މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އަށް މިދިޔަ އަހަރުގެ ސާފު ފައިދާގެ ގޮތުގައި 53 މިލިއަން ރުފިޔާ ލިބިއްޖެއެވެ.

ސާފު ފައިދާ 53 މިލިއަނަށް އަރާފައި ވާއިރު ހިއްސާއަކަށް 2 ރުފިޔާ ބަހަން އިއްޔެ ބޭއްވި ޑިރެކްޓަރުންގެ ބޯޑުގެ ބައްދަލުވުމުގައި ވަނީ ނިންމާފައެވެ. ހިއްސާގެ ފައިދާ ލިބޭނީ، 2019 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގެ ނޯޓިސްގައި ބަޔާންކުރާ ތާރީހާ ހަމައަށް ކުންފުނީގެ ރަޖިސްޓްރީގައި ހިމެނޭ ހިއްސާދާރުންނަށް ކަމަށް ވެސް އެމްޓީސީސީން ބުނެއެވެ.

މިދިޔަ އަހަރު ސާފު ފައިދާގެ ގޮތުގައި އެމްޓީސީސީއަށް 53 މިލިއަން ރުފިޔާ ލިބިފައިވާ އިރު މިއަހަރުގެ ފުރަތަމަ ކުއާޓާގެ މާލީ ނަތީޖާ ދައްކާގޮތުން ޓެކުހަށް ކެނޑުމުގެ ކުރިން ސާފު ފައިދާގެގޮތުގައި އެ ކުންފުންޏަށް 62.34 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. އަދި އެއީ މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓާގެ ނަތީޖާއާ އަޅާބަލާއިރު 310.54 ޕަސެންޓް އިތުރު އަދަދެކެވެ.

ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ގެ ސަބަބުން އެ ކުންފުނީގެ އެކި ވިޔަފާރިތަކަށް ކުރަމުންދާ އަސަރު ކުޑަކުރުމަށް އަޅަންޖެހޭ އެންމެހާ ފިޔަވަޅުތަކާއި އިސްތިރާޖީ ޕްލޭންތައް އެކުލަވާލައި، ހާލަތު ބަދަލުވަމުންދާ މިންވަރަށް ރިއާޔަތްކޮށް މުރާޖައާ ކުރަމުން ގެންދާ ކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ. ނަމަވެސް ކޮވިޑް-19 އާ ގުޅިގެން ކުންފުނީގެ ވިޔަފާރީގެ މައިގަނޑު ދާއިރާތަކުން ހާސިލްކުރަން ބޭނުންވާ ލަނޑުދަޑިތަކާއި މާލީ ނަތީޖާ ހޯދުމަށް މިއަހަރުގެ ކުރިއަށް އޮތް ބައިގައި ގިނަ ގޮންޖެހުންތަކެއް ކުރިމަތިވާނެކަމަށް ބެލެވޭ ކަމަށް ވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.

އެމްޓީސީސީ އަކީ ސަރުކާރުގެ އެންމެ ގިނަ މަޝްރޫއު ހިންގާ އެއް ކުންފުންޏަށް ވާއިރު އެ ކުންފުނީގެ ތެރޭގައި ކޮރަޕްޝަން މަގުފަހިވާ ކަންކަން ހިންގާފައިވާ ކަމަށް ބެލެވިގެން އެކަންކަން ތަހުގީގު ކުރުމަށް މިހާރު ވަނީ އޭސީސީއަށް މައްސަލަ ހުށަހަޅާފައެވެ. އަދި ކުންފުނީގެ ސީއެފްއޯ މުހަންމަދު ހިލްމީ އާއި ޖެނެރަލް މެނޭޖަރު، ޓްރޭޑް އިސްމާއިލް އަދުހަމް ވަނީ ކުއްލި ގޮތަކަށް މަގާމުން ވަކިކޮށްފައެވެ.