ކޮވިޑް-19ގެ ސަބަބުން ކުރިމަތިވެފައިވާ މާލީ ދަތިކަމުގެ ތެރޭގައި ކުއްޔަށް އުޅޭ ގެއިން ނެރުމުގެ ކުރިން ދެ މަސް ދުވަހުގެ ނޯޓިސް އެބަޔަކަށް ދޭން ލާޒިމުކޮށް ސަންސެޓް ގާނޫނެއް މިއަދު މަޖިލީހަށް ހުށަހަޅައިފިއެވެ.
ސަރުކާރުގެ ފަރާތުން އެ ބިލު މަޖިލީހަށް ހުށަހެޅުއްވީ ފުވައްމުލަކު މެދު ދާއިރާގެ އެމްޑީޕީގެ މެންބަރު ހުސައިން މުހައްމަދު ދީދީއެވެ.
ބިލު ހުށަހަޅުއްވަމުން ހުސައިން މުޙައްމަދު ދީދީ ވިދާޅުވީ ވަރަށް ގިނަ ފާޑުކިޔުންތަކެއް އެ ބިލަށް އަމާޒުވި ކަމަށާއި އެހެންކަމުން މެންބަރުންނަށް ފެނިވަޑައިގަންނަވާ ގޮތަކަށް އިސްލާހު ހުށަހަޅުއްވާ ރައްޔިތުންނަަށް ވީހާވެސް ގިނަ ފައިދާ ލިބޭގޮތަށް ފާސްކުރުމަށެވެ. ސަރުކާރުގެ ފަރާތުން އެ ބިލު ފަރުމާ ކޮށްފައިވާގޮތާއި މެދު ގިނަ މެމްބަރުން ވަނީ ފާޑުވިދާޅުވެފައެވެ. އަދި ގިނަ އިސްލާހުތަކެއް ހުށަހަޅުއްވަން ބޭނުންވާ ކަމަށް ގިނަ މެންބަރުންވަނީ ފާހަގަކުރައްވާފައެވެ.
އެ ބިލުގައިވާ ގޮތުން "ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ ބިލު 2020" ގައި ބުނެފައި ވަނީ އެގްރިމެންޓަކާ ނުލައި ކުއްޔަށް ދީފައިވާ ތަންތަނުން ވެސް މީހުން ނެރެވޭނީ ނޯޓިސް ދީގެން ކަމަށެެވެ. އަދި ގެއިން ނެރޭއިރު އިޖުރާތްތަކެއް ފުރިހަމަ ކުރުމަށް ވެސް އެ ބިލުން ލާޒިމްކުރެއެވެ.
އިތުރަށް އެ ބިލުގައި ބުނެފައި ވަނީ ނޯޓިސް ދޭ މުއްދަތުގެ ތެރޭގައި އެ ގެއަކުން އަސާސީ ހިދުމަތްތައް ކަނޑާލައިގެން ނުވާނެ ކަމަށާއި ކުއްޔަށް އުޅޭ މީހުންގެ މިނިވަންކަމަށް ހުރަސް އެޅޭނެ އެއްވެސް ކަމެއް ތަން ކުއްޔަށް ދީފައި ހުންނަ ފަރާތުން ކޮށްގެން ނުވާނެ ކަމަށެވެ. އެކަންކަމާ ހިލާފަށް އަމަލުކުރާ މީހުންނަށް ކަނޑައަޅާފައިވާ އަދަބަކީ 5،000 ރުފިޔާއިން އިން ޖޫރިމަނާ ކުރާނެ ކަމަށްވެސް އެ ބިލުގައި ވެއެވެ.
އެ ބިލުގައި ސަރުކާރަށް ލާޒިމް ކޮށްފައިވާ ކަންކަންތައްތަކުގެ ތެރޭގައި ދިރިއުޅޭނެ ތަނެއް ނެތް މީހުންނަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދިނުމާއި ކާބޯތަކެތި ހޯދޭނެ ގޮތެއް ނެތި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވުމާއި މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހުންނަށް ވަގުތީ ފަރުވާ ދެވޭނެ އިންތިޒާމް ހަމަޖެއްސުން އެ ބިލުގައި ހިމެނެއެވެ.
އެ ބިލުގައި އެހެނިހެން ކަންކަމުގެ ތެރޭގައި ކަނޑައަޅާފައިވަނީ ޓެކުހާ ގުޅޭގޮތުން ލުއިތައް ދެވޭނެ ގޮތާއި އެކަމާގުޅޭ އުސޫލުތަކަކެވެ. އަދި ކޯޓު ތަކުގައާއި ޓްރައިބިއުނަލް ތަކުގައި އޯޑިއޯ ނުވަތަ ވީޑިއޯ ލިންކް މެދުވެރިކޮށް މައްސަލަތައް ކުރިއަށް ގެންދެވޭނެ ގޮތް ހަމަ ޖެއްސުމަށްވެސް މި ބިލުން މަގުފަހިކޮށްދީ ފައިވެއެވެ.