ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވަރިކަމުގައި މި ގައުމުގައި ބަޣާވާތަކަށް ޖާގައެއް ނުދެއްވާނެ ކަމަށް ހުޅުހެންވޭރު ދާއިރާގެ ކުރީގެ މެންބަރު އަދި މަޖިލީހުގެ ކުރީގެ ނައިބު ރައީސް މޫސާ މަނިކު (ރީކޯ މޫސަ) ވިދާޅުވެއްޖެއެވެ.
މޫސަ އެފަދައިން ވިދާޅުވެފައި ވަނީ މި ވަރިކަން ވެއްޓުމަށް މަލަމަތި އުޖާލާވެ ނިމެން ކައިރިވެފައިވާ ކަމަށް ވިދާޅުވެ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ކުރެއްވި ޓްވީޓަކަށް ރައްދު ދެއްވާއެވެ.
މޫސަ ވިދާޅުވީ ރައީސް ސޯލިހް ބަޣާވާތަކަށް ޖާގައެއް ނުދެއްވާނެ ކަމަށާއި 2023 ވަނަ އަހަރުގެ އިންތިހާބަށް ވިސްނުމަށާއި ހުރިހާ ވެރިކަމެއް ވައްޓާލުމުގެ ހިޔާލު ދޫކޮށްލަން ޖެހޭ ކަމަށާއި އޭގެ އެއް މިސާލަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ދައުރުގެ ތެރެއިން ވައްޓާލެވިފައި ނުވާކަން ކަމުގައި ވަނީ ފާހަގަ ކުރައްވާފައެވެ.
ޑރ. ޖަމީލް ކުރައްވި ޓްވީޓްގައި ވިދާޅުވެފައި ވަނީ މި ސަރުކާރުން ވެރިކަން ކުރަމުން ދަނީ "ހުތުރު" ކޮށް ކަމަށާއި ވާހަކަ ދެއްކުމުގައި ކިޔައި އުޅޭ ބަސްމަގު ހަޑި ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހަކީ އެމްޑީޕީގެ ހަރުގެ އަކަށް ވެފައިވާ ކަމަށެވެ. އަދި ފުލުހުންނާއި ސިފައިންނަކީ ގައުމުގެ ފަހުރު ކަމަށާއި އެ ދެ މުއައްސަސާއަކީ ގައުމު ގައުމެއްގެ ގޮތުގައި އޮތުމުގެ ސަބަބު ކަމަށްވެސް ޑރ. ޖަމީލް ވިދާޅިވިއެވެ. އަދި 2008 ވަނަ އަހަރު ފުލުހުންނަށް އެމްޑީޕީން ފުރައްސާރަ ކޮށްފައި ވާއިރު، އެކަން އަދިވެސް "ހަޖަމު" ނުކުރެވޭ ކަމަށްވެސް ޑރ. ޖަމީލު ވަނީ ފާހަގަ ކުރައްވާފައެވެ.
ޑރ. ޖަމީލް މިފަދައިން ޓްވީޓެއް ކުރައްވާފައި ވާއިރު، ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ފުލުހުންގެ ހިދުމަތުގެ ބިލްގެ ބަހުސްގައި އެމްޑީޕީގެ ބައެއް މެންބަރުން ވަނީ ފުލުހުންގެ އަހުލާގީ މިންގަނޑާއި ފުލުހުންގެ ތައުލީމީ ފެންވަރާ މެދު ފާޑުކިޔާފައެވެ. އެގޮތުން ބައެއް މެމްބަރުން ވިދާޅުވި ގޮތުގައި، ފުލުހުންނަކީ އެއްވެސް އަހުލާގެއް ނެތް ބައެއް ކަމަށާއި ފުލުހުންގެ ވަޒީފާ ދިނުމުގައި، ރަނގަޅު ތައުލީމީ މިންގަނޑަކަށް ނުބަލާކަން އެ މެންބަރުން ވަނީ ފާހަގަ ކުރައްވާފައެވެ.