ރައްޔިތުުންގެ މަޖިލީސް އިދާރާގައި މަސައްކަތް ކުރަމުންދާ މުވައްޒަފަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވުމާ ގުޅިގެން އެ އިމާރާތް މޮނިޓަރިންގެ ހާލަތަށް ގެންގޮސްފިއެވެ.
"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން ރައްޔިތުން މަޖިލީހުގެ މީޑިއާ ޑިރެކްޓާ ހަސަން ޒިޔާއު ވިދާޅުވީ މަޖިލީހުން ޕޮޒިޓިވް ވެފައި ވަނީ މެއިންޓަނަންސް އިދާރާގައި މަސައްކަތް ކުރާ މުވައްޒަފެއް ކަމަށެވެ. އަދި މިހާރު މަޖިލީސް ކުރާގެ މޮނީޓަރިންއަށް ލާފައިވާ ކަމަށްވެސް ޒިޔާއު ވިދާޅުވިއެވެ.
މީގެ އިތުރުން ޒިޔާއު ވިދާޅުވީ މަޖިލިސް ޖަލްސާތައް ބާއްވާނެ ގޮތްތައް ކުރިއަށް އޮތް ތަނުގައި އަންގަމުންދާނެ ކަމަށެވެ.
ކޮވިޑް-19ގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ މިހާރު ކުރިއަށް ދަނީ މަޖިލިސް ޑިސްއިންފެކްޓް ކުރުމާއި ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކަމަށެވެ. އެ މަސައްކަތްތައް ނިމުނުހާ އަވަހަކަށް މަޖިލިސް ހުޅުވާ އަލުން އެ އިދާރާގެ މަސައްކަތްތައް ފަށާނެ ކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ މުވައްޒަފަކު ކޮވިޑަށް ޕޮޒިޓިވް ވުމުންވެސް އެ މުވައްޒަފު ޕޮޒިޓިވް ވެފައިވާކަން އެހެން މުވައްޒަފުންނަށް ނާންގާ ސިއްރު ކުރި މައްސަލައެއް ވަނީ ފެންމަތިވެފައެވެ. ބައެއް މެންބަރުން ވިދާޅުވަނީ އެ އިދާރާގެ މުވައްޒަފު ޕޮޒިޓިވް ވި އިރު އެ މުވައްޒަފާއި ޑައިރެކްޓުކޮށް ކޮންޓެކްޓުވި އެހެން މުވައްޒަފުންވެސް މަޖިލީހުގައި އެބަތިބި ކަމަށެވެ.
އެގޮތުން މަޖިލީހުގައި މަސައްކަތްކުރާ މުވައްޒަފަކު ޕޮޒިޓިވް ވެފައިވާ ކަމަށް ބުނެ އެކަން ސިއްރު ކުރަމުން ދާތީ މަޖިލީސް އިދާރާއިން ވަނީ މަޖިލީހުގެ މުވައްޒަފުންގެ ގުރޫޕުގައި އެވާހަކަ ހިއްސާކޮށްފައެވެ.
އެ ގްރޫޕަށް ފޮނުވާފައިވާ މެސެޖްގައި ވާގޮތުން ހިއުމަން ރިސޯސް ޑިޕާޓްމެންޓުން ކޮވިޑު-19 އަށް ޕޮޒިޓިވް ވެފައިވާ އެ މުވައްޒަފު އެންމެ ފަހުން މަޖިލީހަށް ގޮސްފައި ވަނީ މިމަހުގެ 15 ވީ ހޯމަ ދުވަހު ކަމަށާއި 13 ޖޫން އިން ފެށިގެން 15 ޖޫން އާ ހަމައަށް އެ މުވައްޒަފާ މެދު ނުކެނޑި 15 މިނެޓަށް ވުރެ ގިނަ ވަގުތު ފޭސް ޓު ފޭސް އަށް ބައްދަލުވި މުވައްޒަފުން އެޗްއާރު ހޮޓްލައިންއަށް ރިޕޯޓު ކުރުމަށް ވަނީ އަންގާފައެވެ.
މަޖިލީސް އިދާރާގައި މަސައްކަތް ކުރާ މުވައްޒަފަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި ވާއިރު، މާލެ ސިޓީގައި އިއުލާންކޮށްފައިވާ ލޮކްޑައުނަށް ލުއިދިނުމުގެ ކުރިން ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު މަޖިލީހުގެ ޖަލްސާތައް ތަޅުމުގައި ވަނީ ބާއްވަން ފަށާފައެވެ. އެގޮތުން އެންމެ ފުރަތަމަ ޖަލްސާ ބާއްވާފައި ވަނީ މިދިޔަ މަހުގެ 26 ވަނަ ދުވަހެވެ.
މާސްކް އަޅައި އިޖުތިމާއީ ގައިދުރުކަމާއެކު މަޖިލީހުގެ ޖަލްސާ ފަށައިފައި ވާއިރު، މަޖިލީހުގެ ޖަލްސާތައް ކުރިއަށް ދަނީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ގައިދުރު ކުރުކަން ބެހެއްޓުމަށް މޭޒެއްގައި ވެސް އެއް މެމްބަރު އިންނަވާއިރު ބާކީ މެމްބަރުން ތިއްބެވީ ވަކިން ގައިދުރު ކަމާ އެކު ގޮނޑިތަކުގައެވެ. ކޮންމެ މެންބަރެއްގެ ދޭތެރޭ މަދުވެގެން ދެ މޭޒު ދޫކޮށްފައިވާ ގޮތަށެވެ.
މަޖިލީހުގައި މިމަހުގެ 2 ވަނަ ދުވަހު ހިންގި މާރާމާރީއާ ގުޅިގެން އިދިކޮޅު ކޯލިޝަންގެ މެންބަރުން އަންނަނީ މަޖިލީހުގެ ޖަލްސާތައް ބޮއިކޮޓް ކުރަމުންނެވެ. އެގޮތުން މިމަހުގެ ހަތް ވަނަ ދުވަހުން ފެށިގެން އިދިކޮޅު ކޯލިޝަންގެ މެންބަރުން އަންނަނީ ޖަލްސާތައް ބޮއިކޮޓް ކުރަމުންވެ.
މަޖިލީހުން ކޮވިޑް ފެނިފައިވާއިރު އިއްޔެނޫން އިހަށްދުވަހު މަޖިލީހުގެ އިދާރަގައި ވަނީ ނޫސްވެރިން ގެންގޮސްގެން ނޫސްވެރިންގެ ބައްދަލުވުމެއްވެސް ބާއްވާފައެވެ.