ކޮވިޑް-19 އިތުރަށް ފެތުރިއްޖިއްޔާ މާލެ އަނެއްކާވެސް ލޮކްޑައުން ކުރަން ޖެހިދާނެ ކަމަށް ޑރ. އަލީ ލަތީފް ވިދާޅުވެއްޖެއެވެ.
ލޮކްޑައުން ލުއިކުރުމާ ގުޅިގެން މިހާރު ފެންނަނީ މާލޭގެ މަގުމަތީގައި ވަރަށް ގިނައިން މީހުން އެއްވެ އުޅޭ ތަން ކަމަށާއި އަދި މީގެ ސަބަބުން ކޮވިޑް-19 ފެތުރުމަކީ ވަރަށް ގާތްކަމެއް ކަމަށް ޑރ. އަލީ ލަތީފް ވިދާޅުވިއެވެ. މާލެ ސަރަހައްދު އަނެއްކާވެސް ލޮކްޑައުން ކުރަން ޖެހިދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މިހާރު ލޮކްޑައުނަށް ލުއިތަކެއް ދީފައިވާ މި ހާލަތުގައި ކޮންމެހެން ނުކުންނަން ޖެހިގެން މެނުވީ ގެއިން ނުނިކުތުމަށާއި ގޭގައި މަޑުކުރުމަށް ޑރ. ނަސޭހަތް ދެއްވިއެވެ.
މާލެ ސަރަހައްދުގައި ކޮވިޑް-19 ފެތުރެން ފެށުމާއެކު ލޮކްޑައުންކޮށްފައި ވަނީ މިދިޔަ އޭޕްރީލް މަހުގެ 15 ވަނަ ދުވަހުއެވެ. ނަމަވެސް ކޮވިޑް ކޭސްތައް މަދުވެފައި ވުމުން ސަރުކާރުން ވަނީ މާލެ ސަރަހައްދުގައި އޮތް ލޮކްޑައުންއަށް ލުއިދީ ނިއު ނޯމަލްއަކަށް ދިއުމަށް މަސައްކަތް ކުރަން ފަށާފައެވެ. އެ ގޮތުން މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން ލޮކްޑައުންނަށް ދެވިފައިވާ ލުއިތަކުގެ ތެރެއިން ފާހަކާ ނުލައި މާލޭގެ މަގުތަކަށް ނުކުތުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.
މާލެ ސަރަހައްދުގައި ފާހެއް ނެތި ހަރަލާތްތެރިވެ އުޅެވޭ އިރު މަގުމައްޗަށް މީހުންނަށް ނުކުމެ އުޅުމުގެ ހުއްދަ ދެވިފައިވަނީ ފަތިހު 5 އިން ފެށިގެން ރޭގަނޑު 10 އަށެވެ. މީގެ އިތުރުން ކަސްތަރުކުރުމާއި އެކިއެކި ކަންކަމުގައިވެސް ބޭރުގައި އުޅެވޭނެ ގޮތަށް ހާއްސަ ވަގުތުތަކެއްވެސް ވަނީ ހަމަޖައްސާފައެވެ. އެގޮތުން އުމުރުން ދުވަސްވީ މީހުންނަށް ފަތިހު 5 އިން ހެނދުނު 8 އަށް އުޅެވޭއިރު ކުޑަކުދިންނަށް ހަވީރު 4 އިން އިރުއޮއްސި 6 އަށް އުޅެވޭނެއެވެ. އަދި ދުވަންދާ އެހެން ފަރާތްތަކަށް އިރު އޮއްސި 6 އިން ފެށިގެން 9 އަކަށް ދުވަން ނުވަތަ ކަސްރަތުކުރަން ދެވޭނެއެވެ.