ރައްޔިތުންގެ މަޖިލީހުގެ އިދާރީ މުވައްޒަފެއް ކޮވިޑް-19އަށް ޕޮޒިޓިވް ވެއްޖެއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން ރައްޔިތުން މަޖިލީހުގެ މީޑިއާ ޑިރެކްޓާ ހަސަން ޒިޔާއު ވިދާޅުވީ މަޖިލީހުގެ މެއިންޓަނަންސް އިދާރާގެ މުވައްޒަފަކު ޕޮޒިޓިވް ވެފައިވާ ކަމަށެވެ.

މިހާރު މަޖިލިސް ބަންދުކޮށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އާ ގުޅިގެން މަޖިލިސް ޑިސްއިންފެކްޓް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އޭގެ އިތުރުން މިވަގުރު ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ވެސް ކުރިއަށްދާ ކަމަށް ޒިޔާއު ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ މުވައްޒަފަކު ކޮވިޑަށް ޕޮޒިޓިވް ވުމުންވެސް އެ މުވައްޒަފު ޕޮޒިޓިވް ވެފައިވާކަން އެހެން މުވައްޒަފުންނަށް ނާންގާ ސިއްރު ކުރި މައްސަލައެއް ވަނީ ފެންމަތިވެފައެވެ. ބައެއް މެންބަރުން ވިދާޅުވަނީ އެ އިދާރާގެ މުވައްޒަފު ޕޮޒިޓިވް ވި އިރު އެ މުވައްޒަފާއި ޑައިރެކްޓުކޮށް ކޮންޓެކްޓުވި އެހެން މުވައްޒަފުންވެސް މަޖިލީހުގައި އެބަތިބި ކަމަށެވެ.

މަޖިލީހުގައި މަސައްކަތްކުރާ މުވައްޒަފަކު ޕޮޒިޓިވް ވެފައިވާ ކަމަށް ބުނެ އެކަން ސިއްރު ކުރަމުން ދާތީ މަޖިލީސް އިދާރާއިން ވަނީ މަޖިލީހުގެ މުވައްޒަފުންގެ ގުރޫޕުގައި އެވާހަކަ ހިއްސާކޮށްފައެވެ.

އެ ގްރޫޕަށް ފޮނުވާފައިވާ މެސެޖްގައި ވާގޮތުން ހިއުމަން ރިސޯސް ޑިޕާޓްމެންޓުން ކޮވިޑު-19 އަށް ޕޮޒިޓިވް ވެފައިވާ އެ މުވައްޒަފު އެންމެ ފަހުން މަޖިލީހަށް ގޮސްފައި ވަނީ މިމަހުގެ 15 ވީ ހޯމަ ދުވަހު ކަމަށާއި 13 ޖޫން އިން ފެށިގެން 15 ޖޫން އާ ހަމައަށް އެ މުވައްޒަފާ މެދު ނުކެނޑި 15 މިނެޓަށް ވުރެ ގިނަ ވަގުތު ފޭސް ޓު ފޭސް އަށް ބައްދަލުވި މުވައްޒަފުން އެޗްއާރު ހޮޓްލައިންއަށް ރިޕޯޓު ކުރުމަށް ވަނީ އަންގާފައެވެ.

ކޮވިޑް-19ގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ މަޖިލިސް ޑިސްއިންފެކްޓް ކުރުމާއި ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ނިމުނުހާ އަވަހަކަށް މަޖިލިސް ހުޅުވާ އަލުން އެ އިދާރާގެ މަސައްކަތްތައް ފަށާނެ ކަމަށެވެ.