އިނގިރޭސިވިލާތުގެ ރެޑިންގްއޭ ކިއުނު ސަރަހައްދުގެ ޕާކެއްގެ ތެރޭގައި ތޫނު އެއްޗަކުން ހަމަލާދީ 3 މީހަކު މަރާލާ، އިތުރު ބައެއްގެ ހާލު ސީރިއަސް ވާ ވަރުގެ ބޮޑެތި ޒަހަމްތަކެއް ދީފައިވާކަމަށް އެ ގައުމުގެ ފުލުހުން ކަށަވަރު ކޮށްދީފިއެވެ.

ހާދިސާ ހިނގި ސަރަހައްދުން، އުމުރުން 25 އަހަރުގެ ފިރިހެނަކު ވަނީ ހައްޔަރު ކޮށްފައެވެ. އެމީހަކީ ގަސްތުގައި ބަޔަކު މަރާލި ކަމުގެ ކުށުގައި ތުހުމަތުގައި ހައްޔަރު ކުރި މީހެކެވެ. ސަލާމާތީ މަސްދަރުތަކާ ހަވާލާދީ ބައިނަލްއަގުވާމީ މީޑިއާއިން ރިޕޯޓް ކުރާ ގޮތުގައި، ހައްޔަރު ކުރި މީހަކީ ލީބިއާއަށް ލިސްބަތްވާ މީހެއް ކަމަށް ބެލެވެއެވެ.

ޑިޓެކްޓިވް ޗީފް ސުޕްރިންޓެންޑެންޓް އިއަން ހަންޓާ ވިދާޅުވީ، މި ހާދިސާއާއި ގުޅުންހުރި އިތުރު މީހަކު މިވަގުތު ހޯދަމުން ނުދާކަމަށެވެ.

ސީންގައި، ކައުންޓާ ޓެރަރިޒަމް އޮފިސަރުން ހަރަކާތްތެރިވަމުން ދިޔަ ކަމުގައި ވީ ނަމަވެސް، އިނގިރޭސިވިލާތުގެ ފުލުހުން މި ހާދިސާއަށް އަދި ޓެރަރިސްޓް ހަމަލާއެއްގެ ދަރަޖަ ދީފައެއް ނުވެއެވެ.

އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަންވަނީ، މިހާދިށާގެ ޝިކާރައަކަށްވި މީހުންގެ އާއިލާތަކާ އެކުގައި ހުންނެވިކަން ހާމަ ކުރައްވާފައެވެ.

ރޭ އިރާ ކޮޅުގެ ވަގުތެއްގައި މި ހަމަލާ ދީފައިވަނީ ފޯބްރީ ގާޑަންސް ސަރަހައްދުގައެވެ. ހާދިސާ ހިނގި ސަރަހައްދުގައި ހުރި ލޯރެންސް ވޯޓް ކިޔައިދިން ގޮތުގައި ހަމަލާ ފެށިގެން އައި އިރު ޕާކު އޮތީ ފުރިފައެވެ. އޭނާ ހުރި ސަރަހައްދާ ގާޓްގަނޑަކަށް 10 ވަރަކަށް މީޓަރު ދުރުން، އެކަނި ހުރި މީހަކު ޕާކު ތެރެއަށް ވަދެގެން އައިސް މާނަ ދޭހަ ނުވާ ބަސްތަކަކުން އެއްޗިހިތަކެއް ކިޔާ، ބޮޑު ގުރޫޕަކަށް ހަމަލާ ދޭން ފެށި ކަމަށްވެސް ވޯޓް ވަނީ ކިޔާދީފައެވެ.

ހާދިސާ ހިނގި ސަރަހައްދުގައި ހަމަލާތައް ދޭން ފެށުމުގެ ކުޑަ ވަގުތު ކޮޅެއް ކުރިން، ކަޅު ނަސްލުގެ މީހުންގެ ހައްގުގައި ކުރަމުންދާ 'ބްލެކް ލައިވްސް މެޓާ' ގެ މުޒާހަރާއެއް އެ ޕާކުގައި ކުރިއަށްދިޔަ ކަމަށް ޚަބަރު ލިބެއެވެ. މުޒާހަރާ އިންތިޒާމު ކުރުމުގައި އިސްކޮށް ހަރަކާތްތެރިވި ނީމާ ހަސަންވަނީ، އެ މުޒާހަރާތަކަކީ ފުލުހުންގެ އިޒުނަޔާއެކު ކުރިއަށްދިޔަ މުޒާހަރާއެއް ކަމަށާ، ހިނގާދިޔަ ހާދިސާގައި އެ މުޒާހަރާގެ އެއްވެސް ބައިވެރިއަކަށް އަނިޔާވެފައި ނުވާކަމަށް ބުނެ، ފޭސްބުކް ޕޯސްޓެއް އާންމު ކޮށްފައެވެ.

މި ފަހަކަށް އައިސް އިނގިރޭސިވިލާތުގައި ތޫނު އެއްޗިއްސާ ބަޑިން ހަމަލާދީ މީހުން މެރުމުގެ ހާދިސާތައް ވަނީ އިތުރުވެފައެވެ.