މިހާރުވެސް އިސްރާއީލުން ވެރިވެގެންފައިވާ ފަލަސްތީނުގެ ހުޅަނގު އައްސޭރީގެ މުހިންމު ބިންތަކެއް، ޖުލައި 1 ވަނަ ދުވަހުން ފަށައިގެން އިސްރާއީލުގެ ބާރުގެ ދަށަށް ގެންދިއުމަށް އިސްރާއީލުގައި އަލަށް އެކުލަވާލި ކޯލިޝަން ސަރުކާރުން ނިންމާފައިވާ ނިންމުން ތަންފީޒު ކުރުން ވެގެން ދާނީ، ބައިނަލްއަގުވާނީ ގާނޫނާ ހިލާފު ކަމަކަށް ކަމަށާ، މި ކަމަކީ ބައިނަލްއަގުވާމީ މުޖުތަމައުން މާނަ ހުރި ގޮތެއްގައި އެކަމަކާ ދެކޮޅަށް ތެދުވަންޖެހޭ ކަމެއް ކަމަށް އދގެ ތަޖުރިބާކާރުންގެ ޓީމަކުން ގޮވާލައްވައިފިއެވެ.

އިންސާނީ ހައްގުތަކަށް ވަކާލާތު ކުރާ 50 އަށްވުރެ ގިނަ ތަޖުރިބާކާރުން ގުޅިވަޑައިގެން އާންމު ކުރެއްވި ބަޔާން ބުނާ ގޮތުގައި، އިސްރާއީލުން މި ބިންތައް ހިސޯރު ކުރުން ވެގެން ދާނީ އދގެ ޗާޓަރާ، ޖެނީވާ ކޮންވެންޝަންތަކާ ހިލާފުވުމުގެ އިތުރުން، އދގެ ސަލާމަތީ މަޖިލީހާ އާންމުން މަޖިލީހުން ކަނޑައަޅާފައިވާ ކަންކަމާވެސް ހިލާފު ކަމަކަށް ކަމަށެވެ. އެހެން ބައެއްގެ ބިމެއް ހިސޯރު ކުރުމަކީ ބައިނަލްއަގުވާމީ މުޖުތަމައުން ކަނޑައެޅިގެން ދެކޮޅު ހަދާފައިވާ ކަމެއް ކަމަށާ، އެހެނީ މިފަދަ އަމަލުތަކުގެ ސަބަބުން ހަނގުރާމަތައް އުފެދި، އިގުތިސޯދު އިނދަޖެހި، ސިޔާސީ ހަމަނުޖެހުން އައިސް، އިންސާނީ ހައްގުތައް ނިގުޅައިގަނެވި، އިންސާނީ ހަޟާރާތު ތަކުލީފެއްގެ ތެރެއަށް ވައްޓާލާ ކަންކަމަށް ވާތީ ކަމަށްވެސް މި ބަޔާނުގައިވެއެވެ.

އިސްރާއީލުން ގައިރު ގާނޫނީ ޔަހޫދީ އާބާދުތައް ކުރިއަށް ގެންދަން ކަނޑައަޅާފައިވާ އީ1 ޒޯން/ފޮޓޯ: އަމާރު އަވާދު

ކަންމިހެން އޮތްއިރު، އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް އިސްކޮށް ހުންނަވައިގެން ހިންގަވާ މެދުއިރުމަތީގެ ސުލްހައިގެ މަޝްރޫއިންވަނީ އިސްރާއީލުގެ ނިންމުންތައް ބަލައިވެސްގެންފައެވެ.

އދގެ ތަޖުރިބާކާރުންގެ ޕެނަލުން ފާހަގަކުރެއްވި ގޮތުގައި، ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ދެމުންދާ ލާއިންސާނީ އަނިޔާތަކުގެ މައިގަނޑު މަސްދަރަކީ 53 އަހަރެއްހާ ދުވަސް ވަންދެން އެ ބިންތަކަށް ވެރިވެގެންފައިވާ އިސްރާއީލެވެ. މި ބިންތަކުގައި ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކަކީ، އިސްރާއީލުން ހިންގާ ބިންތައް ހިސޯރު ކުރުމުގެ އާ މަޝްރޫއާއެކު އިތުރަށް ގަދަވެގެން ދާނެ ޖަރީމާތަކެއް ކަމަށްވެސް އދގެ ތަޖުރިބާކާރުންގެ ޕެނަލުން ވަނީ އިންޒާރު ކުރައްވާފައެވެ.

ފަލަސްތީނުގެ ބިންތަކުގައި އިސްރާއީލުން އާބާދުކޮށްފައިވާ ސަރަހައްދެއް/ފޮޓޯ: އޭއެފްޕީ

މިއާއެކު އުފެދިގެންދާނީ ފަލަސްތީނުގެ 'ބެންޓުސްޓާން' އެއް ކަމަށްވެސް އދގެ ތަޖުރިބާކާރުންގެ ޕެނަލުން ވަނީ އިންޒާރު ކުރައްވާފައެވެ. މި ހާލަތަކީ ބޭރު ދުނިޔެއާއި ހުރިހާ ގޮތަކުން ގުޅުންކެނޑިފައިވާ ގޮތަށް، އެއްގަމު މަގުން އެކަހެރިކުރެވިފައިވާ ބިމެއްގެ ވަށައިގެން އިސްރާއީލުގެ ކޮންޓްރޯލް ފަތުރާލާފައި އޮންނަ ހާލަތެކެވެ.

ކަންމިހެން އޮތްއިރު މި ޖަރީމާތައް ހުއްޓުވުމަށް އިސްރާއީލު ޖަވާބުދާރީ ކުރުވުމަކީ މިހާރުން މިހާރަށް އެންމެ ބޮޑު އިސްކަމެއް ދޭންވީ ކަންތައް ކަމަށް، އދގެ ތަޖުރިބަކާރުންގެ ޕެނަލުން ވަނީ ބައިނަލްއަގުވާމީ މުޖުތަމައަށް ގޮވާލައްވާފައެވެ. އަދި އިސްރާއިރުގެ ޣައިރު ގާނޫނީ ނިންމުންތަކަށް އެމެރިކާއިން ތާއީދު ކުރަމުންދާކަމާ މެދު އިންތިހާއަށް ހިތާމަ ކުރާކަމަށްވެސް އދގެ ތަޖުރިބާކާރުންގެ ޕެނަލުން އާންމު ކުރެއްވި ބަޔާނުގައި ވެއެވެ.

އިސްރާއީލު ފުލުހުން މަރާލި އިޔަދު ހައްލާގު (ވ)ގެ އާއިލާ މެމްބަރަކު އޭނާގެ ފޮޓޯއެއް ދައްކާލަނީ/ފޮޓޯ: އޭއެފްޕީ

އިސްރާއީލުގައި އެކުލަވާލި ގުޅިފައިވާ އާ ސަރުކާރުން ހިސޯރު ކުރާނެ ކަމަށް ބުނެފައިވާ ބިންތަކުގެ ތެރޭގައި އުރުދުން ވާދީގެ ބޮޑު ސަރަހައްދަކާ، ހުޅަނގު އައްސޭރީގައި މިހާރުވެސް އިސްރާއީލުން ގަވައިދާ ހިލާފަށް ވަޒަންވެރިކޮށްފައިވާ 235 އާބާދެއް ހިމެނެއެވެ. މިއީ ހުޅަނގު އައްސޭރީގެ، ގާތްގަނޑަކަށް 30 ޕަސެންޓްއެވެ.