ދިރާގާއި ރާއްޖޭގެ ގޭމް ޑިވެލޮޕާ އެއް ކަމަށްވާ "އާސިލްސް" ގުޅިގެން ރާއްޖޭގެ ފުރަތަމަ އޮންލައިން މަލްޓި ޕްލެޔާ ނުވަތަ އެކަކަށް ވުރެ ގިނަ މީހުންނަށް އެއްފަހަރާ ކުޅެވޭ މޯބައިލް ގޭމެއް ތައާރަފުކޮށްފިއެވެ.

"ތަކުރު ވޯރސް" ކިޔާ މި ގޭމަކީ ދިވެހި ރާއްޖޭގެ އާދަކާދައާ، ތާރީހާއި ސަގާފަތާ ގުޅުވައިގެން ތައްޔާރުކޮށްފައިވާ ގޭމެކެވެ. މި ގޭމުން ދައްކުވައިދޭނީ ދިވެހި ކެރެކްޓާ ތަކާއި މާހައުލުތަކެވެ. މި ގޭމްގައި މައިގަނޑު 5 ދިވެހި ކެރެކްޓާސް އުޅޭނެއެވެ. އަދި ބޭނުން ގޮތަކަށް މި ކެރެކްޓާތައް ކަސްޓަމައިޒް ވެސް ކޮށްލެވޭނެއެވެ.

މި ކެރެކްޓަރ ތަކުގައިވާ "ސުޕަ ޕަވާސް" އަދި ހާއްސަ ހަތިޔާރުތައް ބޭނުންކޮށްގެން އެހެން ގޭމާސް އާ ވާދަކޮށް ލީޑާބޯޑްގެ އެންމެ ކުރިއަށް އެރުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މި ގޭމް މިހާރު ޕްލޭ ސްޓޯ އަދި އެޕް ސްޓޯ އިން ހިލޭ ޑައުންލޯޑް ކުރެވޭނެއެވެ.

ގޭމް އުފެއްދި އާސިލްސްގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ޝާފިއު ވިދާޅުވީ ރާއްޖޭގައި ގޭމް އުފެއްދުމަކީ އަަބދުވެސް ދެކެމުން އައި ހުވަފެނެއް ކަމަށާއި ކުންފުނި ހެދުމުގެ މަގުސަދަކީ ވެސް އެއީ ކަމަށެވެ. އެހެންކަމުން މި ހުވަފެން ހަގީގަތަކަށް ވުމުން އެކަމާ ވަރަށް އުފާކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ. ޝާފިއު ވިދާޅުވީ މި މަސައްކަތުގައި ދިރާގުން ލިބުނު އެހީތެރިކަން ވަރަށް ބޮޑަށް ފާހަގަކުރާ ކަމަށާއި، ދިރާގާ އެއްކޮށް މަސައްކަތްކޮށްލުމުގެ ފުރުސަތު ލިބުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

މި ގޭމާ ގުޅޭގޮތުން، ދިރާގުގެ މެނޭޖާ ބިޒްނަސް ޑިވެލޮޕްމަންޓް އަހުމަދު ޝިނާއު އަބްދުލް ގާދިރު ވިދާޅުވީ، ދިރާގުން އަބަދުވެސް މަސައްކަތްކުރަމުން ދަނީ ޒަމާނީ ވަސީލަތްތައް މެދުވެރިކޮށް ކަސްޓަމަރުން އެކަކު އަނެކަކާ ގުޅުވައިދިނުމަށް ކަމަށެވެ. އެގޮތުން، އިޖުތިމާއީ ގައިދުރުކަން އިސްކުރަން ޖެހިފައިވާ މި ދަނޑިވަޅުގައި ކަސްޓަމަރުން މުނިފޫހިފިލާ، ރައްޓެހިންނާ އާއިލާއާ އެކު ދުރުގައި ހުއްޓަސް އެކީ ކުޅެވޭނެ ކަހަލަ މަޖާ ގޭމަކަށް މި ގޭމް ވެގެން ދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ދިރާގުންބުނީ ދިވެހި ޑިވެލޮޕަރުންނާއި ގުޅިގެން، ދިވެހި ގޭމިން ކޮމިއުނިޓީގެ މޮބައިލް ގޭމިން ތަޖުރިބާ ރަނގަޅު ކުރުމުގެ މަސަކަތުގައި ބައިވެރިވުމަކީ ވަރަށް އުފާކުރާ ކަމެއް ކަމަށެވެ.