ކޮވިޑް19 އަށް މަޖިލީހުގެ މުވައްޒަފެއް ޕޮޒިޓިވް ވުމުން އޭނާއާ ކޮންޓެކްޓްވި 29 މުވައްޒަފުން އެކަހެރި ކޮށްފައި ވާ ކަމަށް ކޮވިޑްގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.
މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މަބްރޫކް ވިދާޅުވީ، ކޮވިޑް އަށް މަޖިލިސް އިދާރާގެ މުވައްޒަފެއް ޕޮޒިޓިވް ވުމާ އެކު މަސައްކަތަުގެ މާހައުލުން އޭނާއާ ކޮންޓެކްޓް ވީ 29 މީހުން ދެނެގަނެވި އެމީހުން އައިސޮލޭޓްވާން އަންގާފައިވާ ކަމަށެވެ.
މަޖިލީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ އެ މުވައްޒަފަކީ މެއިންޓަނަންސް އިދާރާގެ މުވައްޒަފެއް ކަމަށާއި އޭނާ އެންމެ ފަހުން މަޖިލީހަށް ގޮސްފައި ވަނީ މިމަހުގެ 15 ވީ ހޯމަ ދުވަހު ކަމަށް މަޖިލީހުގެ އިދާރާއިން ވަނީ ބުނެފައެވެ.
މި ކަމާ ގުޅިގެން މަޖިލީހުގެ އިދާރާއިން ނެރުނު ނޫސް ބާޔާނުގައި ބުނީ، ރައްޔިތުން މަޖިލީހުގެ އިދާރާގެ މެއިންޓަނަންސް ޔުނިޓުގައި މަސައްކަތް ކުރާ މުވައްޒަފަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވުމާ ގުޅިގެން އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަމުން ދާ ކަމަށެވެ. އެގޮތުން ކޮންޓެކްޓް ޓްރޭސިން ހެދުމާއި މަޖިލީހުގެ އިދާރާ ޑިސްއިންފެކްޓް ކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުން ކަމަށް މަޖިލީހުން ބުނެއެވެ. އަދި ކޮވިޑް-19 އާ ގުޅިގެން އާންމު ކޮށްފައި ވާ އުސޫލުތަކާ އެއްގޮތަށް ރައްކާތެރި ކަމުގެ ފިޔަވަޅުތައް އެޅުމަށް ފަހު މަޖިލީހުގެ މަސައްކަތް މަޖިލީހުގެ އިދާރާގައި ކުރިއަށް ދާ ކަމަށް މަޖިލީހުން ބުނެއެވެ.
މާލެ ސިޓީގައި އިއުލާން ކޮށްފައި ވާ ލޮކްޑައުނަށް ލުއިދިނުމުގެ ކުރިން ރައްކާތެރި ކަމުގެ ފިޔަވަޅު ތަކާއެކު މަޖިލީހުގެ ޖަލްސާތައް ތަޅުމުގައި ވަނީ ބާއްވަން ފަށާފައެވެ. އެގޮތުން އޮންލައިން ކޮށް ފުރަތަމަ ޖަލްސާއެއް ބާއްވާފައި ވަނީ މިދިޔަ މާޗްމަހުގެ 30 ވަނަ ދުވަހެވެ. އަދި އެއަށް ފަހު މެންބަރުން މަޖިލީހަށް ހާޒިރުވެ ރައްކާތެރި ކަމުގެ ފިޔަވަޅު ތަކާއެކު މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދަން ފެއްޓީ މިދިޔަ މަހުގެ 26 ވަނަ ދުވަހުން ފެށިގެންނެވެ.