ގއ. މާމެންދޫއަށް ދިޔަ 3 މީހުން ކޮވިޑަށް ޕޮޒިޓިވް ވެފައި ވާއިރު އެ ކޭސްއާ ގުޅިގެން މާލެއިން 5 މީހަކު ކަރަންޓީން ކޮށްފައިވާ ކަމަށް ކޮވިޑްގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.
މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ، މާމެންދޫއަށް ދިޔަ މީހަކު ޕޮޒިޓިވް ވުމާ ގުޅިގެން ޖުމްލަ 13 މީހަކު ކަރަންޓީން ކޮށްފައިވާ ކަމަށެވެ. އޭގެތެރޭގައި އޭނާއާ އެކު ދަތުރު ކުރި 2 މީހުންނާއި މާމެންދޫން އެކަކާއި ގެމަނަފުށިން 5 މީހަކާއި މާލެއިން 5 މީހަކު ކަރަންޓީން ކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މާލެ އިން ކަރަންޓީން ކުރި މީހުނަންނަކީ އެމީހުން މާލޭގައި ތިބި އިރު ބައްދަލުވެފައިވާ 3 މީހުންނާއި އެއާޕޯޓުން އެމީހުންނާ ބައްދަލުވި 2 ސްޓާފެއް ކަމަށް މަބްރޫކް ވިދާޅުވިއެވެ.
މި މަހުގެ 18 ވަނަ ދުވަހު މާމެންދޫއަށް މާލެއިން ދަތުރު ކުރި މާިހަކު ޕޮޒިޓިވްވެފައިވާ އިރު އޭނާއާއެކު ދަތުރު ކުރި ދެ މީހުންވެސް މިއަދު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. މިއަދު ޕޮޒިޓިވްވި ދެ މީހުން ތިބީ އެރަށުން ކުރިން ޕޮޒިޓިވްވި މީހާއާ އެއްކޮށް އެއް ކޮޓަރިއެއްގައި ހޯމް ކަރަންޓީނުގައެވެ.
މި ކޭސްއާ ގުޅިގެން މާލެއިން 5 މީހަކު ކަރަންޓީން ކޮށްފައިވާ އިރު، މާމެންދޫން ފުރަތަމަ ޕޮޒިޓިވްވި މީހާ މާލެއަށް ދަތުރުކޮށްފައި ވަނީ މިދިޔަ މަހުގެ 31 ވަނަ ދުވަހުއެވެ. އޭނާ މާލެއަށް އައިސްފައި ވަނީ ބަލިމީހެއްގެ އެހީތެރިއެއްގެ ގޮތުގައެވެ. މާލޭގައި އޭނާ ގެސްޓް ހައުސެއްގައި އިތުރު ދެމީހަކާ އެކުގައި އަދި މި މަހުގެ 6 ވަނަ ދުވަހު އޭނާ ކޮވިޑަށް ޓެސްޓު ކުރެވުނު ކަމަށް މަބްރޫކް ވިދާޅުވެފައި ވެއެވެ. ނަމަވެސް އޭރު ކުރި ޓެސްޓުގެ ނަތީޖާ ނެގެޓިވްވި ކަމަށް މަބރޫކް ވިދާޅުވެފައި ވެއެވެ.