މާލެއިން ގއ. މާމެންދުއަށް ދިޔަ މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައި ވާއިރު އޭނާ އާ އެކު ފްލައިޓުގައި 40 މީހުން ދަތުރު ކުރި ކަމަށް ކޮވިޑްގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.
މިހާރު ދަރުބާރުގޭގައި ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މަބްރޫކް ވިދާޅުވީ، މާމެންދޫ އިން ޕޮޒިޓިވްވި މީހާ ދަތުރުކުރި ފްލައިޓުގައި 40 މީހުން އޭނާއާ އެކު ދަތުރު ކުރި ކަމަށެވެ. އޭނާ ދަތުރު ކުރި ފްލައިޓް ދިޔައީ ކޫއްޑޫ އަށް ކަމަށާއި ކޫއްޑޫން އެމީހުން ސީދާ ދިޔައީ މާމެންދޫ އަށް ކަަމަށް މަބްރޫކް ވިދާޅުވިއެވެ.
މާމެންދޫއަށް ދިޔަ މީހުންގެ އިތުރުން ދެން އެ ފްލައިޓުގައި ދަތުރުކުރި މީހުންނަކީ ގއ. ގެމަނަފުށީ މީހުން ކަމަށް މަބްރޫކް ވިދާޅުވިއެވެ. އެގޮތުން މިހާރު ގެމަނަފުއްޓާއި މާމެންދޫގައި ކޮންޓެކްޓް ޓްރެށް ކުރުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށް ވެސް މަބްރޫކް ވިދާޅުވިއެވެ.
މާމެންދޫން އޭނާ މާލެއަށް ދަތުރުކޮށްފައި ވަނީ މިދިޔަ މަހުގެ 31 ގައި ކަމަށާއި އޭނާ މާލެއަށް އައިސްފައިވަނީ ބަލިމީހެއްގެ އެހީތެރިއެއްގެ ގޮތުގައި ކަމަށް މަބްރޫކް ވިދާޅުވިއެވެ. މާލޭގައި އޭނާ ގެސްޓް ހައުސެއްގައި ހުރީ އާއިލާގެ އިތުރު ދެމީހަކާ އެކުގައި ކަމަށާއި އަދި މި މަހުގެ 6 ވަނަ ދުވަހު އޭނާ ވަނީ ކޮވިޑަށް ޓެސްޓު ކުރެވިފައި ކަމަށާއި އޭރު އޭނާގެ ނަތީޖާ ނެގެޓިވްވި ކަމަށް ވެސް މަބްރޫކް ވިދާޅުވިއެވެ.
އަދި މި މަހުގެ 13 ވަނަ ދުވަހު އަނބުރާ ރަށަށް ދިޔަ ކަމަށާއި 14 ވަނަ ދުވަހު އޭނާގެ ގައިން ބަލީގެ އަލާމާތްތައް ފެންނާތީ ރިޕޯޓުކޮށްފައިވާ ކަމަށް މަބްރޫކް ވިދާޅުވިއެވެ. އެހެންކަމުން 14 ވަނަ ދުވަހު ސާމްޕަލް ނަގައި ސާމްޕަލް މާލެއަށް ގެނެވުނީ 15 ވަނަ ދުވަހުގެ ރޭ ކަމަށާއި އޭނާގެ ނަތީޖާ ލިބި ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަން އެނގިފައިވަނީ މިއަދު ކަމަށް މަބްރޫކް ވިދާޅުވިއެވެ.
މި ވަގުތު މާމެންދޫއާއި ގެމަނަފުއްޓާ މެދު އަޅާނެ ފިޔަވަލެއް އަދި އެޗްޕީއޭއިން ނިންމާފައެއް ނުވެއެވެ. މިކަމާ ގުޅިގެން އެޗްޕީއޭއިން ބުނީ، އެ ދެ ރަށަށް ދިޔަ މީހުން ތިބީ ހޯމް ކަރަންޓީންގައި ކަމުން އެ ދެރަށާ މެދު އަޅާނެ ފިޔަވަޅަކާ މެދު ގޮތެއް ނިންމޭނީ ކޮންޓެކްޓް ޓްރޭސިން ހެދުމަށް ފަހުގައި ކަމަށެވެ.
މާމެންދޫން މިއަދު ޕޮޒިޓިވްވެފައި ވަނީ އުމުރުން 28 އަހަރުގެ ފިރިހެނެކެވެ. އޭނާއާ އެކު މިއަދު 7 ދިވެއްސަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.