މިހާރު ކޮވިޑަށް ޕޮޒިޓިވްވެގެން ފަރުވާ ދެމުންދާ މީހުންގެ ތެރެއިން ދެމީހަކު އޮތީ ވެންޓިލޭޓަރުގައި ކަމަށް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވެއްޖެއެވެ.

މިރޭ ދަރުބާރުގޭގައި ކުރިއަށް ދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. އަފްޒަލް ވިދާޅުވީ، މިވަގުތު ވެންޓިލޭޓަރުގައި ދެމީހަކަށް ފަރުވާ ދެމުންދާ ކަމަށާއި އޭގެތެރެއިން އެކަކަށް ފަރުވާ ދެމުންދަނީ ޓްރީޓޮޕް ހޮސްޕިޓަލުގައި ކަމަށާއި ދެވަނަ މީހާ އަށް ފަރުވާ ދެމުންދަނީ ހުޅުމާލެ މެޑިކަލް ފެސިލީޓީގައި ކަމަށެވެ.

ޑރ. އަފްޒަލް ވިދާޅުވީ މިވަގުތު ޓްރީޓޮޕް ހޮސްޕިޓަލުގައި 3 މީހަކަށް ފަރުވާ ދެމުން ދާ ކަމަށާއި ހުޅުމާލެ މެޑިކަލް ފެސިލީޓިގައި 8 މީހަކަށް ފަރުވާ ދެމުން ދާ ކަމަށެވެ. އަދި މިވަގުތު ޑީއެޗް11 ގައި އެއްވެސް ބަލި މީހަކު ނެތް ކަމަށް ޑރ. އަފްޒަލް ވިދާޅުވިއެވެ.

ކޮވިޑްގެ ހާލަަތަށް ބަލާއިރު މިއަދު ރާއްޖެއިން 37 މީހަކު ޕޮޒިޓިވްވެ މި ބަލި ޖެހުނު ޖުމްލަ މީހުންގެ އަދަދު 2187 އަށް އަރާފައެވެ. މިއަދު ޕޮޒިޓިވް ވި 37 މީހުންގެ ތެރޭގައި ހިމެނެނީ 19 ދިވެއްސަކާއި، ބަންގްލަދޭޝްގެ 12 މީހަކާއި، އިންޑިއާގެ 12 މީހުންނެވެ.

މިހާތަނަށް އައި އިރު ރާއްޖެއިން މި ބަލި ޖެހިގެން 8 މީހަކު ވަނީ މަރުވެފައެވެ. އޭގެތެރޭގައި ހިމެނެނީ 83 އަހަރުގެ ދިވެހި އަންހެނަކާއި 33 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކާއި 80 އަހަރުގެ ދިވެހި ފިރިހެނަކާއި 88 އަހަރުގެ ދިވެހި ފިރިހެނަކާއި 45 އަހަރުން ބަންގްލަދޭޝް ފިރިހެނެއްގެ އިތުރުން 54 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކާއި 89 އަހަރުގެ ދިވެހި އަންހެނަކާއި 38 އަހަރުގެ ބަންގްލަދޭޝް ފިރިހެނެކެވެ.

މާލެ ސަރަހައްދުގައި ކޮވިޑް ފެތުރެން ފެށުމާއެކު މިިދިޔަ އޭޕްރީލް މަހުގެ 15 ވަނަ ދުވަހު ވަނީ މާލެ ލޮކްޑައުންކޮށްފައެވެ. ނަމަވެސް މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން މާލޭގައި އިުލާންކޮށްފައިވާ ލޮކްޑައުންއަށް ލުއިދީ ފާހަކާ ނުަލއި މަގުމަތީގަިއ މީހުންނަށް ނުކުމެވޭ ގޮތަށް ވަނީ ހަމަޖައްސާފައެވެ. މި ޗަގުތު މާލެ ސަރަހައްދުގައި މަގުތަކަށް ނުކުންނަ ފަރާތްތައް އިތުރުވަމުންދާތީ މާލޭގައި މި ބަލި އިތުރަށް ފެތުރުމަކީ އެކަށީގެންވާ ކަމަެއް ކަމަށް ޑރ. އަލީ ލަތީފް ވަނީ ވިދާލުވެފައެވެ. އެހެންވެއްޖެ ނަމަ މާލެ އަލުން ލޮކްޑައުން ކުރަން ޖެހިދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.