ކޮވިޑް19ގެ ލޮކްޑައުންއަށް ލުއި ދިނުމުގެ ގޮތުން އާންމު ކޮށްފައިވާ ނިއު ނޯމަލްގައި ޖިމްތައް ހުޅުވާލާއިރު ހިދުމަތް ދޭންވާނީ އެޕޮއިންޓްމެންޓެއް ހައްދާ، ތިން ފޫޓް ދުރުގައި ތިބޭ ގޮތައް ޝެޑިއުލެއްގެ ދަށުން ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭ އިން މިއަދު ކޮވިޑް19 އާ ގުޅިގެން ޖިމް އަދި ފިޓްނަސް ސެންޓަރުތަކުގައި އަމަލު ކުރަންވީ އުސޫލު ބަޔާންކޮށް ނެރުނު ގައިޑްލައިނެއްގައި ބުނީ ޖިމްތަކާއި ފިޓްނަސް ސެންޓަރުތަކުގެ ހިދުމަތް އެއްވަގުތެއްގައި ހޯދާ މީހުންގެ އަދަދު މަދުކުރުމަށް ރައްކާތެރިކަމުގެ ފިޔަވަޅު އަޅަންވާނެ ކަމަށެވެ.

އެގޮތުން އެޕޮއިންޓްމަންޓު ދޫކުރާއިރު ކޮވިޑްގެ އެއްވެސް އަލާމަތެެއް ހުރިތޯ ބަލަންވާނެ ކަމަށާއި އެއްވެސް އަލާމަތެއް ހުރިނަމަ ޖިމަށް ނުދިޔުމަށް ކްލަޔަންޓަށް އަންގަންވާނެ ކަމަށް ބުނެފައި ވާއިިރު، އެއްވަގުތެއްގައި ހިދުމަތް ހޯދަން ދާނެ މީހުންގެ އަދަދު ކަނޑައަޅައި ޝެޑިއުލެއް ހެދުމަށާއި، ކުރިއަށް އެޕޮއިންޓްމަންޓް ހޯދައިގެން ޖިމަށް ދެވޭނެ އިންތިޒާމު ހަމަޖެއްސުމަށް އެ ގައިޑްލައިންގައި ބުނެފައިވެއެވެ.

ޖިމުގައި މީހުން އުޅޭއިރު ތިން ފޫޓުގެ ގައިދުރުކަން ކަށަވަރު ކުރަންވާނެ ކަމަށާއި އެޕޮއިންޓުމަންޓު ދޫކުރުމުން، ކްލަޔަންޓުން ގަޑިޖެހުމުގެ ފަސް މިނެޓު ކުރިން ދާންވަނެ ކަމަށް ވެސް ބުނެފައި ވާއިރު، ޖިމްގެ އިކުއިޕްމަންޓުތައް ބަހައްޓާފައި ހުންނަންވާނީ ތިން ފޫޓު ދުރުމިން ބަހައްޓައިގެން ކަމަށް އެ ގައިޑް ލައިންގައި ބުނެފައިވެއެވެ. ޖިމަށް ވަންނައިރު އާއި ނިކުންނަ އިރު ދެ މީހުންގެ ދެމެދުގައި މަދުވެގެން ތިންފޫޓު ދުރުމިން ހުންނަ ކިޔުއެއް ގައި ތިބެގެން ވަދެ ނިކުތުމުގެ އިންތިޒާމު ހަމަޖެއްސުމަށް ގައިޑްލައިން ބުނެއެވެ.

ތަނުގެ ސާފުތާހިރުކަން ކަށަވަރު ކުރުމަށް ހާއްސަ މުވައްޒަފަކު ހުންނަންވާނެ ކަމަށާއި ބަލިން ރައްކާތެރިވުމާ ގުޅޭ މައުލޫމާތު ފެންނާނެހެން ބަހައްޓަން ވާނެ ކަމަށްވެސް ގައިޑްލައިންގައި ބުނެއެވެ. ކާބޯތަކެތި ވިއްކާތަންތަން ޖިމުގައި ނުބެހެއްޓުމަށް އަންގާފައި ވާއިރު ފެނުގެ ހިދުމަތްދޭނަމަ ފުޅި ރިފިލް ކުރެވޭނެހެން ނުވަތަ ޑިސްޕޯސަބަލް ތަށީގައި ފެން ބޮވޭނެ އިންތިޒާމު ހަމަޖެއްސުމަށްވެސް އެޗްޕިއޭގެ ގައިޑްލައިންގައި އަންގާފައި ވެއެވެ.

މީގެ އިތުރުން ޝެޑިއުލް އެކުލަވާލާ އެޕޮއިންޓްމަންޓު ދޫކުރަންވާނީ ސެޝަންތައް ފަށާގަޑިއާއި ނިމޭގަޑިތަކުގައި މީހުން ބައްދަލު ނުވާނެހެން ކަމަށާއި އެއްތަނަކަށް މީހުން ގިނަ ނުވާނެހެން ގަޑިތައް ހަމަޖައްސަންވާނެ ކަމަށް ބުނެފައިވެއެވެ. ޖިމްތާކުގައި ސައިބޯނި ލައިގެން އަތްދޮވެވޭނެ އިންތިޒާމު ނުވަތަ ސެނިޓައިޒް ކުރެވޭނެ އިންތިޒާމު ހުންނަންވާނެ ކަމަށާއި މަދުވެގެން ތިން ފޫޓު ގައިދުރުކަން ނުބެހެއްޓޭނަމަ ގްރޫޕު ކްލާސްތައް ނުބޭއްވުމަށްވެސް ގައިޑްލައިންގައި ވަނީ އަންގައިފައެވެ.

އަދި ކޮންމެ ދުވަހެއްގެ ސެޝަންތައް ނިމުމުން ޖިމް އަދި އިކުއިޕްމަންޓުތައް ޑިސްއިންފެކްޓު ކުރަންވާނެ ކަމަށް ބުނެފައިވާއިރު އިކުއިޕްމަންޓު ބޭނުން ކުރުމުގެ ކުރިން ސާފު ކުރުމަށާއި އެކަމަށް ބޭނުންވާތަކެތި ޖިމުގެ ފަރާތުން ފޯރުކޮށްދޭން ވާނެ ކަމަށާއި ފައިސާގެ މުއާމަލާތްތަކަށް ކޭޝްލެސް ޕޭމަންޓު ހެދުމަށްވެސް އެޗްޕީއޭގެ އުސޫލުގައި ބުނެފައިވެއެވެ. ޖިމްތަކުގައި ސައުނާ އަދި ސްޓީމް ރޫމުގެ ހިދުމަތް މިވަގުތު ނުދިނުމަށް ވަނީ އިލްތިމާސް ކޮށްފައެވެ.