއާޕޯޓްތަކުގައި ކޮވިޑް-19 އަށް ޓެސްޓު ކުރަންޖެހެވެ. މި ޓެސްޓުތަކުން ކޮވިޑް-19އަށް ޕޮޒިޓިވްވާ މީހުން 14 ދުވަހުގެ މުއްދަތު، އައިސޮލޭޝަންގައި ހޭދަކުރަންޖެހޭ ގޮތަށްވެސް ވަނީ ހަމަޖައްސަވާފައެވެ. ދުބާއީއަށް ދަތުރުކުރާއިރު އަތުގައި އޮންނަ ކޮވިޑް-19ގެ ޓެސްޓަކީ ދުބާއީއަށް ދަތުރު ކުރުމުގެ 96 ގަޑިއިރުގެ ތެރޭގައި ހަދާފައިވާ ޓެސްޓަކަށްވެސް ވާންޖެހެއެވެ.

މީގެ އިތުރުން ބައިނަލްއަގުވާމީ ފެންވަރުގައި ބަލައިގެންފައިވާ ހެލްތް އިންޝުއަރަންސް ޕްލޭނެއް އޮންނަންޖެހޭނެ ކަމަށާ، ދުބާއީއިން ކަނޑައަޅާފައިވާ ހެލްތް އެޕްލިކޭޝަންއެއްވެސް ޑައުންލޯޑްކުރަން ޖެހޭ ގޮތަށް ދުބާއީއިންވަނީ ހަމަޖައްސާފައެވެ.

ކޮވިޑް-19ގެ ސަބަބުން ގައުމުތަކުގެ ބޯޑަރުތައް ބަންދުކޮށް، ދަތުރުފަތުރު ހުއްޓާލުމާއެކު ދުނިޔޭގެ އެކި ހިސާބުތަކުގައި ތާށިވެފައިވާ ރަށްވެހިންނަށް މިއަދުން ފެށިގެން އަނބުރާ ދުބާއީއަށް ވަދެވޭނެ ކަމަށްވެސް ދުބާއީއިންވަނީ އިއުލާންކޮށްފައެވެ.