މި އަހަރު ބޭއްވުމަށް ހަމަޖެއްސި ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަ ކުރުމަށް ނިންމާފައިވާ ފަރާތްތަކުގެ ތެރެއިން އަނބުރާ ނަން ނެގުމަށް ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ދިނުމުގެ ގޮތުން އުސޫލެއް އެކުލަވާލައިފިއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފު ވިދާޅުވީ ކައުންސިލް އިންތިހާބު މިއަހަރު ކޮވިޑް19 އާއި ގުޅިގެން ބޭއްވޭ ގޮތް ނުވެފައިވާ ކަމަށެވެ. އަދި އެކަމަށް ރައްޔިތުންގެ މަޖިލީހުން ހާއްސަ ގާނޫނެއް އެކުލަވާލާ ދިމާވި ގާނޫނޫ ހުރަސްތަކަށް ހައްލެއް ގެނެސްދީފައިވާ ކަމަށް ޝަރީފު ވިދާޅުވިއެވެ.

ޝަރީފު ވިދާޅުވީ އިންތިހާބު ބޭއްވޭނެ ގޮތް ނުވުމާއި އެކު މިހާރު އިންތިހާބަށް ކުރިމަތިލާފައިވާ ވަރަށް ގިނަ ފަރާތްތަކުން އަނބުރާ ނަން ނެގުމަށް ބޭނުން ވެގެން އިލެކްޝަންސް ކޮމިޝަނަށް ގުޅަމުން އަންނަ ކަމަށެވެ. އެހެންކަމުން މިހާރު އެކަމާއި ގުޅިގެން ހާއްސަ އުސޫލެއް އެކުލަވާލައިފައިވާ ކަމަށާއި މާދަމާ ބާއްވާ ކޮމިޝަންގެ ބައްދަލުވުމުގައި އެ އުސޫލު ފާސްކުރާނެ ކަމަށް ޝަރީފު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެ އުސޫލު ފާސްވުމާއި އެކުގައި އާއްމު ކުރާނެވެސް ކަމަށެވެ.

"ހަގީގަތުގައި ލޯކަލް ކައުންސިލް އިންތިހާބުގެ ގާނޫނުގައި އެބަ ބުނޭ އިންތިހާބު އިއުލާން ކުރުމަށްފަހުގައި އިންތިހާބާއި ބެހޭ ގަވާއިދަށް އެއްވެސް ބަދަލެއް ނުގެނެވޭނެ ކަމަށް. އެހެންވެ ގަވާއިދަަށް ބަދަލު ނުގެނެސް އުސޫލެއްގެ ތެރެއިން އިންތިހާބުގެ ހާއްސަ ގާނޫނު މިއައީ އަޅުގަނޑުމެން އިއުލާން ކުރި ފަހުން ކަމަށްވާތީ އެއަށް އުސޫލެއް އެކުލަވާލީ. އިރާދަ ކުރެއްވިއްޔާ މާދަމާ ކޮމިޝަންގެ މީޓިންގައި އެ އުސޫލު ފާސްކޮށް އަދި އާއްމުންނާއި ހަމަ އަށް އާއްމުވެސް ކުރާނަން،"
ޝަރީފު

ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ލޯކަލް ކައުންސިލްތަކުގެ ހާއްސަ ގާނޫނުގައި ބުނެފައިވާ ގޮތުގައި އަންނަ އަހަރުގެ މެއި މަހުގެ 10ވަނަ ދުވަހުގެ ކުރިން ކައުންސިލް އިންތިހާބު ބާއްވަން ޖެހެއެވެ. މިއަހަރު ކައުންސިލް އިންތިހާބު ނުބޭއްވުމުން މިހާރު މަގާމުގައި ތިބި ކައުންސިލަރުންގެ ދައުރު ދެން އަންނަ ކައުންސިލް އިންތިހާބުގައި އިންތިހާބުވާ މެންބަރުން ހުވާ ކުރުމާއި ހަމައަށް ވަނީ ދަންމާލާފައެވެ.