ކޮވިޑަށް ޕޮޒިޓިވް ވި 54 އަހަރުގެ ފިރިހެނަކު ހާލު ސީރިއަސް ވެދާނެ މީހެއްގެ ގޮތުގައި ފާހަގަ ވެފައި ވާ ކަމަށް ކޮވިޑްގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

މިރޭ ދަރުބާރުގޭގައި ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މަބްރޫކް ވިދާޅުވީ، 54 އަހަރުގެ ފިރިހެން މީހާ ކޮވިޑުގެ އިތުރުން އިތުރު ބަލިތަކަށް ފަރުވާ ކުރަމުންދާ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ކޮމްޕލިކޭޝަންސް އައުމަކީ އެކަށީގެންވާ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

މިދިޔަ އާދިއްތަ ދުވަހު ވެސް ސީރިއަސް ހާލަތަށް ގޮސްދާނެ ފަރާތަކަށް ކޮވިޑް ޖެހިފައިވާ ކަމަށް މަބްރޫކް ވަނީ ވިދާޅުވެފައެވެ. އެއީ އުމުރުން 83 އަހަރުގެ މީހެކެވެ. 83 އަހަރުގެ ދިވެއްސަކީ ލޭމައްޗަށް ދިއުމާއި ދިގު މުއްދަތަށް ބޭސްކުރަމުން އަންނަ މީހެއް ކަމުން އިތުރަށް ސީރިއަސް ވެދާނެ ކަހަލަ ބަލިތަކެއް ހުރި މީހެއް ކަމަށް މަބްރޫކް ވިދާޅުވެފައި ވެއެވެ.

މިހާތަނަށް ރާއްޖެއިން މި ބަލި ޖެހުނު އެންމެ އުމުރުން ދޮށީ މީހާގެ އުމުރަކީ 92 އަަހަރެވެ. އުމުރުން 92 އަހަރުގެ ދެމީހުން މިހާރު މިބައްޔަށް ފަރުވާ ކުރަމުން ދާއިރު އެ ދެމީހުންނަކީ ދެ ފިރިހެނުންނެވެ. އެއީ މިމަހުގެ 13 ވަނަ ދުވަހު ޕޮޒިޓިވްވި ކޭސް 2014 އާއި މިދިޔަ މަހުގެ 28 ގައި ޕޮޒިޓިވް ވި ކޭސް 1547 އެވެ.

ރާއްޖޭގައި 65 އަހަރުން މަތީގެ 39 މީހުންނަށް މިބަލި ޖެހިފައި ވާއިރު އޭގެތެރޭގައި ހިމެނެނީ 36 ދިވެހިންނާއި އިޓަލީ ވިލާތުގެ 3 މީހުންނެވެ. އަދި މިވަގުތު މިބައްޔަށް ފަރުވާ ހޯދަމުން ދާ އުމުރުން 65 އަހަރުން މަތީގެ ދިވެހިންގެ ތެރޭގައި 15 މީހުން އެބަތިއްބެވެ.