މިހާތަނަށް ކޮވިޑް ޖެހިގެން ފަރުވާ ހޯދަމުންދާ މީހުންގެ ތެރެއިން ހާއްސަ ސަމާލުކަމެއް ދީގެން ފަރުވާ ދޭންޖެހޭ 13 ފަރާތެއް އެބަތިބި ކަމަށް ކޮވިޑްގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެެއެވެ.
މިރޭ ދަރުބާރުގޭގައި ކުރިއަށް ދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މަބްރޫކް ވިދާޅުވީ، ޕޮޒިޓިވް ކޭސްތަކުގެ ތެރެއިން އިތުރު ފަރުވާ ދިނުމަށް ނުވަތަ ހާއްސަ ސަމާލުކަމެއް ދީގެން ފަރުވާ ދޭން ޖެހޭ ކަމަށް ފެންނަ 13 ފަރާތެއް އެބަތިބި ކަަމަށެވެ. އެ ގޮތުން ޓްރީޓޮޕްގެ ވޯޑުގައި 4 މީހުން އަދި އައިސީޔޫގައި އެކަކަށް ފަރުވާ ދެމުން ދާކަމަށް މަބްރޫކް ވިދާޅުވިއެވެ. މީގެ އިތުރުން ހުޅުމާލެ މެޑިކަލް ފެސިލިޓީގައި 8 މީހަކަށް ފަރުވާ ދެމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
މިހާތަނަށް ރާއްޖޭގައި ކޮވިޑް ޖެހިފައިވާ މީހުންގެ އަދަދު ވަނީ 2120 އަށް އަރާފައެވެ. އެ ގޮތުން މިއަދު 26 މީހުން ކޮވިޑަށް ޕޮޒިޓިވް ވެފައިވާ އިރު މިއަދު މިބަލިން ރަނގަޅުވެފައި ވަނީ 7 މީހުންނެވެ. މިއާއެކު ރާއްޖެއިން މިބަލިން ރަނގަޅުވި މީހުންގެ އަދަދު މިވަނީ 1677 އަށް އަރާފައެވެ. އަދި މިވަގުތު މި ބައްޔަށް ފަރުވާ ހޯދަމުން ދަނީ 433 މީހުންނެވެ.
މިހާތަނަށް އައި އިރު ރާއްޖެއިން މި ބަލި ޖެހިގެން 8 މީހަކު ވަނީ މަރުވެފައެވެ. އޭގެތެރޭގައި ހިމެނެނީ 83 އަހަރުގެ ދިވެހި އަންހެނަކާއި 33 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކާއި 80 އަހަރުގެ ދިވެހި ފިރިހެނަކާއި 88 އަހަރުގެ ދިވެހި ފިރިހެނަކާއި 45 އަހަރުން ބަންގްލަދޭޝް ފިރިހެނެއްގެ އިތުރުން 54 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކާއި 89 އަހަރުގެ ދިވެހި އަންހެނަކާއި 38 އަހަރުގެ ބަންގްލަދޭޝް ފިރިހެނެކެވެ.
އަދި މިހާތަނަށް ރާއްޖޭގައި މިބަލި 133 ކުޑަކުދިންނަށް ޖެހިފައިވާއިރު މިހާރު މިބައްޔަށް ފަރުވާ ހޯދަމުން ދަނި 24 ކުދިންނެވެ. މިއަދު ބަލިން ރަނަގޅުވި 7 މީހުންގެ ތެރޭގައި 2 ކުދިން ހިމެނެއެވެ. އަދި މިހާތަނަށް ރާއްޖޭގައި 65 އަހަރުން މަތީގެ 39 މީހުންނަށް މިބަލި ޖެހިފައިވާއިރު އޭގެތެރޭގައި ހިމެނެނީ 36 ދިވެހިންނާއި އިޓަލީ ވިލާތުގެ 3 މީހުންނެވެ. އަދި މިވަގުތު މިބައްޔަށް ފަރުވާ ހޯދަމުން ދާ އުމުރުން 65 އަހަރުން މަތީގެ ދިވެހިންގެ ތެރޭގައި 15 މީހުން އެބަތިއްބެވެ.