ފަހުގެ ތާރީހެއްގައި ދުނިޔެ ދުށް އެންމެ ނުރައްކާތެރި ބަލިމަޑުކަމުގެ ގޮތުގައި ސިފަކުރަމުން އަންނަ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އާ ގުޅިގެން ތަންފީޒު ކުރަން ފެށި ހަރުކަށި ލޮކްޑައުންގެ އަމުރުތަކަށް ލުއިދީ، އާ-އާންމު ހާލަތަށް ދިރިއުޅުން ބަދަލު ކުރަން މަޖުބޫރު ނުވާ މީހަކު ނެތެވެ. ބަލިމަޑުކަން އަދިވެސް މުޅިން ފިލާ ގޮސްފައި ނުވާއިރު، ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް އެޅެން އޮތް އެންމެ މުހިންމު އެއް ފިޔަވަޅަކީ މާސްކު ބޭނުން ކުރުމެވެ.
މުޅި ދުނިޔެ އެ އުފެއްދުމަކަށް ބޭނުން ޖެހިފައިވާ މާސްކުގެ ސަޕްލައި ދަށްވެ، ފޮތި މާސްކު ބޭނުން ކުރުމަށް މިއަދު ވަނީ މަޖުބޫރުވެފައެވެ. ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އަދި އެމެރިކާގެ ސެންޓާ ފޮ ޑިޒީޒް ކޮންޓްރޯލް (ސީޑީސީ) އަދި ރާއްޖޭގެ ކަމާބެހޭ ފަރާތްތަކުންވެސް އިރުޝާދު ދެނީ އާންމު ހާލަތުގައި ތިބޭ ފަރާތްތަކުން، އާންމު ތަންތަނަށް ނިކުންނައިރު ފޮތި މާސްކު ބޭނުން ކުރުމަށެވެ. އަދި ފޮތި މާސްކު ބޭނުން ކުރުމާއެކު ޖިސްމާނީ ގައިދުރުކަން ދެމެހެއްޓުންވެސް ލާޒިމެވެ.
ފޮތި މާސްކު ބޭނުންކުރުމުގައި ސަމާލުވާންވީ ކަންތައްތަކެއް އެބަހުއްޓެވެ. އެއީ ތިބާއާއި އަނެކާގެ ފުރާނަ ސަލާމަތް ކުރުމަށް، އެކަމެއްގެ މައުލޫމާތު ކޮންމެހެން އެނގުން މުހިންމު މައުލޫމާތު ތަކެކެވެ.
ކުރަންވީ ކަންތައްތައް
- މާސްކުގައި އަތްލުމުގެ ކުރިން ރަނގަޅަށް އަތް ދޮވުން
- މާސްކުގައި އެއްވެސް ތަނެއް ހަލާކުވެފައި ވޭތޯ ނުވަތަ ހަޑިވެފައި ވޭތޯ ރަނގަޅަށް ބެލުން
- މޫނަށް ރަނގަޅަށް ހެޔޮ ވާރު މާސްކެއް ހޯދާ، މާސްކު އަޅާއިރުވެސް މޫނަށް ހެޔޮ ވަރުކުރުން (އެއްވެސް ފަރާތަކުން ހާއަށް ނުހުންނާނެކަން ކަށަވަރު ކުރުން)
- މާސްކު އަޅާފައި ހުންނައިރު ތިބާގެ އަނގަމައްޗާ، ނޭފަތް އަދި ދަތްދޮޅިވެސް ހުންނަންވާނީ މާސްކުން ނިވާވެފަ
- މާސްކު އަޅައިގެން ހުންނަ ވަގުތުތަކުގައިވެސް މާސްކުގައި އަތް ނުލުން
- މާސްކު ބޭލުމުގެ ކުރިން ރަނގަޅަށް އަތް ސާފު ކުރުން
- މާސްކު ބޭލުމަށްޓަކައި ފުރަތަމަ ނައްޓާނީ ދެ ކަންފަތް ނުވަތަ ބޮލުގެ ފަހަތަށް ވާ ގޮތަށް އޮންނަ ބޭންޑް/ރަބަރު ފަށް
- މާސްކު ބާލަން އުޅޭއިރާ، ބޭލުމަށް ފަހުގައި މޫނާ ވީހާވެސް ދުރެއްގައި މާސްކު ގެންގުޅުން
- މާސްކު ނައްޓާލުމަށްފަހު އަލުން ބޭނުން ކުރަން ގަސްތު ކުރާނަމަ ސާފު ޕްލާސްޓިކް ކޮތަޅަކަށް ލާ ބަންދު ކުރުން
- ކޮތަޅުން މާސްކު ނަގަން ވާނީ ރަބަރު ފަށުގައި ހިފަހައްޓައިގެން
- ސައިބޯނި ނުވަތަ އޯމޯ ފެނުން މާސްކު ދޮވުން. ރަނގަޅީ މާސްކު ދޮވުމަށް، ހޫނު ފެން ބޭނުން ކުރުން. އެންމެ މަދުވެގެން ދުވާލަކު އެއް ފަހަރު މާސްކު ދޮވުން. ހޫނުފެނުން ދޮވެވެން ނެތް ނަމަ އާދައިގެ ފެނުން ދޮވެ، 1 މިނެޓް ވަންދެން ގަދައަށް ފެނުގައި ކައްކާލުން. ކްލޮރީން ބޭނުންކޮށްގެން ދޮންނަނަމަ މާސްކު ދޮވެ ސާފުކޮށް ނިމޭއިރު އޭގައި ކްލޮރީންގެ އަސަރު ހުރެގެން ނުވާނެ
- މާސްކު ބާލާ ނިމިގެން އަދި ނުތާހިރު މާސްކެއްގައި އަތްލުމަށްފަހު ޑަބްލިއުއެޗްއޯގެ އިރުޝާދުތަކާ އެއްގޮތަށް ރަނގަޅަށް ސާފުވާނެހެން އަތް ދޮވުން
ސަމާލުވާންވީ ކޮން ކަމަކަށް
- ހަލާކުވެފައިވާ ނުވަތަ ހަލާކުވެފައިވާ ޒާތަށް ހުންނަ މާސްކު ބޭނުން ނުކުރުމަށް
- މޫނަށް ފިޓުނުވެ ދޫކޮށް ހުންނަ މާސްކު ބޭނުން ނުކުރުމަށް
- ހަމައެކަނި އަނގަޔާ ދަތް ދޮޅީގައި އަޅާ ނޭފަތް ހާމައަށް ނުބެހެއްޓުމަށް
- ތިބާއާއި 1 މީޓަރަށްވުރެ ގާތުގައި މީހަކު ހުރެއްޖެނަމަ އެތަނެއްގައި މާސްކު ނުބޭލުމަށް
- އެ މާސްކެއްގެ ތެރެއިން ނޭވާލާން ދަތިވާ މާސްކެއް ބޭނުން ނުކުރުމަށް
- ހަޑިވެ ތަޣައްޔަރުވެފައިވާ މާސްކާ، ތެމިފައިވާ މާސްކު ބޭނުން ނުކުރުމަށް
- އެހެން މީހުންނާ މާސްކު ހިއްސާ ނުކުރުމަށް
- މާސްކުގައި 3 ލޭޔަރު ހުރިތޯ ކަށަވަރުކުރުމަށް (ބޭރަށް ހުންނަ ލޭޔަރަކީ ފެން ނުވަންނަ ފޮއްޗަކަށް ވުން/ އެތެރެ ލޭޔަރަކީ ފެން ދަމައިގަންނަ ފޮއްޗަކަށް ވުން އަދި މެދު ލޭޔަރަކީ ފިލްޓަރު ކޮށްދޭ ލޭޔަރަކަށް ވުން)
ކޮންމެ ކަމަކާއެކު ޒަމާނީ ބަދަލުތައް އަންނަނާނެކަން ގަބޫލު ކުރަންޖެހެއެވެ. ނަމަވެސް މާސްކަކީ މިއަދު ސަލާމަތީ ހަތިޔާރަކަށް ވެފައިވާއިރު، ޒާމާނީ ފެޝަންގެ އަވާގައި ޖެހުމުގެ ބަދަލުގައި ރައްކާތެރި ކަމުގެ މިންގަނޑުތަކަށް ފެތޭ މާސްކަކަށް ބަރޯސާވުން މުހިންމެވެ.