ކޮވިޑާ ގުޅުންހުރި ކުޑަކުދިންނަށް ޖެހޭ ނުރައްކާ ބަލި ރާއްޖެއިން ފެނިއްޖެއެވެ. ކުޑަކުދިންގެ ޑޮކްޓަރު އަހުމަދު ފައިސަލް ވިދާޅުވީ، ކޮވިޑާ ގުޅުންހުރި ކުޑަކުދިންނަށް ޖެހޭ ކަމަށް ދުނިޔޭގެ އެކި ގައުމުތަކުގައި އާންމުކޮށްފައިވާ މަލްޓިސިސްޓަމް އިންފްލެމޭޓަރީ ސިންޑްރޯމް ނުވަތަ (އެމްއައިއެސް-ސީ) ރާއްޖެއިންވެސް ފެނިފައިވާ ކަަމަށެވެ.

އޭނަ ވިދާޅުވީ، އެ ބަލި ޖެހިގެން ރިޕޯޓު ކޮށްފައި ވަނީ އިންޑީއާ ކުއްޖަކަށް ކަމަށާއި، މިހާރު އެ ކުއްޖާ ރަނގަޅުވެއްޖެ ކަމަށެވެ.

އަލާމާތް ތަކަށް ފެނުނީ 18 ދުވަހު ހުން އައުމާ، ވަރުބަލިވުން، ތުންފަތާ، ދުލާ ލޯ ރަތްވެ، ބިހި ނެގުން"
ޑރ. ފައިސަލް

ޑރ. ފައިސަލް އިތުރަށް ވިދާޅުވީ، އެ ކުއްޖާގެ ކޮވިޑް ޓެސްޓް ހެދި ކަމަށާއި ނަމަވެސް ނަތީޖަ ނެގެޓިވް ކަމަށެވެ. އިތުރަށް ފާހަގަ ކުރެއްވީ އެ ކުއްޖާގެ ހިތާއި ހިތުގެ ލޭނާރުތަކަށް އަސަރު ކޮށްފައި ހުރި ކަމަށެވެ.

މުޅި ޔޫރަޕާއި އެމެރިކާއިންވެސް ފެނިފައިވާ މި ނުރައްކާ ބަލީގައި ގައިގެ އެތަން މިތަން ރަތްވެ ރޭޝް ވެ، ގަދައަށް ހުން އައިސް، ގައިގެ އެކިއެކި ގުނަވަންތައް ދުޅަވުން ފަދަ އާދަޔާ ހިލާފު ކަންކަން ފެންނަ ބައްޔެކެވެ. އަދި ބޭރަށް ހިންގުމާއި ހޮޑުލުންފަދަ ކިތަންމެ އަލާމާތެއް ފެންނަ ބައްޔެކެވެ. ޔޫރަޕުގެ ބައެއް ގައުމުތަކުގެ ޑޮކްޓަރުން ވިދާޅުވާ ގޮތުގައި، މި ބަލީގައި ފުރާނައަށް ނުރައްކާ ވަނީ މަދުފަހަރެއްގައެވެ.

މި ބައްޔަކީވެސް އެހެން ބައެއް ބަލިތައް ފަދައިން އަވަސް ފަރުވާ ހޯދަން ޖެހޭ ބައްޔެކެވެ. އެގޮތުން ކުއްޖާއަށް ނޭވާލާން އުނދަގޫވެ، މޭ ފިތޭ ކަމަށް ބުނާ ނަމަ ލަސްނުކޮށް ފަރުވާ ހޯދަން ޖެހޭނެއެވެ. އަދި ވާނުވާ ނޭނގުމާއި ހޭލާ ހުންނަން އުނދަގޫވުމާއި ތުންފަތް ނޫވުމާއި، އާދަޔާ ހިލާފަށް ބަނޑުގައި ރިއްސާނަމަވެސް އަވަސް ފަރުވާ ހޯދަން ޖެހޭނެ ކަމަށް ސެންޓާ ފޯ ޑިޒީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ) އިން ވަނީ ބުނެފައެވެ.

ރާއްޖެއިން މިބަލި ފެނިފައިވާ އިރު، މި ބައްޔާ ގުޅޭ ގޮތުން ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) އިން އަދި ވާހަކައެއް ނުދައްކައެވެ.